އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ރޭ ކުޅުނު މެޗުގައި 3-1 އިން ނޯވިޗް ބަލިކޮށްފިއެވެ.
ރޭ ނޯވިޗް ދަނޑުގައި ކުޅުނު މެޗަށް ޗެލްސީ ނުކުތް އިރު، އެޓީމުގެ ކަންކަން އޮތީ އެންމެ ރަނގަޅު ހާލަތުގައެއް ނޫނެވެ. ރަޝިއާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ޗެލްސީގެ ވެރިޔާ، ރަޝިއާގެ ރޯމަން އަބްރަމޮވިޗަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ.
އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒް ވެފައެވެ. އޭގެ ތެރޭގައި ޗެލްސީވެސް ހިމެނެއެވެ.
ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރި ވެރިއަކަށް ވާތީއެވެ.
ދަނޑު ބޭރުން ޗެލްސީއަށް އުނދަގޫ ދުވަހެއް ނަމަވެސް ރޭ މެޗު އެޓީމުން ފެށީ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ 15 މިނެޓުގައި ޗެލްސީން ދެ ގޯލު ޖަހައިފައިވާ އިރު، ގޯލުތައް ޖަހައިދިނީ ޓްރެވާ ޗަލޯބާ އަދި މޭސަން މައުންޓެވެ. ޗަލޯބާ ޗެލްސީގެ ފުރަތަމަ ގޯލު ޖެހީ ކޯނަރެއްގެ އެހީގައެވެ. މައުންޓް ރޭގެ މެޗުގައި ގޯލު ޖެހީ ކައި ހަވާޓްސް ތަނަވަސް ކޮށްދިން ފުރުސަތުގައެވެ. އެ ގޯލަކީ މި ސީޒަންގައި މައުންޓް ޖެހި އަށްވަނަ ގޯލެވެ.
ދެވަނަ ހާފަށް ނުކުމެ ނޯވިޗުން ކުޅުން ރަނގަޅު ކުރިއެވެ. ޗެލްސީގެ ފަހަތަށް ބާރު ބޮޑުކޮށް މެޗުގެ 69 ވަނަ މިނެޓުގައި ނޯވިޗުން ގޯލުވެސް ޖެހިއެވެ. އެ ގޯލަކީ އޭރިއާ ތެރެއިން ޗަލޯބާގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެއްގައި ތޭމޫ ޕޫކީ ޖަހައިދިން ގޯލެކެވެ.
ޗެލްސީން ލީޑު ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރަން ޖެހުނު އިރު، މެޗުގެ ތިންވަނަ ގޯލު އެޓީމަށް ޖަހައިދިނީ ހަވާޓްސްއެވެ. ހަވާޓްސްގެ ގޯލަށް އެސިސްޓް ކޮށްދިނީ ބެންޗުން ކުޅެން ނުކުތް އެންގޯލޯ ކަންޓޭއެވެ. ލީގުގައި ޗެލްސީއަށް ބާކީ 10 މެޗު އޮތް އިރު، ޗެލްސީ ތިންވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓާ އެކުގައެވެ. ފުލުގައި ނޯވިޗް އޮތީ 28 މެޗުން 17 ޕޮއިންޓް ލިބިގެންނެވެ. އެޓީމަށް ރެލިގޭޝަނުން ސަލާމަތްވާން އޮތީ އުނދަގޫ މަގެކެވެ.
ރޭ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، ފިލްޕް ކުޓީނިއޯގެ ގޯލާވެސް އެކު އޮސްޓޮން ވިލާއިން ވަނީ 3-0 އިން ލީޑްސް ބަލިކޮށްފައެވެ. ނިއުކާސަލްއިން ފަހަތުން އަރައި 2-1 އިން ސައުތުހެމްޓަން ބަލިކުރި އިރު، ނިއުކާސަލް މޮޅުކޮށްދިން ގޯލަކީ ބްރެޒިލްގެ ބްރޫނޯ ގިމަރެސް ޖެހި ހިތްގައިމު ގޯލެކެވެ. ވުލްވްސްއިން ރޭ ކުޅުނު މެޗުގައި ވޮޓްފޯޑު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު