ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އިރާނުގެ ފަސް މީހެއްގެ މައްސަލައިގައި ކުރި ދައުވާތައް ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ރޭ "ވަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ދައުވާކުރި ދިވެހި މީހާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައެޅީ ބޯޓު ބަލައިފާސް ކުރިއިރު އާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއިރު އިޖުރާއީ ގޯސްތަކެއް ހަދާފައިވުމުން ކަމަށެވެ.

ޝަފީއު ވިދާޅުވީ އެ ގޯސްތައް އެ ގޮތަށް ހުރުމުން މައްސަލައިގައި ދެންތިބި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ އިތުރަށް ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުން އެ މައްސަލަ އަނބުރާ ގެނެސް ފުލުހުންނަށް މައްސަލަ އަނބުރާ ފޮނުވަން ނިންމާފައިވާ ކަމަށެވެ.

"އެ މައްސަލައިގައި ދައުވާކުރީ ދިވެއްސަކާއި ބިދޭސީންތަކެއްގެ މައްޗަށް. ދިވެހި މީހާގެ ބައިގައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ކަނޑައެޅުއްވީ. ދޯނި ބަލައި ފާސްކުރުމުގައި އަދި ތަހުގީގުގައި އިޖުރާއީ ގޯސްތަކެއް ހުރެ މައްސަލައިގައި ދެންތިބި މީހުންގެ ބައިގައި ވެސް ދައުވާ އިތުރަށް ކުރިއަށް ގެންދެވެން ނެތިގެން މައްސަލަ ކޯޓުން އަނބުރާ ގެނެސް ފުލުހުންނަށް އަނބުރާ ފޮނުވާލުމަށް ނިންމީ،" ޝަފީއު ވިދާޅުވިއެވެ.

އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި، ގާޒީ ބަދަލުވުމުން އަލަށް މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ މައްސަލައިގެ ދައުވާ އިއްވާފައިނުވުމުން އެ މައްސަލަ އަލުން ބެލުމަށެވެ.

އެގޮތުން ޖިނާއީ ކުށެއްގެ ދައުވާ ލިބޭ މީހަކަށް ލިބިދޭ ހައްގުތައް ޝަރީއަތުން ވަނީ ދައުވާ ލިބޭ ފަސް މީހުންނަށް ސާފުކޮށްދީފައެވެ. އެއަށްފަހު ވަނީ ދައުވާ އިއްވުމަށް ދައުލަތަށް އަންގައިފައެވެ. ނަމަވެސް ދައުލަތުން ވަނީ ދައުވާ އިއްވުމަށް ދެކޮޅު ހަދައިފައެވެ. އެއީ ދިފާއީ ވަކީލަށް ދައުވާ ލިބޭ މީހުންނާ އަދި ބައްދަލުކުރެވިފައި ނުވާތީއެވެ.

ޖަދުވަލު އެކެއްގައި މަސްތުވާއެއްޗެއް އެތެރެކުރިކަމުގެ ދައުވާ ލިބޭ ފަސް މީހުންނަށް ދައުލަތުގެ ފަރާތުން އައްޔަކޮށްދެއްވި ދިފާއީ ވަކީލު މަޖީދު އަލީ ވިދާޅުވީ އޭނާއަށް މުވައްކިލުންނާ އެއްވެސް ވަރަކަށް ބައްދަލު ކުރެވިފައި ނުވާ ކަމަށެވެ. އެއީ ތަރުޖަމާނަކު ހަމަނުޖެހުމުގެ ސަބަބުން ކަމަށާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ފަރާތުން ވެސް ތަރުޖަމާނަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މުވައްކިލުންނާ ބައްދަލު ނުވެ ދައުވާ އިއްވައިފިނަމަ ދައުވާއަށް އެކަށީގެންވާ ގޮތަށް ޖަވާބުދާރީ ނުވެވޭނެ ކަމަށާއި ދިފާއުގައި ހުށަހަޅާނެ ހެކިތަކަކީ ކޮބައިކަން ނޭނގޭނެ ކަމަށެވެ.

އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ޝަފީއު ވިދާޅުވީ ތަރުޖަމާނަކު ހަމަޖެހުމުން އެކަން ކޯޓަށް ދިފާއުން އަންގަންވާނެ ކަމަށާއި ދައުވާލިބޭ ފަސް މީހުންގެ ބަންދަށް ލުއިދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ފަސް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރަން ވަނީ އަމުރުކޮށްފައެވެ.

އިންޑިއާގެ ކޯސްޓުގާޑާއި ރާއްޖެ އަދި ސްރީލަންކާ ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އީރާނުގެ ދޯންޏެއް ކަމަށްވާ "އަލްޝަބާބު" ދޯނިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް އެހީތެރިވާން ދިޔަ "ހެދޭކުރި" ނަމަކަށް ކިޔާ ދިވެހި މަސް ދޯންޏެއް ވެސް އަތުލައިގަތެވެ. އެއީ ކ. ދިއްފުށީ މަސް ދޯންޏެކެވެ. އަދި އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކޮށް އަދި މިހާރު ޖަދުވަލު އެކެއްގައި މަސްތުވާއެއްޗެއް އެތެރެކުރިކަމުގެ ކުށުގެ ދައުވާލިބޭ އިރާން ފަސް މީހުންނަކީ:

  • އީސާ ސުލައިމާން (26އ) / އިރާން
  • އިސްމާއިލް އިބްރާހިމް (50އ) / އިރާން
  • ނަވީން (30އ) / އިރާން
  • ސާޖިދު (50އ) / އިރާން
  • އަލީ ރާޖާ (19އ) / އިރާން