ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާސްގޭ، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޖައިލަމުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ، އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ. ދައުވާ ލިބޭ ހުމައިދު ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. ހުމައިދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުގެ ބޭނުމުގައި ސްރިލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސްފައެވެ.
ދައުވާ ލިބޭ އެ ހުރިހާ މީހުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ވަނީ ޖައިލަމް ދިރިއުޅޭގެ ކަމަށްވާ ހަންޑްރެޑްފްލާވާ ކައިރިއަށް ސައިކަލުގައި ގޮސްފައެވެ. އޭރު ޖައިލަމް އެތާ ކައިރީގައި ހުރުމުން ހުމައިދު ވަނީ އޭނާގެ އަތުގައި އޮތް ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 12 އިންޗި ހުރި ވަޅިއަކުން ޖައިލަމްއަށް ހަމަލާދީ މާރާމާރީ ހިންގައިފައެވެ. އަނީގްގެ އަތުންނާއި ފައިން ޖައިލަމް ގައިގައި ތަޅައި ހެދިއެވެ. އަނީގް އާއި ހުމައިދު ގޮވައިގެން ހަންޑްރެޑްފްލާވާ ކުރިމައްޗަށް ސައިކަލުގައި ގޮސްފައިވަނީ ނަސީބު އާއި އިރުފާންއެވެ. އެ މަރާމާރީގައި ޖައިލަމައަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ 16 ޝަފަހީ ހެއްކަކާއި ގިނަ އަދަދެއްގެ ކިތާބީ ހެކި ހުށަހަޅައިފައެވެ. ޝަފަހީ ހެކިންގެ ތެރޭގައި ހިމެނެނީ މަންޒަރު ދުށް ފަރާތްތެއްގެ އިތުރުން ފުލުހުންނާއި ޑޮކްޓަރުންނެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ފޮރެންސިކް ރިޕޯޓުތަކެވެ. ދައުވާ ލިބޭ މީހުންގެ ފަރާތުން ހެކި ހުށަހަޅާފައި ނުވިޔަސް ވަނީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފައެވެ. އެގޮތުން ޗެއިން އޮފް ކަސްޓަޑީ ނެތުމާއި ބަޔާން ދިން ފަރާތްތަކުގެ ސޮޔާއި ފިންގާޕްރިންޓު ނެތް މައްސަލަ ފާހަގަކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ، ދައުވާ އުފުލިފައިވާ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުކުރަން ބޭނުންވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. ހުކުމުގައި ބުނީ، ދައުވާ ލިބޭ ނަސީބު ސައީދާއި އަނީގުގެ އިތުރުން އިރުފާނާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއަކު ކަމަށެވެ. އެއީ ކުށް ސާބިތުކުރަން އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ.
އޭގެ އިތުރުން ޖައިލަމަށް ދައުވާ ލިބޭ މީހުން ހަމަލާ ދިން މަންޒަރު ދުށް ހެކިވެރިޔަކު ދައުލަތުން ހުށަހެޅިޔަސް، އެ ހެކިވެރިޔާ ކޯޓުގައި ދިން ހެކިބަހަކީ ތަހުގީގަށް ދީފައިވާ ބަޔާނެއް ނޫން ކަމަށް އެ ހެކިވެރިޔާ ކޯޓުގައި ބުނެފައިވާކަމަށް ވެސް ހުކުމުގައި ބުންޏެވެ. އަދި މަންޒަރު ދުށް ހެކިވެރިޔާ ހެކިބަސް ފަހުން އަނބުރާ ގެންދަން އެދިފައިވުމުން ޖައިލަަމަށް ހަމަލާދިނީ ދައުވާ ލިބޭ މީހުންކަން ފެނުނު ހެކިވެރިއެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
ހުކުމުގައި އިތުރަށް ބުނީ، ދައުވާ ލިބޭ ހުމެއިދުއާ ދެކޮޅަށް ހެކިވެރިޔަކު ހެކިބަސް ދީފައިނުވާ ކަމަށެވެ. ހުމެއިދު ސްރިލަންކާގައި ފިލައިގެން އުޅުމަކީ ޖައިލަމްގެ މަރާ ގުޅުވާލެވޭ ސަބަބަކަށް ވިޔަސް، ޖައިލަމަށް ހަމަލާދިންއިރު ހުމައިދު އެތަނުގައި ހުރިކަން ސާބިތުކުރަން ދައުލަތުން މަންޒަރު ދުށް ހެކިވެރިޔަކު ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ހުމެއިދު ފިލައިގެން ސްރިލަންކާގައި އުޅުނު އުޅުމަކީ ކުށް ސާބިތުވާން ޖެހޭ ސަބަބެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ.
ދައުލަތުގެ ފަރާތުން 16 ހެކިވެރިން ހުށަހެޅި ނަމަވެސް 11 ހެކިވެރިޔަކު ކޯޓަށް ހާޒިރުވެފައިނުވާ ކަމަށާއި، އެ ހެކިވެރިން ކޯޓަށް ހާޒިރުކުރުމަށް ދައުލަތަށް ފުރުސަތު ދިން ނަމަވެސް ހެކިވެރިން ހާޒިރު ކުރެވިފައި ނުވާކަމަށް ހުކުމްގައި ބުންޏެވެ. ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ކްރައިމް ސީން ރިޕޯޓުގައި ހުރި ފިންގާޕްރިންޓު ތަކަކީ ދައުވާ ލިބޭ މީހުންގެ ފިންގާޕްރިންޓު ނޫންކަން ފިންގާޕްރިންޓް އެނަލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ބުންޏެވެ. އަދި ދައުވާ ލިބޭ މީހުންނާ ގުޅުވާލެވޭ އެއްވެސް ފޮރެންސިކް ހެއްކެއް ދައުލަތުން ކްރައިމް ސީނުން ލިބިފައިނުވާ ކަމަށެވެ.
އޭގެ އިތުރުން ދައުވާ ލިބޭ މީހުން ފެންނަކަމަށް ބުނާ ވީޑިއޯ ފުޓޭޖުތަކެއް ހެކީގެ ގޮތުގައި ހުށަހެޅިޔަސް، އޭގެ ޗެއިން އޮފް ކަސްޓަޑީ ނެތުމުން، އެއީ ބާތިލު ހެކިތަކެއް ކަމަށް ހުކުމުގައި ބުންޏެވެ. ޗެއިން އޮފް ކަސްޓަޑީ ނެތުމުގެ ސަބަބުން އެއީ ކޮންތަނަކުން ކިހިނެއް އަދި ފުލުހުންގެ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއަށް އެ ފުޓޭޖުތައް ދިޔަގޮތް ސާފުނުވާ ކަމަށް ހުކުމުގައިވެއެވެ. ވީޑިއޯތަކުގެ ޗެއިން އޮފް ކަސްޓަޑީ އޮތް ނަމަވެސް، އެ ވީޑިއޯގެ އެނަލިސިސް ރިޕޯޓުގައި، އޭގެން ފެންނަނީ ކޮންބައެއްކަން ސާފުނުވާ ކަމަށް ބުނެފައިވާ ކަމަށާއި، އެހެންކަމުން އެއީ ދައުވާ ލިބޭ މީހުން ކަމަށް ބަލައިގެން ނުވާނެ ކަމަށް ހުކުމުގައި ބުންޏެވެ.
ދައުލަތުގެ ފަރާތުން ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅިޔަސް އެއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ރިޕޯޓެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި އެންމެން ބަންދުން ދޫކޮށްލުމަށް ކޯޓުން ހުކުމްކުރިއެެވެ.
މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ޝަފީއު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު