ޓްރާންސްފާ މާކެޓް

އުމުރުން 16 އަހަރުގައި ޗެލްސީއާ ގުޅުނު ކްރިސްޓެންސަން ކްލަބު ދޫކޮށްލަނީ

އުމުރުން 16 އަހަރުގައި ޗެލްސީއާ ގުޅުނު ޑެންމާކު ޑިފެންޑަރު އަންދްރޭއާސް ކްރިސްޓެންސަން އެ ކްލަބު ދޫކޮށްލަން އުޅޭ ކަމަށް އިތުބާރު ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ކްރިސްޓެންސަން ޗެލްސީ ދޫކޮށްލަން ނިންމާފައިވަނީ މި ސީޒަނަށްފަހު ހިލޭ ޓްރާންސްފާއެއްގައި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. ކްރިސްޓެންސަންގެ އެއްބަސްވުން އާކުރަން ޗެލްސީން ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ފެނިފައި ނުވާ އިރު، ބެލެވޭ ގޮތުގައި ސީޒަންގެ ނިޔަލަށް ހަމަވާން އޮތް އެއްބަސްވުން ނިމުމާއެކު ކްރިސްޓެންސަން ޗެލްސީ ދޫކޮށްލާނެއެވެ.

އުމުރުން 16 އަހަރުގައި ޑެންމާކުގެ ބްރޮންޑްބައި އިން ފަސް ލައްކަ ޕައުންޑްގެ އަގަކަށް ޗެލްސީއާ ގުޅުނު ކްރިސްޓެންސަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ބަޔާން މިއުނިކާއި ބާސެލޯނާއިންނެވެ. އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޮ ރޮމާނޯ ބުނާ ގޮތުން ބާސާއިން ދަނީ ކްރިސްޓެންސަން ހޯދުމުގެ ރޭހުގައި ކާމިޔާބީތަކެއްވެސް ހޯދަމުންނެވެ. ޗެލްސީއަށް އިހުތިރާމު ކުރުމުގެ ގޮތުން އިނގިރޭސި ލީގުގެ އިތުރު ކްލަބަކަށް ނުކުޅޭނެ ކަމަށް ކްރިސްޓެންސަން ކުރިންވެސް ބުނެފައިވާ އިރު، ކްރިސްޓެންސަން ދިއުން އެންމެ ގާތީ ބާސާއަށެވެ.

ހަބަރުތައް ބުނެފައިވާ ގޮތުން ޒަވީ ހެނާންޑޭޒްގެ ބާސާއިން ވަނީ ކްރިސްޓެންސަންއަށް 2027 ވަނަ އަހަރާ ހަމައަށް އެއްބަސްވުމެއް ހުށަހަޅައިފައެވެ. ބާސާގެ އެއްބަސްވުން ބަޔާންގެ އެއްބަސްވުމަށްވުރެ ގިނަ ގޮތްގޮތުން ރަނގަޅު ކަމަށްވެސް ނޫސްތައް ބުނެއެވެ.

ޗެލްސީން ކްރިސްޓެންސަންގެ އެއްބަސްވުން އާކުރަން ކުރި މަސައްކަތުގައި ހަފުތާއަކަށް 140،000 ޕައުންޑްގެ މުސާރައަކަށް އެއްބަސްވި ނަމަވެސް، އެއްބަސް ނުވެވުނީ ބޯނަސްތަކާއެކު އެޖެންޓް ފީއަކަށެވެ. އެފަދަ ގޮތަކަށް އެއްބަސްވުމަކަށް ނާދެވި ބައެއް ކަންކަން ހުރި ނަމަވެސް، ކްރިސްޓެންސަންގެ ފައިނަލް ނިންމުން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ޑެންމާކު ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކްރިސްޓެންސަން އަކީ ޗެލްސީގެ ޔޫތު ޓީމަށްވެސް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ކްލަބުގެ ސީނިއާ ޓީމަށްވެސް 88 މެޗު ކުޅެދީފައެވެ.