ދަރިފުޅު ވައަތްތެރިއަކަށް ވުމަކީ އެއްގޮތަކަށްވެސް ކަންބޮޑުވާން ޖެހޭ، ބިރުން އުޅޭ ވަރުގެ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ކުދިން ވައަތްތެރިންނަށް ވުމުން މައިންބަފައިން ހާސްވެކަންބޮޑުވަނީ މުޖުތަމައުން ދިމާވާ ގޮންޖެހުންތަކާއި ބައެއް ކަހަލަ ކަންތައް ކުރުމުގައި ކުއްޖާއަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރަށްޓަކައެވެ.
ނަމަވެސް ދިވެހިރާއްޖޭގައި ވަތަތްތެރިކަމުގެ މައްސަލައިގައި މައިންބަފައިން ނުވަތަ ބެލެނިވެރިން ކަންބޮޑުވަނީ މިސަބަބުތަކާއިއެކު މީގެ މައްޗަށް ގަދަވާ އެހެން ބިރެއް އޮންނާތީއެވެ. މުސްލިމު ގައުމަކަށްވެފައި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި އަދަބުވެރި ގޮތްތަކަށް ދަރިން ހޭނުވުމަށް ކޮންމެ ދިވެހި ބެލެނިވެރިއަކުވެސް ބޭނުން ވާނެއެވެ. އެގޮތުން ކުއްޖާ ވައަތުން ކަންތައް ކުރުމަށް ފަސޭހަވާ ކުއްޖަކަށް ވެއްޖެނަމަ ފުރަތަމަ މައްސަލަ ފެންމަތިވެގަންނަނީ ކާ މޭޒުދޮށުންނެވެ. ވައަތުން ކެއުމަކީ ހަރާމްކަމެކޭ ބުންޏަސް ކުޑަކުޑަ ހޭނުޖެހޭ ކުއްޖަކަށް އަލިފާނާއި ފެނާ ވަކިނުވާއިރު ހަރާމް ހަލާލު އެނގޭނީ ކިހިނެއް ހެއްޔެވެ؟
އެއްކަލަ ކުއްޖާއަށް ހަރާމް ބުނެދިނުމަށްޓަކައި ބައެއް ފަހަރު ބެލެނިވެރިން ވައަތަކީ ހަޑި އަތެއްކަމަށާއި އެއްވެސް ރަނގަޅު ރީތި ކަމެއް ކުރުމަށް ވައަތް ބޭނުން ނުކުރުމަށް ނަސޭހަތްދެވެއެވެ. އަދި ކެއިން ބުއިމުގައި ވައަތް ބޭނުން ނުކުރުމަށް އަމުރު ކުރެވޭ ގޮތަށް ލިޔުން، ކުރެހުން، ފަދަ އެހެނިހެން ކަންތައް ކުރުމުގައިވެސް ކުއްޖާއަށް ވައަތް ބޭނުން ނުކުރުމަށް އަމުރު ކުރެވެން ފަށައެވެ.
އެހެންނަމަވެސް އެއީ ވައަތްތެރި ކުއްޖާއަށް އުފުލަން ޖެހޭ ކޮންފަދަ ބޮޑު ތަކުލީފެއް ކަން އެކަމަށް އެކުއްޖާއަށް މަޖުބޫރު ކުރާ ފަރާތަށް އިހުސާސްވެސް ނުކުރެވޭނެއެވެ. އެއްފަހަރުވެސް އަމިއްލަ ނަފުސު އެގޮތަށް ކަންތައް ކުރަން ޖެހުމުން ވާނެ ގޮތަކާމެދު ވިސްނާލަމާހެއްޔެވެ. މިސާލަކަށް ބުނާކަމަށް ވާނަމަ، ތިމަންނާއަކީ ކަނާތުން ހުރިހާ ކަމެއް ކުރަން ނުހަނު ފަސޭހަ މީހަކަށް ވާއިރު ތިމާ ވައަތުން ކަންތައް ކުރަން ޖެހިއްޖެނަމަ ދެން ވާނެ ގޮތަކާމެދު ވިސްނާލާނަމައެވެ. ވައަތުން އެންމެ އަކުރެއްވެސް ސީދާކޮށް ރީތިކޮށް ނުލިޔެވެއެވެ. އެއްޗެއް އުފުލައި ގެންގުޅޭކަށް ވައަތަކު ބާރެއް ނުހުރެއެވެ. ވައަތުން އެއްވެސް ކަމެއް ކުރާކަށް ފަސޭހައެއް ނޫނެވެ. މިއީ ކަނާތްތެރިއަކަށް ވައަތުން ކަންތައް ކުރަން ޖެހިއްޖެނަމަ ދިމާވާނެ ކަންތައްތަކުގެ ތެރެއިން ވަރަށް މަދު ދެތިން ކަމެއްގެ ވާހަކައެވެ.
ވައަތުން ކެއުމުގެ އާދައާއި ލިޔުމުގެ އާދަ ކަނޑުވައި ކަނާތަށް ކުއްޖާ ހޭނުމަށް ކުރާ މަސައްކަތުގައި ކުއްޖާގެ ސިކުނޑިއަށް އެކަމުން ކުރާނެ އަސަރު އެއްފަހަރުވެސް ވިސްނާލާނަމައެވެ. ކަނާތުން މަސައްކަތްކުރާ ކަނައަތްތެރިންގެ ސިކުނޑީގެ މަސައްކަތްކުރާ ފަރާތާއި ވައަތްތެރިން ގެ ސިކުނޑީގެ މަސައްކަތްކުރާ ފަރާތާ ދެމެދު ނުހަނު ބޮޑު ތަފާތުކަމެއް ހުރެއެވެ. ގިނަ މީހުންގެ ސިކުނޑީގެ ކަނާތުން މަސައްކަތް ކުރާއިރު މިބައިން ހަށިގަނޑުގެ ވައަތުފަޅީގެ ކަންތައްތައްވެސް ދާނީ ބެލެހެއްޓެމުންނެވެ. އެހެންކަމުން އެގޮތަށް ވައަތުން ކަންތައް ނުކުރުމަށް މަޖުބޫރުކޮށް ކަނައަތުން ކަންތައް ކުރުވުމަށް ގަދަބާރުން އުޅުމުގެ ނަތީޖާ ވަރަށް ހިތާމަވެރި އަދި ބިރުވެރި ގޮތަކަށްވެސް ފެނިދާނެއެވެ.
"އަސްލު މިހާރުވެސް ދެރަވޭ ވަރަށް ހިތުގަ ޖެހޭ. އެހާބިރުވެސް ގަނޭ އެކަމަކު އެހެން ކަންތައް ދިމާވާން ޖެހުނީ ވައަތުން ކަންތައްކުރުން ހުއްޓުވަން ބޮޑެތި ދޮގުހަދައި ބިރު ދެއްކީމަ."
މިއީ ވަރަށް ވަރުގަދަ މެކޭނިކެއްގެ ވާހަކައެވެ. ކުރާން ނޭނގޭ މަސައްކަތެއް ނޯވެއެވެ. ޕައިލެޓްކަމުގެ ލައިސެންސް އޮތަސް ކުރާހިތް ނުވާކަމަކަށް ވާތީ އިންޖިނިއަރިން ކިޔެވީ އެކަމާ ގަޔާވެ ކުރެވޭތީއެވެ. މައުލޫމާތުގެ ހަޒާނާއެކެވެ. އައިޓީގެ ނޭނގޭ ކަމެއް ނޯވެއެވެ. މިހުރިހާ މޮޅުކަމެއް ހުރުމާއެކުވެސް ޒުވާނާއަކީ ދީނީކަންތަކާ ދުރު މީހެކެވެ. ނަމާދު، ރޯދަ، ގުރުއާން މިފަދަ އެއްވެސް ކަމަކާ ގާތެއް ނުވެއެވެ. ސްކޫލުގައި އުޅުނު ޅައުމުރުގައި މީނާ ގުރުއާން މުބާރާތްތަކުގައި ރަންވަނަތަކެއް ހޯދައި، ތަޖުވީދު މަހުރަޖު ފަދަ ގުރުއާނުގެ އިލްމުގައި ވަރަށް ކުރިއަށް ގޮސްފައިވާކަމުގެ މާޒީއެއް އޮވެއެވެ.
އެހެންނަމަވެސް ދީނުގެ ކަންތައްތަކާ ދެކޮޅުވާހަކަ އެއްވެސް މީހެއް ގާތު ފާޅުގައި ބުނެ އެވާހަކަ ދައްކައެއް ނޫޅެއެވެ. މިބޮޑު ސިއްރު އެނގެނީ މީނާއާ ވަރަށް ގާތުގައި އުޅެވޭ ވަރަށްވެސް ބޮޑު ރަހުމަތްތެރިއަކަށެވެ. ދެން މީނާގެ ބޭބެއަށް މިކަމުގެ ހަބަރު ކޮންމެވެސް ވަރަކަށް އޮތީ ލިބިފައެވެ. މިކަމާ ކަންބޮޑުވާނެ މީހަކު މީނާގެ ހަޔާތަށް އައީ ކައިވެންޏަށްފަހުގައެވެ. އިސްލާމްދީނުގެ ހުކުމްތަކަށް ވަރަށް ފަރުވާތެރި އަދި އިސްލާމް ކިޔަވައިދޭތާ އެތައް އަހަރެއްވެފައި އިން އަނބިމީހާއަށް މީނާގެ ކަންތައްތަކެއް ސިއްރެއް ނުކުރެވުނެވެ. ނަމާދަށް އަރާތަނެއް ނުފެނެއެވެ. ރޯދަމަހު ދުވާލު ކެއިންބުއިމުން ވަރަށް ދުރުގައި އުޅުނަސް އަޅުކަމެއް ނުކުރެއެވެ. އެންމެ ފަހުން އަނބިމީހާ މި ސުވާލު މީނާއާ ކޮށްފިއެވެ.
އެހާ ފަސޭހައިން އެއްފަހަރުން ޖަވާބު ނުދިން ނަމަވެސް ވަރަށް ހިތްވަރުކޮށްގެން އަނބިމީހާއަށް މިވާހަކަ ކިޔައިދީފިއެވެ.
"އަސްލު މަށަކީ ވައަތްތެރިއެއް. ގޭގައި ކެއުމުގެ ކަންތަކާއި ބައެއް ކަހަލަ ކަންތައްކުރިޔަސް ބާރުހިފަން ޖެހޭ އެއްވެސް ކަމެއް ކަނައަތުން ނުކުރެވޭނެ. ދީން ގަބޫލު ކުރަން. ގަބޫލު ނުކުރަނީއެއް ނޫން. އެކަމަކު މަށަކީ ވައަތްތެރިއަކަށްވީމަ، ކަންތައް ކުރި ގޮތުން މަ ފޫހިވީ. ދޮގުހަދާފަ ދޮގު ބިރު ދެއްކީމަ. އަސްލު ކަންތައް އޮންނަ ގޮތަކަށްނޫން ވާހަކަ ދެއްކީ. އެހާ އަނިޔާކުރި، އެއީ ދީނުގަ އޮންނަ ގޮތޭ، ވައަތުން ކަންޏާ އަނިޔާ ކުރަން ޖެހޭނެއޭ، ވައަތުން މަސައްކަތް ކުރަންޏާ އަނިޔާކޮށްގެން ވެސް ކަނައަތަށް ބަދަލު ކުރަން ޖެހޭނެއޭ، މަކިހާ ކުޑަ އިރުކަން އެނގޭތަ އޭރު ގުރުއާނަށްވެސް ވަރަށް މޮޅު ވާނެ، ވަރަށް ކިޔަވާ ހިތުން ހަމަ ބޭނުން ވެގެން މުބާރާތްތަކުގައި ބައިވެރިވާނީވެސް."
އެއީ ނުވާނެކަމެކޭ ބުނާކަށް ނުކެރޭނެއެވެ. އެހެނީ އެހާ ކުޑަކުޑަ އިރު ތަންދޮރު ވަކިނުވާއިރު، ތިމާގެ ދޮށްޓަށް ތިބޭ މީހުން ކުރާ އެފަދަ ކަންތަކުން ކަންތައްތަކާމެދު ދެކޭ ގޮތް ބަދަލުވެދާނެއެވެ. މިޒުވާނާއަށްވެސް ދިމާވީ އެކަހަލަ ގޮތެކެވެ. ވައަތުން ކެއުމާއި ވައަތުން އެހެނިހެން މަސައްކަތްތައް ހުއްޓުވަން އޭނާގެ މަންމަ ކަންތައް ކުރި ގޮތް އޭނާގެ ދުލުން ކިޔައިދިނީ ނުހަނު އަސަރާއެކުގައެވެ.
ވައަތުން ލިޔުން ހުއްޓުވުމަށް މަންމަ މަސައްކަތް ކުރި ކޮންމެ ފަހަރެއްގައި އޭނާއަށް ވަރަށްބޮޑު އޮޅުންގަނޑަކަށްވިއެވެ. ކަނައަތުން ލިޔަން ވިސްނުމުން އޭނާއަށް އިހުސާސް ކުރެވެނީ ހުސްކަމެކެވެ. ކޮންކަމެއް ކިހިނެއްތޯ ހަދަންޖެހެނީ، ކޮންކަމެއް ކިހިނެއްތޯ ލިޔަން ޖެހެނީ ވިސްނައިވިސްނައި އޭނާގެ ބޮލުގައި އެއްވަރަކަށް ރިއްސަން ފަށައެވެ. ދެން ރުޅި އައިސްގެން ތުންފިއްތާފައި ރޮއިފިއްޔާ ލިބޭ އަނިޔާ އެއަށްވުރެ ބޮޑެވެ. ކޮމްޕަހުންވެސް މަންމަ އޭނައަށް އނަިޔާކޮށްފާނެއެވެ. ވައަތުގައި ހިފައި ބަނދެ ކަނައަތުންލިޔުއްވަން ވަރަށް މަސައްކަތް ކުރުވިއެވެ. އެންމެ ފަހުން ފޫހިވެގެން ގޮސް ކިޔެވުން ހުއްޓާލާ ހިސާބަށް ދިޔައީއެވެ.
މިހުރިހާ ކަމެއް ކުރަމުން ދިޔައިރު ބައްޕަ ހުންނަނީ ގައުމުން ބޭރުގައި ބޯޓު ދަތުރުކުރަން ގޮސްފައިކަމުން އޭނާ ސަލާމަތްކޮށްދޭނެ މީހަކު ގެއަކު ނުހުރެއެވެ. ދެން ޖެހުނީ އެކަހަލަ އަނެއް ކަންތަކާ ކުރުިމަތިލާށެވެ. ވައަތުން ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނުލައްވާނެއޭ ކިޔައި އޭނާ ކުރާ ހުރިހާ ކަމެއް ގޯސް ކުރަންފެށިއެވެ. އަތުގެ އިނގިލިތަކުގައި ލޮނުމިރުސްލައި ބިރުދެއްކީ އެއީ ނަރަކައިގައި ވައަތުން ބޭނުން ކުރި މީހުންނަށް ލިބޭނެ ސަޒާކަމަށްބުނެ ބިރުދެއްކުން އާންމުވީއެވެ. އޭރުވެސް އޭނާއަކީ ވަރަށްބޮޑަށް ބާސްކެޓް ކުޅޭ ހިތްވާ ކުއްޖެެކެވެ. ކުޑަކުދިންގެ ދުވަހުގައި ބާއްވާ ބާސްކެޓް ބޯޅައިގެ މުބާރާތަށް ސުކޫލުން އޭނާ ހޮވީ އޭނާއަށް ކުޅެވޭތީއެވެ.
އެކަމަކު އެދުވަހަށް ތައްޔާރުވާން ބާއްވަމުންދިޔަ ތަމްރީނުކުލާހަށް މަންމަ ކަނޑައެޅިގެން ނުފޮނުވީ ގުރުއާން ކިޔެވުމަށް އެދުރުގެއަށް ދާން ޖެހޭނެތީއެވެ. އޭނާ ވަރަށް ރުޔެވެ. ކުޅޭގަޑި ނިމިގެން އައިސް އެދުރުދައިތަގާތު ލަސްވަންދެން ކިޔަވަން އިންނާނެކަމަށް ބުނެ އާދޭސްކުރިއެވެ. އެކަމަކު މަންމަ ބުނީ ބާސްކެޓް ބޯޅަވެސް ވައަތުން ކުޅޭތީ ނުފޮނުވޭނެކަމަށެވެ. އެއީ ހުރިހާ ކަމަކުން މުޅީން ފޫހިވީ ފަހަރެވެ. މިއިން ކޮންމެ ތަނަކަށްވެސް މަންމަ އައްޑަނައަކަށް ނެގީ އޭނާއަށް ބިރުދައްކަން އިސްލާމްދީނެވެ.
ރާއްޖެއިން ބޭރަށް ތައުލީމު ހާސިލުކުރުމަށް ދެވުނު ސުކޫލުގައި ގިނައިން ތިބީ މުސްލިމު ކުދިންނަށް ވެފައި ވަައަތްތެރި ކުދިންވެސް ތިބުމުން އޭނާ ބޭނުންވާ ސުވާލުތަކަށް ވަރަށް ފަސޭހައިން ޖަވާބުތައް ލިބުނެވެ. ދެން ހޯދައިބެލީ ސައްހަ ފޮތްތަކާއި އިންޓަނެޓުންނެވެ. އެހުރިހާ އަހަރެއްވަންދެން މަންމަ އޭނާއަށް މަޖުބޫރުކުރިވި ވައަތުން މަސައްކަތް ނުކުރުވުމުގެ ކަންތަކަށް އެދެއްކި ބިރާއި ވައަތުން މަސައްކަތް ކުރުމުން ނަރަކައިގެ ލިބޭނެ ސަޒާއޭ ކިޔާފައި ކޮށްފައިވާހާ ކަންތަކާބެހޭ ގޮތުން އޭނާ ބަލައި އޮޅުން ފިލުވިއެވެ. އެހިސާބުން އެނގުނީ ދީނޭ ކިޔާފައި އޭނާއަށް ދެއްކީ ދޮގުބިރެއްކަމެވެ.
"ދީންގަބޫލުކުރަން، އެކަމަކު ފޫހިވީ ދޮގުބިރުދައްކައި އަނިޔާ ކުރީމަ. އެކަހަލަ ބިރުވެރި ކަންތައް އޮންނަންޏާ ކިހިނެއް އިހުލާސްތެރިވާނީ،"
އަތުގައި އަނިޔާގެ ލަކުނުތައްވެސް ހުއްޓެވެ. އަނިބިމީހާ ވަރަށް ވިސްނައިދީގެން އެއީ ދޮގުތަކެއް ކަމަށް ބުނެދިނެވެ. ވައަތުން ކެއުމަކީ ރަނގަޅުކަމެއް ނޫންކަމަށާއި އެހެނިހެން މަސައްކަތްތައް ވައަތުން ބާރުލައިގެން ކުރެވެންޏާ ކޮންމެހެން ކަނައަތް ބޭނުން ކުރާކަށް ނުޖެހޭ ކަމަށްވެސް ކިޔައިދިނެވެ. އަދި ވައަތްތެރިއަކަސް ކަނައަތްތެރިއަކަސް އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންތައް ކުރަން ޖެހޭނެކަމަށްވެސް ކިޔައިދިނެވެ. މީނާ ގަބޫލު ކުރިއެެވެ. އަދި އެއަހަރު ރޯދަމަހުން ފެށިގެން ބަރާބަރަށް ރޯދަހިފައި ނަމާދުކޮށް ވޭތުވެދިޔަ ދުވަސްތަކުގައި އުޅެވުނު ގޮތްތަކަށް ތައުބާވެސްވިއެވެ.
ވައަތްތެރިންނަކީ ތަފާތު ހުނަރުވެރި ގާބިލު ބައެކެވެ. ދުނިޔޭގެ ތާރީހަށް ބަލައިލައިފިނަމަ މިކަން ވަރަށް ރަނގަޅަށް ފާހަގަ ކުރެވޭނެއެވެ. މުޅި ދުނިޔޭގެވެސް އެންމެ މުއްސަނދި އެންމެ ކާމިޔާބު މީހުންގެ ލިސްޓުގައި ވައަތްތެރީން މަދެއް ނޫނެވެ.
ދަރިފުޅު ވައަތްތެރިއަކަށް ވުމަކީ އެއްގޮތަކަށްވެސް އެކަމާ ކަންބޮޑުވެ ބިރުގަންނަންވީ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކަލާނގެ ތިމަންނާއަށް ދެއްވި ނިއުމަތެއްކަމުގައި ހީކޮށްލާށެވެ. އެހެނީ ދިރާސާތަކުން ދައްކާ ގޮތުގައި ވައަތްތެެރި ކުދިންނަކީ ސިކުނޑި ވަރަށް ތަނަވަސް އެހާމެ ތޫނުފިލި ބައެކެވެ. މީގެ އިތުރުން ނުހަނު މޮޅެތި ހިޔާލާއި ވިސްނުން މިކުދިންނަށް އާދެއެވެ. ތެދެއްމެއެވެ. އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތް ވާގޮތުގެ މަތިން ކުއްޖާއަށް އިސްލާމްދީނުގެ ރިވެތި އާދަތަކާއި އަދަބު އަހުލާގާއި ހެވާއި ނުބައި ބުނެދޭން ޖެހެއެވެ. އެހެންނަމަވެސް ކަން އޮންނަ ގޮތް ނޫން އެހެން ގޮތަކަށް ކިޔައިދީ ކުއްޖާއަށް ބިރުދައްކައި ހެދުމަކީ ކަނޑައެޅިގެން ކުއްޖާގެ މުޅި ދިރިއުޅުން ހަލާކުގެތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމެކެވެ.
ވައަތުން ކެއުން ބަދަލުކޮށްލެވިދާނެއެވެ. އެއީ ބުނެދީގެން މަޑުމަޑުން ނުހަނު ލޯތްބާއެކު ކުރެވިދާނެ ކަމެކެވެ. ވައަތުން ދަރިފުޅު ކުރާ މަސައްކަތުގައި ބަރަކާތެއް ނެތޭ، ވައަތުން ކަންތައް ކުރުން ހުއްޓުވުމުގެ ބަދަލުގައި ހިތްވަރާއި ލޯބިދޭށެވެ. އާހިރުގައި ވައަތްތެރިއަކަށް ކުއްޖާ ވެގަތީ އަމިއްލައަށް ބޭނުން ވެގެނެއް ނޫންކަން ހަނދާނުގައި ބަހައްޓާށެވެ. އެއީ އެކުއްޖާ ދުނިޔެއަށް ފޮނުއްވިގޮތެވެ. ހަމައެހެންމެ މިއީ ޖެނެޓިކްސް، އާދެ އާއިލާއިން ވާރުތަވާ ކަމަކަަށްވީއިރު، މިކަމުގައި ކުއްޖާ އަމިއްލައަށް ކުރާނެ ހަމައެއްވެސް ކަމެއް ނޯންނާނެނޫން ހެއްޔެވެ؟ މިފަދަ ކަންތަކަށް ހޭލުންތެރިވެ މުޖުތައުގައި ހުރި މިފަދަ ތާކުންތާކު ނުޖެހޭ އެހެނަސް ބޮޑެތި މައްސަލަތަކާ ދޭތެރޭ ވިސްނާލުން ރަނގަޅެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް