ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ދިވެއްސަކު ހަނގުރާމައަށް ގޮސްފައި ނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފަސް ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ ރާއްޖެ ހިމެނޭ ސަރަހައްދަށް އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރިއާއި ކަނޑުފޭރުމާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތައް ކަމަށެވެ.
ނަމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ދިވެއްސަކު ސަރުކާރުން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސަރަހައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރެކޯޑެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ގައުމު ހޭލައްވާލި ހާދިސާއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މިސަރަހައްދުގެ އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ މިސަރަހައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށެވެ.
ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާއާއި ސްރީ ލަންކާއާއި ރާއްޖެއިން ގުޅިގެން ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވާކެކެވެ. އެ ފްރޭމްވާކް ބިނާވެފައިވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި ސައިބާ ސެކިއުރިޓީ ކަށަވަރުކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު