Close
ޚަބަރު

އިންތިހާބު ފަސްކުރަން ވޯޓު ދިން މެމްބަރުންނަށް ސަރުކާރުން ވަނީ ނުފޫޒު ފޯރުވާފައި: އާޒިމް

އިބްރާހިމް ޒަކީ

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު މެއި 14 ދުވަހަށް ލަސް ކުރުމަށް ވޯޓު ދިން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިވިލްސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ސިވިލްސާވިސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ސަރުކާރުގެ ނުފޫޒު ނުފޯރުވޭނޭހެން ކޮމިޝަނަށް އިސްލާހު ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކައިގެ ތެރެއިން، އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މެއި 14 އަށް ފަސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާއިން ފާސް ކުރި މައްސަލަ ފާހަގަ ކުރައްވައި އަލީ އާޒިމް ވިދާޅުވީ އެކަމަށް ނެގި ވޯޓުގައި ގައުމީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެ އިންތިހާބުގެ އެއްވާދަވެރިޔާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހުށަހަޅުއްވައިގެން އެ އިންތިހާބު ފަސްކުރީ، ސަރުކާރުން ނުފޫޒު ފޯރުވާން ބޭނުންވާ މިންވަރަށް ގައުމީ މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވިފައި ނުވާތީ އެކަމަށް މަގުފަހި ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ އިންތިހާބު ފަސްކުރަން ރޭ ވޯޓު ދެއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ތެރޭގައި ހިމެނޭ ކޮންމެ މެންބަރަކަށް ސަރުކާރުގެ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

"ވަކިވަކިން ވޯޓު ލެއްވި މެމްބަރުން ބައްލަވާ، އޭގެން ކޮންމެ މެމްބަރަކީ ސިޔާސީ މަގާމެއްގައި ހުންނާނެ މީހެއް، އެހެންނޫނިއްޔާ އޭގެން މެމްބަރެއްގެ ދަރިއަކީ، ފިރިއަކީ، ތިމާގެ މީހަކީ، ނުނީ އޭނާގެ ކެމްޕެއިން މެނޭޖަރަކީ ސިޔާސީ މަގާމެއްގައި ހުންނާނެ މީހުން، ނޫނިއްޔާމުން ސަރުކާރުން އާދަޔާހިލާފު ނާޖާއިޒު ފައިދާއެއް ނަގާފައިހުރި މީހެއް،" އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުންވެސް އެކަންތައްތަކަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރު ދޭހަވާ ކަމަށެވެ. އަދި އެމްޑީީޕީން ވަކާލާތު ކުރީ ނުފޫޒު ނުފޯރުވަން ކަމަށާއި ތާހިރުދިރުއުޅުމެއް ހޯދައި ދިނުމާއި ވައްކަން ހުއްޓާލައި އިންސާފު ގާއިމުކުރަން ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މިނިސްޓަރު ފައްޔާޒާ ދެމެދު ވާދަވެރިކަން ގަދަވެފައިވާއިރު އެ އިންތިހާބުގައި އަލީ އާޒިމް ސަޕޯޓު ކުރައްވަނީ އިންތިއަށެވެ.