ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) ހާޒިރުވާންޖެހޭ ގޮތަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ކައުންސިލުތަކަށް ފޮނުވާލަން ނިންމައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލްތަކަށް އަމިއްލައަށް ތަމްސީލު ނުކުރެވޭނެ ކަމަށާއި އެފަދަ މައްސަލަތަކުގައި ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރަން ޖެހޭނީ ބަންޑާރަ ނައިބު ކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރެއްވީ އޭޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.
އެކަމާ ގުޅިގެން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލަ އިސްތިއުނާފު ކުރި މައިގަނޑު ސަބަބަކީ ހައިކޯޓުގެ އެ ނިންމެވުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތަކާއި އެ ގާނޫނުގެ މަގުސަދާ ހިލާފު ނިންމެވުމެއް ކަމަށް ދެކޭތީ ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ، ބަންޑާރަ ނައިބަކީ ސަރުކާރުގެ އިސް ގާނޫނީ ވަކީލުކަމުގައިވާތީ، ބަންޑާރަ ނައިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލުތައް ތަމްސީލުކުރުމަކީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ މިނިވަންކަމާއި ފުށުއަރާ އަދި ބައެއް ފަހަރު ދެ ފަރާތުގެ މަސްލަހަތުވެސް ފުށުއަރާފާނެ ކަމެއް ކަމަށެވެ.
އޭޖީ އޮފީހުން ބުނީ، ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން ކައުންސިލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އޭޖީ އޮފީސް ހާޒިރުވާންޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް، އެ މައްސަަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު