އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކުރީ އިންތިހާބު ބާއްވާ ދުވަހަށް ބަދަލު ގެނައުމާ މެދު ގޮތެއް ނިންމައިދިނުމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅި މައްސަލައިގައި މިރޭ އިމާދުއްދީން ސްކޫލުގައި ކުރިއަށްދިޔަ ޖަލްސާގައެވެ.
އިންތިހާބު ފަސްކުރަން ހުށަހަޅުއްފައިވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފަރާތުންނެވެ. އޭނާ ހުށަހުއްވާފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އިމްތިޔާޒް ފަހުމީ ވަނީ އިންތިހާބު ފަސްކުރަން ނުވަތަ އިންތިހާބު ބާއްވާ ދުވަސް ބަދަލުކުރުމަށް ދެކޮޅު ހައްދަވައިފައެވެ.
ފައްޔާޒުގެ އެ ހުށަހެޅުން ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފައިވަނީ 100 މެމްބަރުންގެ ވޯޓުންނެވެ. ވޯޓު ނުދެއްވާ 15 މެމްބަރުން ތިއްބެވިއިރު ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެތިއްބެވީ 115 މެމްބަރުންނެވެ.
ފައްޔާޒުގެ އެ ހުށަހެޅުމަށް ތާއިދުކުރައްވައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ، އިންތިހާބު ރޯދަ މަހުގައި ބާއްވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އާއްމު މެމްބަރުން އިންތިހާބު ފަސްކުރަން ބޭނުންވާކަމަށް އެދެމުންދާ ކަމަށެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އިންތިހާބު ފަސްކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީގެ އަސާސީގެ ގަވާއިދުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ކެމްޕޭނު ކުރުމަށް ދޭން ޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ، އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެންމެ ދުވަހަކަށްވެސް އިންތިހާބު ފަސް ކުރެވިގެން ނުވާނެ ކަމަށާއި ގައުމީ މަޖިލީހުން ނިންމި ނިންމުމެއް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
ނަމަވެސް އިންތިހާބު އަވަސްކުރަން ތާއިދުކުރާކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އިމްތިޔާޒަށް ތާއިދުކުރައްވައި ރައްޔިތުން މަޖިލީހުގެ ނަައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އިންތިހާބުތައް ފަސް ކުރުމަކީ ޕީޕީއެމްއިން ކުރާ ކަހަލަ ކަމެއް ކަމަށެވެ. އެކަމަކީ އެމްޑީޕީން ތާއިދުކުރާ ކަމެއް ނޫން ކަމަށެވެ.
ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ވަނީ އަންހެނުންގެ ރޫހުގެ ވޯޓްލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމުން ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓް ލެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް ހުށައެޅި ހުށައެޅުންވެސް ފާސްކޮށްފައެވެ. އެ ހުށަހެޅުން ވެސް ފާސްވެފައިވަނީ 100 މެމްބަރުންގެ ވޯޓުންނެވެ.