އަސްލު "ބްރޯ" އަކީ ކާކުކަން މިހާރު ރައްޔިތުންނަށް އެނގިފައިވާ ކަމަށް ވިދާޅުވެ، އޭނާއަށް "ބްރޯ" ގެ ނަމުން މުހާތަބުކޮށް އަމާޒު ކުރަމުން ގެންދާ ފާޑުކިޔުންތަކަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަފް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި މީގެ ކުރިން ވިދާޅުވެފައިވަނީ ފައްޔާޒުއަށް އެމްޑީޕީގެ ތެރޭގައި "ބްރޯ" ހެދިގެން ނޫޅެވޭނެ ކަމަށެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމަށް ހުށަހެޅި މައްސަލައަށް ގޮތެއް ނިންމުމަށް މިރޭ އިމާދުއްދީން ސްކޫލުގައި ކުރިއަށްދާ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރާއެކު ގަދަކޮށް އެމްޑީޕީ ހިންގާލަން ކަމަށެވެ. އަދި އޭނާއަށް ނިސްބަތްކޮށް އިންތިހާބަށް ނުފޫޒު ފޯރުވައި މިހާރު "ބްރޯ" ގެ ނަމުން މުހާތަބުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބްރޯއޭވެސް ކިއީދާނެ، ނުފޫޒު ފޯރުވަނީއޭވެސް ކިއިދާނެ. ނުފޫޒު ފޯރުވަނީ ކާކުކަން، އަސްލު ބްރޯ އަކީ ކާކުކަން މިއަދު ދިވެހި ރައްޔިތުންނަށް އެނގޭނެ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ނުސީދާކޮށް ފާޑު ވިދާޅުވީ ރައީސް ނަޝީދަށް ކަމަށް ބެލެވެއެވެ.
އިންތިހާބަށް ނުފޫޒު ފޯރުވަނީ ކާކުކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށާއި އެގޮތުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕޭނު ޓީމުން ކަންތައްތައް ކުރަމުންދާ ގޮތުން އެކަން ވަރަށް ސާފުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީގެ މެމްބަރުންނަށް ފޯނުން ގުޅައި އޭނާއަށް ވޯޓު ދީފިނަމަ، ވަކި ބޭފުޅެއްގެ ދުވަސް ދުއްވާލެނެ ކަމަށް ބުނަމުންދާ ކަމަށް ފައްޔާޒު ވަނީ ތުހުމަތު ކުރައްވައިފައެވެ. "އެގޮތަށް ކަންތައްކުރެއްވުން އެއީ ނުފޫޒު ފޯރުވުން ނޫން ދެން ކޮންކަމެއްތޯ" ފައްޔާޒު ސުވާލު އުފެއްދެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީއަށް އެންމެ އިހުލާސްތެރި މީހުންނަކީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކަމަށެވެ. އެ ވާހަކަތަކަށް އެ ޖެލްސާގައި ރައީސް ނަޝީދު ތާއިދުކުރެއްވިއިރު، އޭރު މަޖިލީހުގެ ފްލޯއަށް ވަނީ ކެމްޕޭނުގެ ފޯރި ވަދެފައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި މިރޭ ފައްޔާޒު ވިދާޅުވީ، އޭނާ ނުކުރައްވާ މަސައްކަތެއް އީވާ ވިދާޅުވި މެމްބަރުން ވެސް ކޮށްފައިނުވާނެ ކަމަށެވެ. އެމްޑީޕީގެ ހުރިހާ ކަމެއްގައި ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ބައިވެރިވުން އެއްވަރުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އީވާގެ ވާހަކަތަކަށް ރައްދުދެއްވައި ފައްޔާޒު ވާހަކަ ދެއްކެވި އިރު، މެމްބަރުން ދިޔައީ އަތްޖަހައި ފައްޔާޒަށް ތާއީދު ކުރައްވަމުންނެވެ. އަދި ފައްޔާޒު ވާހަކަދައްކަވަމުން ގެންދެވި އިރު، "އެއީ ތެދެއް އެންމެން އެއްވަރަކަށް މަސައްކަތްކުރި. ހަނދާން ނެތިގެން އެ އުޅެނީ،" ފަދަ ބަސްތައް ފައްޔާޒަށް ތާއީދުކުރާ މެމްބަރުން ބުނަމުން ދިޔައެވެ.