ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ރާއްޖެއަށް ކުރަމުންދާ އަސަރުތަކާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެބިނަޓާ މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަހުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިގުތިސޯދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މައުލޫމާތު މިނިސްޓަރުން ވަނީ ރައީސްއާ ހިއްސާކުރައްވައިފައެވެ. އަދި ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ރައީސް ވަނީ މިނިސްޓަރުންނާ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މަސްރަޙުގައި ރާއްޖެއިން ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް މިނިސްޓަރުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރަޝިއާއިން ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުވަނީ އުފުލިފައެވެ. އެހެންވެ ރާއްޖޭގައި ވެސް މިހާރު ވަނީ ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. ތެޔޮ ވިއްކާ އަގުބޮޑުވުމުގެ ސަބަބުން އެއްގަމާއި ވައިގެ އަދި ކަނޑުދަތުރުކުރުމުގެ އަގުތައް ބޮޑުވާނެ ކަމަށް އިގުތިސޯދީ މާހިރުން ދެކެއެވެ.

މީގެ އިތުރުން ޔޫރަޕުންނާއި އެމެރިކާ އަދި އެހެނިހެން ގައުމުތަކުން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ސަބަބުން ތެޔޮ އަގުބޮޑުވަމުން ދާއިރު، ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ ސުވިފްޓުން ވެސް ވަނީ ރަޝިއާއަށް ފިޔަވަޅު އަޅައިފައެވެ. އެގޮތުން ރަޝިއާގެ އެންމެ ބޮޑެތި ބޭންކުތައް މިހާރު ވަނީ ސުވިފްޓުން ބެލްކްލިސްޓުކޮށް ބޭރުކޮށްފައެވެ. އެކަމުގެ ސަބަބުން ރަޝިއާގެ ރައްޔިތުންނަށް އިންޓަނޭޝަނަލް ޓްރާންސެކްޝަންތަށް ނުހެދޭނެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ރަޝިއާ ކަމަށްވާއިރު އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރާނެއެވެ.