އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ވެލެންސިއާއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ވެލެންސިއާއިން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓްތަކާއެކު އެޓީމުން ވަނީ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. މާޒިޔާއިން ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާއިރު، ވެލެންސިއާ އިން 12 ޕޮއިންޓް ހަަމަކޮށްފައިވަނީ ފަސް މެޗު ކުޅެގެންނެވެ. މިވަގުތު ލީގު ތާވަލުގައި ވެލެންސިއާ އޮތީ ދެވަނައިގައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެލެންސިއާއިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި ކްލަބު ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ސްކޮޑުގައި ހިމަނާފައެވެ. މެޗަށް ނުނިކުތް ނަމަވެސް ސެންޓޭ ވަނީ ބެންޗުން ފެނިފައެވެ. އަނެއްކޮޅުން 15 ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަ ކުރުމަށް ފަހު ޓީމާ ގުޅުނު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ބެންޗުގައި ހިމަނައިފައެވެ.

ވެލެންސިއާއިން ރަނގަޅު ޓެމްޕޯއެއްގައި މެޗު ފަށައި، ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. އަބްދުﷲ ޔާމީން (ޔާނު)ގެ ހަމަލާއެއްގެ އިތުރުން ހުސެއިން ހަނާން (ޖޯ) ޖެހި ބޯޅައެއްވެސް ފާހަގަވެގެން ގޮސްފައިވާ އިރު، އެ ހަމަލާތަކަށް ހުރަސް އެޅުމުގައި ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ)ގެ ހުށިޔާރުކަން ފާހަގަކޮށްލެވުނެވެ.

ވެލެންސިއާއިން މެޗުގެ 22 ވަނަ މިނިޓުގައި ލީޑު ނެގިއެވެ. ސަސްގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި، ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ހަލީލް ގަމާލް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.

އޭގެ ދެމިނެޓެއް ފަހުން ވެލެންސިއާއިން މެޗުގެ ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ އާދަމް އިޝާމް (ސަން)އެވެ. ޔާނު ހުސްކޮށްލާފައި ބޯހާސް މާޓިން އަށް ދިން ބޯޅަ، އޭނާ މަޑުމަޑުން އޭރިއާ ތެރައަށް ހުރަސް ކޮށްލުމުން ސަން ނިންމާލީ ފަސޭހަ ކަމާއެކުގައެވެ.

ދެ ވަނަ ހާފު ފަށައިގެން ސަސް ކުޅުން ރަނގަޅުކޮށް، މެޗުގެ 65 ވަނަ މިނެޓުގައި އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އެ ގޯލު ސަސްއަށް ޖަހައިދިނީ މުހައްމަދު ސަހާއު (ބޭލް)އެވެ. މެޗުގެ ފަހުކޮޅުގައި ސަސްއިން ހަމަލާތައް ގިނަކޮށް ފެނުނު ނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.