ޓެކްސީއަކަށް އެރި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓެކްސީ ޑްރައިވަރުގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ އަންހެނަކު ގަދަކަމުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ވަން" އަށް އިއްޔެ ބުނީ އަންހެން މީހާ އިއްޔެ ރޭ ޓެކްސީއަށް އެރީ ހެންވޭރު ގެއަކުން މާފަންނު ގެއަކަށް ދާންވެގެންނެވެ. ނަމަވެސް އެ ހިސާބަށް ދިއުމަށްފަހު ޓެކްސީ މަޑުނުކޮށް ހުޅުމާލެ އާ ދިމާލަށް ދަތުރުކުރި ކަމަށް ބުންޏެވެ.

އަންހެން މީހާއާ ހަވާލާދީ އޭނާ އިތުރަށް ބުނީ އަންހެން މީހާ ފަހަތު ސީޓުގައި އިންދާ ކުރިއަށް އައުމަށް ޓެކްސީ ޑްރައިވަރު ބުނި ކަމަށާއި ނަމަވެސް ނުދިއުމުން ގަދަކަމުން އަތުގައި ހިފައި، ހުޅުމާލޭ ފޭސް ދޭއްގެ ބީޗަށް ގެންގޮސް ގައިގާ ގަދަކަމުން ބައްދައި އަތުގަޔާއި ފައިގައި ހިފި ކަމަށެވެ.