ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ރ. އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ.
ދުވާފަރުން ރ. އަތޮޅުގެ ޗެމްޕިއަންކަން ޔަގީންކުރީ އަތޮޅު ބުރުގައި އެޓީމުން ކުޅުނު ދެވަނަ މެޗުގައި އިނގުރައިދޫ ބަލިކޮށްގެންނެވެ. ރ. އަތޮޅުން ޖުމުލަ ތިން ޓީމު މުބާރާތުގައި ބައިވެރިވެފައިވުމުން ޗެމްޕިއަންކަން ކަނޑައެޅީ އަތޮޅުގެ މެޗުތައް ލީގު އުސޫލުން ކުޅެގެންނެވެ. ލީގު ބުރުގެ ކުޅުން އަދި ނިމިފައި ނުވި ނަމަވެސް ދުވާފަރުން ޗެމްޕިއަންކަން ޔަގީން ކުރީ ދެން އޮތް ދެޓީމުވެސް ބަލިކޮށްގެންނެވެ.
ރ. އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ދުވާފަރުން 6-0 އިން އިންނަމާދޫ ބަލިކުރި އިރު، ރޭ އިނގުރައިދޫ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. އެ އަތޮޅުގައި ދެން ކުޅެން އޮތް މެޗަކީ އިނގުރައިދުއާއާއި އިންނަމާދޫ ކުޅެން އޮތް މެޗެވެ.
ރޭގެ މެޗަށް އިނގުރައިދޫން ނުކުންނަން ޖެހުނީ އެޓީމުގެ ތަރި އަދި އެންމެ މުހިންމު ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) ނުލައެވެ. ހާއްޕެ މެޗުގައި ފެނިފައި ނުވަނީ ގައުމީ ފުޓްސަލް ޓީމަށް ވަގުތު ދޭން ޖެހުމުގެ ސަބަބުންނެވެ.
ރަނގަޅު ފޯމެއްގައި މެޗު ފެށި ދުވާފަރުން ވަނީ ހަތް ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އާދަމް އިލްޔަސައު ޖެހި ގޯލުން ދުވާފަރު ލީޑު ނެގި ނަމަވެސް ހާފު ނިމުނީ އިނގުރައިދޫ ކުރީގައި އޮވެގެންނެވެ. އިނގުރައިދޫ ކޮޅަށް މެޗު އަނބުރާލުމުގައި އަހުމަދު އައިހަމްގެ ހިއްސާ ބޮޑެވެ. މެޗުގެ 15 ވަނަ މިނެޓުގައި އޭނާގެ ފުރަތަމަ ގޯލު ޖެހި އިރު، އައިހަމްގެ ދެވަނަ ގޯލު ފެނުނީ 20 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ހިތްގައިމު ހިލޭ ޖެހުމެކެވެ.
ދެވަނަ ހާފަށް ނުކުމެ ދުވާފަރުން ބުރަކޮށް މަސައްކަތް ކުރިއެވެ. ހާއްސަކޮށް ދުވާފަރުގެ މުހައްމަދު ޖުމާން އަހުމަދު ހިފަހައްޓަން އިނގުރައިދޫއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. މެޗުގެ ނަތީޖާ ދުވާފަރު ކޮޅަށް އަނބުރާލަން ޖުމާން ބޮޑު ރޯލެއް އަދާކުރި އިރު، ދެވަނަ ހާފުގައި ދުވާފަރަށް ގޯލުތައް ޖަހައިދިނީ އިސްމާއީލް އަހުމަދާއި މުހައްމަދު އިސާމެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ދުވާފަރުގެ ގޯލްކީޕަރު މުހައްމަދު އިބްރާހީމް ހޮވުނު އިރު، އޭނާ ވަނީ އިނގުރައިދޫގެ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ. ހާއްސަކޮށް އިނގުރައިދޫގެ އައިހަމް ޖެހި ބާރު، ނުރައްކާތެރި ހަމަލާތަކެއް މުހައްމަދު އިބްރާހީމް މަތަކުރިއެވެ.
ފައިނަލް މެޗަށްފަހު ދުވާފަރަށް ތައްޓާއި މެޑަލް ހަވާލުކޮށްފައިވީ ނަމަވެސް އަތޮޅު ބުރުގެ ކުޅުން ނުނިމޭތީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި ހޮވާފައެއް ނުވެއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް