އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް އެބޭފުޅުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ފަސް ބޭފުޅުންގެ ނަން، އެމަނިކުފާނު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ފާހަގަކުރައްވައިފައެވެ.
- އާދަމް ޝާމިލް، ތ. ވިލުފުށީ، ރަތްވިލާގެ
- އަބްދުއްސަލާމް، ށ. ނަރުދޫ، ހަޥާ
- ތޯހާ މުހައްމަދު، އދ. މާމިނގިލި، ކަޅިހާރުގެ
- ޝަޒްނާ ހާޝިމް، ހދ. ނޮޅިވަރަންފަރު، ރިހިވިލު
- ޝިޔާމާ މުހައްމަދު، ރ. ހުޅުދުއްފާރު، ނާރެސް
އެބޭފުޅުންނާ ބަހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ކޮމިޓީން ފުުރުސަތު ހުޅުވާލުމަށްފަހު، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް އެބޭފުޅުން ވަކިވަކިން ހާޒިރުކޮށް، ކޮމިޓީގެ މެންބަރުން ވަނީ އިންޓަވިއު ކޮށްފައެވެ.
އެއަަށްފަހު އެބޭފުޅުން ކޮމިޝަނަށް އައްޔަންކުރުމަށް ކޮމިޓީގެ ރުހުން އޮތްތޯ ބެލުމަށް އެއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވޯޓަށް އެހިއެވެ.
ނެގި ވޯޓުގައި އެ ފަސް ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށް އެކަމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް އެދި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ކުރި މުއްދަތު މިދިޔަ މަހުގެ 31 ވަނަ ދުވަހަށް ހަމަވެފައިވާ އިރު، 30 އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ.
އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެންމެ ފަހުން އޭސީސީގައި ތިއްބެވި މެންބަރުން އެ ކޮމިޝަނުން އިސްތިއުފާދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.
އޭސީސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ 60 ދުވަސް ތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރުން އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު