ދުނިޔޭގެ އެކި ދިމާއިން މިއަދު އަންހެނުން އެމީހުންގެ ހައްގުތަކަށް ކުރާ މަސައްކަތްތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ރާއްޖެއަކީވެސް އަންހެނުންގެ ކުރިއެރުމާއި އަންހެނުންގެ ތަރައްގީއަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ގައުމެކެވެ. އެއްއިރެއްގައި އަންހެނުން ތިބެން ޖެހުނީ ގޭގައި ހަމައެކަނި ދަރިން އުފައްދާ މެޝިނެއްގެ މަގާމުގައެވެ. ދަރިން ވިހެއުމާއި އެކުދިންގެ ހިދުމަތުގައި ހަރަދުކުރާ މީހަކު ދޭ ފައިސާފޮތިން ފުއްދާލައިގެން ތިބެން ޖެހޭ ބަޔެއްގެ ގޮތުގައި އަންހެނުން ތިބި ދުވަހެއް މާޒީއާ އެކުވެގެން ހިނގައްޖެއެވެ. ބަދަލުވަމުން އަންނަ ޒަމާނާއެކު ހާލަތުވެސް އަންނަނީ ބަދަލުވަމުންނެވެ.

އަންހެނުން ފަރުދާގެ ނިވަލުގައި ފޮރުވިގެން ތިބެން ޖެހުމުގެ އާދަ އޮތީ ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކުގައި ވަރަށް މަތީ ދަރަޖައެއްގައެވެ. ހާއްސަކޮށް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އޮތީ އެފަދަ ސަގާފަތާއި އާދަކާދަތަކުން ކުލަޖެހިފައި އޮތް މުޖުތަމައެކެވެ. އެހެންނަމަވެސް، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރުމާއި އަޑުއުފުލުމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ވަރަށްވެސް ކާމިޔާބުކޮށް މިއަދު ދިވެހި މުޖުތަމައުން އަންނަނީ ފެންނަމުންނެވެ.

މިފަދަ މަސައްކަތްތެރި އަންހެނުންގެ ތެރޭގައި އެއްފަހަރާ އެތައް މަސައްކަތެއް ކޮށްގެން ދިރިއުޅުން ކުރިއަރުވައި ކާމިޔާބު ކުރާ އަންހެނުން އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުން ފެންނަލެއް މަދެއް ނޫނެވެ. ނުހަނު ޅައުމުރުގައި ހަޔާތެއް ފަށައި ފިރިޔަކާއި ދަރިންނާއެކު ދިރިއުޅުން ބާއްޖަވެރިކުރުމަށް އަންހެނުން ކުރާ ބުރަ މަސައްކަތްތަކަށް ޝަރަފާއެކު ސަލާމް ފޮނުވުން ހައްގެވެ.

ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށްޓަށް އުފަން އެރަށު މިރުސްމާގޭ ހަސަންކަލޯ އާއި ހަމައެރަށު ފައުޒިއްޔާގެ ދެމަފިރިންނަށް ލިބުނު 8 ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު، ހައްވާމަނިކެއަކީ ހަމަގައިމުވެސް ދެވަނައެއް ނެތްފަދަ ހިތްވަރުގަދަ ފިސާރި ކަނބަލެކެވެ. މިހާރު ދެއަންހެންދަރިންނާއި ހަތަރު ފިރިހެންދަރިންގެ މަންމައެއްގެ އިތުރުން މިއީ ނުހަނު ވަފާތެރި އެހާމެ ލޯބިވެތި އަނތްބެއްވެސްމެއެވެ. މިއީ ހައްވާމަނިކެ، އާދެ އެންމެނަށް އެނގޭ އާންމު ނަމުންނަމަ ދިޔާނާގެ އާއިލީ ޒިންމާތަކެވެ. މިޒިންމާތަކުން ބޭރުން ދިޔާނާގެ މަސައްކަތުގެ ދާއިރާއާ ދިމާއަށް ދަމާތޯއެވެ. ދިޔާނާއަކީ އެއްފަހަރާ އެތައް މަސައްކަތެއް ކުރުމުގައި ނުހަނު ހިތްވަރު ކުރާ މިންނެތް ދާއޮހޮރުވުންތަކުން އެތައް ބައެއްގެ ދިރިއުޅުމަށް ފަސޭހަތަކެއް ފޯރުކޮށްދޭ އަންހެނެކެވެ.

"ދިޔާނާގެ ބޮނޑި ވަރަށް މީރުވާނެ. ގެމަނަފުށީ ބޮނޑީގެ ރަހައަކީ ދިޔާނާގެ އަތުގެ މީރުރަހަ."

"ލައްކަ ހިތްވަރަ ގަދަ އަންހެނަކަ ދިޔާނާއްތާކޫ. މިޒަމާނަކު ނުފެންނާނެ އެހެއި ކެރޭ ފިސާރި ހީވާގި އަންހެނެއް. މިހާރަކު ކޫދުންނަކަށް ނުކެރޭ ދިޔާނާއްތަ އެކުރާ ކަހަލަ މަސައްކަތްތައް އެއްފަހަރާ އެތައް ކަމެއް އެގޮތަށް ކުރާކަށް. ކީކޭ ބުނާނީ ދިޔާނާއްތާކޫ ފިސާރި ކަނބަލެކެ. އެ ހަމަ ލެޖެންޑެއް!"

ގެމަނަފުށީގައި ނުހަނު މަޝްހޫރު އަދި މުޅި ރާއްޖޭގައިވެސް އެއަތެއްގެ ރަހަ ފެތުރިފައިވާ، ފިސާރި މީރު 'ލުއިކާނާ' ތައްޔާރުކުރާ އަންހެނެކެވެ. އޭނާ ފެންދީ ބަލަހައްޓާ އިންދައި ހައްދާ ދަނޑުން ލިބޭ ގޮވާމުގެ ރަހައަށް އެތައްބަޔަކު އިންތިޒާރު ކުރެއެވެ. އެތައް ދިވެހިންނެއް އެރަހަތަކަށް އެދިގެން ގެމަނަފުށިން އެތަކެތި ގެނެސް އަދި އޭގެ ވިޔަފާރިވެސް ކުރެއެވެ. އަމިއްލަ ވިޔަފާރިއެއް އަދި ނެތަސް އެއީ ދުރުގައި އޮތް ކަމެއް ވެސް ނޫނެވެ.

މަންމަމެން ލޯބިން ކީ ނަން ހަރުވެ، މިއަދު ފޮތުނަމުން ބުނެލީމަ ހައްވާމަނިކެ އެއީ ކާކުހޭ ނާހާ މީހަކާ ގެމަނަފުށިން ބައްދަލެއް ނުވާނެއެވެ. އެހެނެއްނޫނެވެ. ދިޔާނާއޭ ބުނުމާއެކު މިވެނި އެވެނި ގެއެއްގެ ދިޔާނާއްތައޭ ގާތްގޮތަކަށް ކޮންމެ މީހަކުވެސް އަހާލަނީ ވަރަށް އިހުތިރާމުކުރާ ރާގެއްގައެވެ.

ދިޔާނާގެ ހުވަފެންތައް ގިނައެވެ. އުއްމީދުތައް ބޮޑެވެ. ކުރިއަށްމިދާ 2022ވަނަ އަހަރުގެ ނޮވެމްބަރުމަަހުގެ 22ވަނަ ދުވަހު 47އަހަރު ފުރޭ ދިޔާނާ އޭނާގެ އުމުރުން އެންމެ ފަނަރަ އަހަރުގައި ކުރަން ފެށި މަސައްކަތް މިއަދު ވަނީ ކުރިފަޅައި ހެދިގެން ގޮސްފައެވެ. އެއްކަމަކުން ފެށި މަސައްކަތް މިއަދު އެތައްބައިވަރު ކަންތައް އެއްފަހަރާ އެކަކުގެ ދެއަތުން ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެވެސް އާދައިގެ ރަށެއްގައި އެހީތެރިވާނެ މަދުބަޔަކާއެކު އެހެންނަމަވެސް މެޝިންތަކެއް ނެތި ހަމަ އަމިއްލަ ދެއަތުގެ މަސައްކަތުން ކުރިއަރައިދިއުމެވެ. ހަމަބުއްދިއަކުން ވިސްނާލީމަ އެނގޭނެއެވެ. މިއީ ހަމަ ބުނާހާ ފަސޭހަ އާދައިގެ ކަމެއްނޫނެވެ.

"ހުސްވަގުތުކޮޅެއް ދުވާލަކު ނުލިބޭނެ. އިރުއެރީއްސުރެ ވަރަށް ބުރަކޮށް އުޅެން ޖެހޭނީ. މިއީ ހަމަކުރާހިތުން ގަޔާވެގެން ކުރާ ކަންތައްތަކެއް. މިއީ ދައްތާ އުމުރުން ފަނަރަ އަހަރުއްސުރެ ކުރާ މަސައްކަތްތަކެއް. ފުރަތަމަ ކުއްޖާ ވިހޭ ގޮތަށް މަސައްކަތްފެށީ. އޭރުއްސުރެ އަދާ ހަމައަށްވެސް ހުއްޓާނުލާ މިކަން ކުރަނީ."

އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީން ފުދޭ އަރާމު ދިރިއުޅުމެއް ހޯދުމަށް އާއިލާއެއް ހަމަވުމުން މަސައްކަތް ކުރުމަކީ ކޮންމެ އަންހެނަކަށްވެސް ކުރެވިދާނެ ކަމެކެވެ. ދިޔާނާ އޭނާގެ ފިރިމީހާއާއެކު މައިންބަފައިންގެ ގެއިން އަމިއްލަ ގެއަށް އައުމަށްފަހު ވިސްނީއެވެ. އާއިލާއެއް ބިނާކުރުމަށް އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވީއެވެ. ބައެއްގެ އެހީއާ ނުލައި އަމިއްލައަށް އަމިއްލަ ކަންތައް ކުރުމުން އެލިބޭ ހިތްހަމަޖެހުން ލިބިގަތުމަށެވެ. އެހިތްހަމަޖެހުން މިއަދު ދިޔާނާއަށް ލިބެއެވެ. ތެދަށް ބުނަންޏާ އުއްމީދު ކުރިވަރަަށްވުރެވެސް މިފަދަ ދިރިއުޅުމުން ލިބޭ ހިތްހަމަޖެހުން މާބޮޑަށްވެސް ބޮޑުވެފައި ފުރިހަމަވެފައި އެހާމެ އުފާވެރިއެވެ.

މިއަދު ރާއްޖެއިން ބޭރު ބިދޭސީ ދެޒުވާނަކު ދިޔާނާގެ މަސައްކަތްތަކަށް އެހީތެރިވެ އަތްގާތްކޮށްދިނުމުގައި އުޅުނަސް ދިޔާނާގެ ޅައުމުރުގައި މިމަސައްކަތްތަކުގެ ބިންގާ އެޅިގެން އައިއިރު ހުރިހާ ކަމެއްމެ ކުރީ އޭނާގެ ހިތްވަރުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދަނޑުގޮވާން ކުރުމާއި ހެދިކާ ހެދުމާއި މަސްކައްކައި ހިއްކުމާއި ހަލާކުނުވާނެ ކަހަލަ ކުދިހެދިކާ ހެދުމުގެ މަސައްކަތް ކުރަމުން އާއިލާއެއްގެ ބޮޑު ޒިންމާ ނުހަނު ފުރިހަމައަށް އަދާ ކުރަމުން އައިސް އަދު ދިޔާނާއަކީ އަމިއްލަ އާއިލާއާއެކު ނުހަނު އުފާވެރި އެހާމެ ފުދިގެން އަރާމު ދިރިއުޅުމެއް އުޅޭ އަންހެނެކެވެ.

ފަތިސްނަމާދުން ދުވަސްފެށުމަށް ކުރާ ދުއާއާއެކު ﷲތައާލާގެ ހަޒުރަތުން ވާގި އެދެމުން ދިޔާނާ ދުވަހުގެ މަސައްކަތަށް ފަށައިިގަނެއެވެ. ފަތިސް ނަމާދުން ފައިބައިގެން ރަށު ތެރޭގައި ހިނގައި ބޮނޑި ހެދުމަށް ކެޔޮފަތްތައް ހޮވައި ނަގައި ހެދުމަށް އެކުރެވޭ ދަތުރަކީ ދިޔާނާގެ ސިއްހަތަށްވެސް ލިބޭ ބޮޑު ފައިދާއެކެވެ. ފަތްހޮވައިގެން ގެނެސް ބެހެއްޓުމަށްފަހު ހެނދުނުގެ ނާސްތާއަށް ތައްޔާރުވެ، ބަދިގޭގެ ކަންތައް ނިންމާލައެވެ.

"އަދު ދަރިންކޮޅު ބޮޑުވެ މާމަ މުންނަ ކުދިން އެބަތިބި. އެކަމަކު ކުދިން ކުޑައިރުވެސް ހަމަ އެކަނިމާއެކަނި ގެންގުޅުނީ. ފުރަތަމަ ކުއްޖާ ވިހޭ ގޮތަށް ފެށި މަސައްކަތެއް މީ. އެއްކަމުން ދެކަމަށް އެހެން ގޮސް މިއަދު ތިންހަތަރެއްވެސް ހަމަވެފައި މިއޮތީ."

ކުދިން ކުޑައިރު، ބިދޭސީއަކުވެސް ދޭސީއަކުވެސް ނެތި ދިޔާނާ އެކަނި އެކުދިން ގޮވައިގެން ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ، އޭނާގެ ލޯމަތިން ކުދިން ގެއްލުވައިނުލައެވެ. ހުރިހާ ވަގުތެއްގައިވެސް ދިޔާނާގެ ނަޒަރު އެކުދިންގެ މައްޗަށް ހުންނަނީ ހުއްޓިފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ފަހުުވެރިކަމާކު ދިޔާނާ ބުނެލާބަސްތަކުގައި އޭނަގެ ހިތްވަރާއި މަސައްކަތުގެ އަސަރު އިހުސާސްކުރެވެއެވެ.

"ހަމަތެއިޔެހެ ކޫދު ގޮވައިގެނެ ވޮންނާ އަސްލުގައިވެސް ހަމަތެއިޔެހެ ކޫދު ގާތުލައިގެން ވޮންނާ، އިރާދަކެރެއުފެހެ ދިޔެ ދައްތާގެ ނިތިބެނިޔަ ގޯސް އެކިން ކުއްދަކުނާސް، ނުލާހިކެ ރަނގަޅަވެންނެ ރަށުތެރަށް ނޮފޮނުވަން، މަންމާ ގާތު ތެއިޔެހެ ކޫދުބައިގެން ފިރިހެނަކުއްދަކުނަވިޔަސް އަންހެން ކުއްދަކުނަވިޔަސް މަކެރާ ކޮންމެ މަސައްކަތެއް ކޮޑޮ ކޫދުހިފަންނެއިޔާދަ މަންމާ ގާތު ހަމަ ސްކޫލަށް ނޫން ތާކަށް ނުދެވެންނެ."

ދަރިން ބަލައި ބޮޑުުކުރުމުގައިވެސް ދިޔާނާއަކީ ނަމޫނާ އަންހެނެކެވެ. ހުރިހާ ކުދިންވެސް ގާތުގައި ގެންގުޅެ އެކުދިންނަށް އަކުރު އުނގަންނައިދީ އެކުދިންގެ ފަށާ ތައުލީމުގެ މައިމަރުކަޒަކީ ދިޔާނާގެ އުނގެވެ. ކުދިންނަށް ތަރުބިއްޔަތު ދީ ތަރުތީބުން ބޮޑެތިކުރުމަށް ދިޔާނާ މަސައްކަތް ކުރިއިރު އެކުދިން އިނގިލިކުރީ ލައިގެން ހުރިހާ ކަމެއްވެސް ބަރާބަރަށް ކުރިއެވެ. އަބުރުވެރި މަސައްކަތްތެރި އެހާމެ ހީވާގި މަންމަދެކެ ހުރިހާ ކުދިންވެސް ވަރަށް ލޯބިވާކަން ޔަގީނެވެ.

"އަޅުގަނޑުމެންގެ މަންމައަކީ އަޅުގަނޑުމެން ހުރިހާ ކުދިންވެސް ފަހުރުވެރިވާ މަންމައެއް. މަންމަގެ މަސައްކަތަށް އަހަރެމެން ހުރިހާ ކުދިންވެސް ކާމިޔާބުވުން އެދެން. ހުރިހާ ކުދިންވެސް މަންމަދެކެ ވަރަށް ވަރަށް ލޯބިވޭ. ޝުކުރިއްޔާ މަންމާ."

ދިޔާނާގެ ދަރީންނެކޭ އެއްފަދައިން އޭނާގެ ފިރިމީހާވެސް ދިޔާނާއަށްޓަކައި ނުހަނު ފަހުރުވެރިވެއެވެ.

"ދިޔާނާއަކީ ހީވާގި މަސައްކަތްތެރި ރަނގަޅު އަންހެނެއްް. އަހަރެން މީ ދިޔާނާގެ ފިރިމީހާއަށްވީތީ ވަރަށް ފަހުރުވެރިވޭ. އެއީ ބޮޑު ޝަރަފެއް."

ހެނދުނު ދަނޑަށް ގޮސް ދަނޑަށް ފެންދީހަދާފައި ގެއަށް އައިސް ބޮނޑިހެދުމުގެ މަސައްކަތަށް ފަށައިގަނެއެވެ. ބޮނޑިހަދަމުންއަންނައިރު މަސްކައްކަމުން ކެއްކިފައި ހުންނަ މަސް ހިއްކަމުން، ދުމަށިން ހިކިފައި ހުންނަ މަސްތައް ނަގައި އެތަކެތި ރަނގަޅަށް ބަލައި ގުނައި ބަސްތާތަކަށް އަޅައެވެ. ހެދިކާ ހެދުމުގެ މަސައްކަތަށް ތައްޔާރުވެ އެމަސައްކަތަށް ފަށައިގަތުމުގެ ކުރިން މެދުކަނޑާލެވެނީ ބަންގީގެ އަޑަށެވެ.

ހެދިކާގެ ތެރޭގައި ހިމެނޭ މަޑުހެދިކާ ނުވަތަ ހޮޓާ ކެފޭތަކުން ވިއްކާ، އާންމުކޮށް ދިވެހިން ހެނދުނާއި ހަވީރުގެ ސަޔަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ގުޅަ، ބަޖިޔާ، ކަޓްލަޓްސް، ކީމިޔާ، ބިސްކީމިޔާ، ރިހަފޮޅި، މަސްރޮށި، މިފަދަ ތަކެތިވެސް ދިޔާނާގެ ބަދިގޭގައި ތައްޔާރުކުރެވެއެވެ. އެހެންނަމަވެސް މިތަކެއްޗަށްވުރެ ހިކިލުއިކާނާގެ ބާވަތްތައް މާބޮޑަށްވެސް މަގުބޫލުކަމަށް ދިޔާނާ ބުންޏެވެ. އެހެންކަމުން ބޮޑަށް އަމާޒު ކުރެވެނީ އެންމެ ނަފާވެރި މަންފާ ކުރާފަދަ މަސައްކަތަކަށް ކަމަށްވެސް ދިޔާނާ ބުންޏެވެ.

މިހާރު ދިޔާނާއާއި ދިޔާނާގެ އާއިލާއިންވެސް އުއްމިދުކޮށް އިންތިޒާރުކުރަމުން އެއަންނަނީ އެގްރޯ މޯލްޑިވްސްއިން ދިޔާނާގެ އުފެއްދުންތައް މާރުކޭޓުތަކާ ހަމައަށް ގެންގޮސް ދިނުމުގައި އެހީތެރިވެ ރަސްމީކޮށް ދިޔާނާގެ ތަކެތި ބާޒާރާ ހަމައަށް ދާނޭ ދުވަހަކަށެވެ. އެގްރޯ އަށް ނަންވެސް ހުށަހަޅައި ފޯމުލާފައި ވާނެކަމަށް ދިޔާނާ އަދި ދިޔާނާގެ ދަރިފުޅުވެސް ބުންޏެވެ.

ދަރިންކޮޅު ބޮޑުވެ އެކިކުދިން އެކި ތަންތަނުގައި ވަޒީފާއަދާ ކުރުމަށާއި ދިރިއުޅުމަށްޓަކައި ގޮސް ތިބި ނަމަވެސް އެކުދިންގެ މަންމައާމެދު އެކުދިން ވިސްނައި ހާސްވާކަށް ނުޖެހެއެވެ. މަންމައަކީ އަމިއްލައަށް މަސައްކަތްކޮށްގެން އަމިއްލަ ބޭނުންތަކަށް އާމްދަނީ ހޯދާ މީހަކަށްވުމުން ކުދިންނަކަށް މަންމައާ ދޭތެރޭ ކަންބޮޑުވާކަށް ނުޖެހެއެވެ.

ދުވާލު ހަތަރުދަމު ހީވާގިކަމާއެކު މަސައްކަތް ކޮށް، ބޯޓުފަހަރު ފުރާ ރެއެއްގައިނަމަ ބޯޓަށް މާލެ ފޮނުވަން ތައްޔާރުކޮށްފައި ހުންނަ ސާމާނު ބޯޓަށް ލައި ހެދުމުގެ ތެރޭގައި ރޭގަނޑު އެގާރަ ޖަހަންދެން ވެސް އުޅެން ޖެހޭ ފަހަރުދެއެވެ. އެހެންކަމަށްވިޔަސް، ރޭގަނޑު ބާރައިގެ ފަހުން ދިޔާނާ އޭނާގެ ތަންމަތީގައި އޮށޯވެލައެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރުމުގައި އުޅުނަސް ރޭގަނޑުގެ އަރާމު ނިންޖާ ކުރިމަތިލުމަށް ތަންމަތީގައި ދިޔާނާ އޮށޯވެލަނީ އަދަށްވުރެ ފަހި ކާމިޔާބު މާދަމާއަކަށް އެދެމުންނެވެ. ވަރަށް ބުރަކޮށް އުޅެމުންވެސް 'ވަން'އިން އެދުނު އެދުމަކަށް ވަގުތުކޮޅެއް ދިނީތީ ދިޔާނާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.

މީހަކާ އިނދެގެން އަމިއްލަގެއަށް، އަމިއްލަ ދިރިއުޅުމަކަށް ފިރިމީހާއާއެކު ވަކިން ގެއަކަށް އައުމަށްފަހު، އާއިލާގެ މީހުންގެ ފަރާތުން ކަންކަމުގައި އެހީއަށް ނޭދޭނެ ގޮތަކާމެދު ވިސްނައި މިއަދު މުޅި ގެމަނަފުށީގައި މިސާލުޖަހާ ނަމޫނާ އަންހެނެއްގެ ގޮތުގައި ދިޔާނާ މީހުންގެ ކުރިމަތީގައި މަގުބޫލު 'ފިސާރި ކަނބަލަކަށް' ވީ، އޭނާގެ އަޒުމެއް އޮތީމައެވެ. އަދި ވަރުގަދަ އަގީދައެއްވެސް އޮތީމައެވެ. މިއީ ހަމަ ކޮންމެ އަންހެނަކަށްވެސް ކުރެވިދާނެ ކަމެކެވެ. މިއީ ދިޔާނާ މިހިސާބަށް އައުމަށް، ބައިވަރު ފައިސާތަކެއް އެއްކޮށް އެއިން ފެށިވިޔަފާރިއެއް ނޫނެވެ. އެކަމަކު އީމާންތެރިކަމާއެކު ގަދަ ހިތްވަރަކުން ކުރި މަސައްކަތެއްގެ ފޮނި ނަތީޖާއެވެ.

ދިޔާނާގެ މިހިތްވަރާއި މިންނެތް މަސައްކަތަށް 'ވަން'އިން އެދެނީ ވަރަށްވެސް ކާމިޔާބު މުސްތަގުބަލެއް މިންވަރުކުރެއްވުމެވެ. އަދި 'އޯލްއިންވަން' ލެޖެންޑެއްގެ ގޮތުގައި ގެމަނަފުށީ މީހުން ފަހުރުވެރިކަމާއެކު ފާހަގަ ކުރާ ދިޔާނާއަށް އަބަދުވެސް އަދަށްވުރެ ފަހި ފެހި މާދަމާއަކަށް އެދެމެވެ.