އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ފިރިހެނުން އިސްނަގައިގެން ބޭއްވި ހާއްސަ މުޒާހަރާއެއްގައި 2,500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.
އޮސްޓްރިއާގެ ގާނޫނުހަދާ މަޖިލިސް އިމާރާތުގެ ކުރިމަތީގައި ބޭއްވި މި މުޒާހަރާއަކީ، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އެ ގައުމުގެ ފިރިހެނުން އިސްނަގައިގެން މިއަހަރު ތެރޭގައި ބޭއްވި ދެވަނަ މުޒާހަރާއެވެ. މި އެއްވުން އިންތިޒާމުކުރީ 'ވައިޓް ރިބަން އޮސްޓްރިއާ' ޖަމިއްޔާއިންނެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށާއި، ފިރިހެނުންގެ ހިމޭންކަން ނިމުމަކަށް ގެނައުމަށް ގޮވާލައި ތަފާތު ޝިއާރުތައް އުފުލާފައެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި ފިރިހެނުންގެ ދައުރު ބޮޑުކަން މުޒާހަރާގެ ބައިވެރިން ފާހަގަކުރިއެވެ.
އޮސްޓްރިއާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ ގައުމުގެ ކޮންމެ 3 އަންހެނުންގެ ތެރެއިން 1 އަންހެނަކީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހޭ މީހެކެވެ. އަދި 2026 ވަނަ އަހަރުގެ މިހާތަނަށްވެސް އެ ގައުމުގައި 20 އަންހެނުން ވަނީ އާއިލީ ނުވަތަ ގާތް މީހުންގެ އަނިޔާތަކުގައި މަރުވެފައެވެ.
މި މުޒާހަރާ ބޭއްވީ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން މުޅި ދުނިޔޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ. އިންތިޒާމު ކުރި ފަރާތްތަކުން ވަނީ ފިރިހެނުންނާއި ފިރިހެން ކުދިންނަށް ނަފްސާނީ އެހީތެރިކަމާއި އިރުޝާދު ދިނުމުގެ ހިދުމަތްތައް އިތުރުކުރުމަށް ގޮވާލައިފައެވެ.
ކޮމެންޓް