އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ އަންހެންކުދީންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން އަންނަ މަސައްކަތުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވެ، އެ ކަމަށް ދޭ އަހައްމިއްޔަތުކަން އާކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރާނީ އަންހެން ކުދީންނާއި ޒުވާން އަންހެނުންގެ ފުރިހަމަ ގާބިލުކަން ސާބިތުކޮށްދިނުމަށް ބާރުއަޅައިދޭ، މުސްތަގުބަލުގެ ލީޑަރުންނަށް ވުމުގެ ގާބިލުކަން ހޯދައިދޭ، ރައްކާތެރި އަދި އެއްބާރުލުން ލިބޭ މާހައުލެއްގައި ގައުމީ ތަރައްގީއަށް މާނަހުރި ގޮތެއްގައި ހިދުމަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ސިޔާސަތުތައް ކުރިއަރުވައި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ލަނޑުދަނިޑިތައް ހާސިލުކުރުމަށްޓަކައި އާއިލާތަކާއި މުޖުތަމައުން ފެށިގެން، ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެކުލެވޭ ގޮތަށް މުޅި މުޖުތަމައު އެކުގައި މަސައްކަތްކުރަން ޖެހެއެވެ.

ރައީސް ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންނަށްޓަކައި ކުރެވޭ އިންވެސްޓަކަކީ އެންމެންނަށް ވެސް ހަމަހަމަކަމާއި ޝާމިލުވުމާއި ފާގަތިކަން ލިބިގެންދާނެ މުސްތަގުބަލަކަށްޓަކައި ކުރެވޭ އިންވެސްޓެއްކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހެވެ.

މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް" އެވެ.