ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.

ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

ހައިކޯޓުގެ ގޮފިތައް އުފައްދާފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 35 މައްދާގެ (ށ) އާއި އޭގެ ތިރިން ހުރި އަކުރުތަކުން ބާރު ލިބިގެންނެވެ. އެ މާއްދާގައި ބުނަނީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކޮށް އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ.

އެ ދެ ގޮފި ގާއިމުކުރާނެ ރަށަކާއި އެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ހައިކޯޓަށް ވަކި ހާއްސަ އިހުތިސާސްތަކެއް ކަނޑައެޅިފައި ވީނަމަވެސް، ހައިކޯޓުގެ ދެ ގޮފީގެ ތެރެއިން ކޮންމެ ގޮތްޕެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭނީ އެ ސަރައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުން އެކަނި ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައިކޯޓަށް އައްޔަންކޮށްފައިވާ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުން ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އެ ގޮފިތަކަށް ހައިކޯޓުގެ ފަނޑިޔާރުން ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ސަރަހައްދު ކަމަށްވާ ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސީޓީގައި ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކުރިއެވެ.

އޭގެ ތެރެއިން އުތުރު ގޮފީގައި ހިމެނޭ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. ދެކުނުގައި ހިމެނޭ އަތޮޅޫ ތަކަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.

އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި އެ ގާނޫނުގެ 35 މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ހައިކޯޓު އަދި ހައިކޯޓުގެ އެންމެހާ ޝަރީއަތްތަކުގެ އަޑުއެހުން އާއްމު ގޮތެއްގައި ހިނގަމުންދާނީ އަދި ހައިކޯޓަށް އައްޔަންކުރާ އެންމެހާ ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި ކަމަށެވެ.

އެކަން އެހެން އޮތް ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހުތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނަށް މި އިސްލާހު ގެނެސް އަމަލުކުރަން ފެށުމުން ހައިކޯޓުގެ ގޮފިތަކާ ގުޅިގެން ނެރެފައިވާ ސުޕްރީމް ކޯޓުގެ ރޫލިންތަކާއި ގަރާރުތަކާއި ސާކިއުލާތަކާއި އާއްމު ސިޓީތައް އުވުނީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.