ޓެކްސީ ޑްރައިވަރުންނަށް ދަތުރަކަށް ނެގޭނެ އަގު އާންމުކޮށް، އެ އަގަށްވުރެ އިތުރަށް ފައިސާ ނަގާނަމަ ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔުމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތަކަށް ނަގާ އަދަދު ބޮޑުކުރުމަށް ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ވަނީ ނިންމައިފައެވެ.
ފުލުހުންގެ "ރޯޑް ޕޮލިސް" ގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި، ޓެކްސީގެ ހިދުމަތުން ނެގޭނެ އަގުތައް ހިމަނައި ބުނެފައިވަނީ އެ އަގުތަކުގެ އިތުރަށް އަގެއް ނުނެގޭނެ ކަމަށެވެ. އަދި ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީގެ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ވެސް ނުނެގޭނެ ކަމަށާއި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް އެއްވެސް އަގެއް ނަގައިފި ނަމަ އެކަން އަންގަން ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން އާންމުކޮށްފައިވާ އަގުތަކަކީ ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކެވެ.
- މާލެ ތެރޭގެ ދަތުރަކަށް - 25 ރުފިޔާ
- ހުޅުމާލެ ފޭސް އެކެއްގެ ތެރޭގެ ދަތުރަކަށް - 25 ރުފިޔާ
- ހުޅުމާލެ ފޭސް އެކަކުން ފޭސް ދޭކަށް ދަތުރަކަށް - 40 ރުފިޔާ
- މާލެއިން ހުޅުމާލެ ފޭސް އެކަކަށް ދަތުރަކަށް - 75 ރުފިޔާ
- ހުޅުމާލެ ފޭސް ދޭކުން ހުޅުލެއަށް ދަތުރަކަށް - 75 ރުފިޔާ
- މާލެ އިން ހުޅުމާލެ ފޭސް ދޭކަށް ދަތުރަކަށް - 90 ރުފިޔާ
- މާލެ އިން ހުޅުލެއަށް ދަތުރަކަށް - 60 ރުފިޔާ
ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް ފަސް ރުފިޔާ ނެގޭނީ މެންދަމު 12:00 އިން ހެނދުނު 6:00 އަށް ކުރާ ދަތުރުތަކަށް އެކަންޏެވެ.
ފުލުހުން ބުނީ މި އަގުތަކަށް ވުރެ ބޮޑުކުރާނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިގޮތަށް އަގުބޮޑުކޮށް ކުރާ ދަތުރުތަކުގެ ރިޕޯޓު ކުރުމަށްވެސް ފުލުހުން ވަނީ އަންގައިފައެވެ.
- މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
- ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
- ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
- ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރު - 25 ރުފިޔާ
- މާލެއިން ހުޅުމާލެއަށް / ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
- މާލެއިން އެއާޕޯޓަށް / އެއާޕޯޓުން މާލެއަށް - 80 ރުފިޔާ
- ހުޅުމާލެއިން އެއާޕޯޓަށް / އެއާޕޯޓުން ހުޅުމާލެއަށް - 80 ރުފިޔާ
- ހުޅުމާލެ ފޭސް ދޭކުން މާލެއަށް / މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
- މާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- ހުޅުމާލެ ފޭސް ދޭކުން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
- މެންދަމު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ
- ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ
ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފެށުމާއެކު ގިނަ ޓެކްސީ ޑްރައިވަރުން ވަނީ އެކަމުން އެމީހުންނަށް ގެއްލުންވާ ކަމަށް ބުނެފައެވެ. ގިނަ ޑްރައިވަރުން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމެވެ. އެކަމަށް މީގެ ކުރިންވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓެކްސީ ސެންޓަރުތަކުން މަޝްވަރާކުރި ނަމަވެސް، އެކަން އަދި ތަންފީޒު ކޮށްފައެއް ނުވެއެވެ.
މިދިޔަ މަހު އަދި މިމަހު ވެސް އެސްޓީއޯ އިން ވަނީ ތެލުގެ އަގުބޮޑުކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު ތެލުގެ އަގު އިތުރަށް ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް އިތުރަށް ހަލުވިވެފައިވާތީ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ފިއުލް ސަޕްލައި މޯލްޑިވަސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 14.80 ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު