ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫން ހޯދައިފިއެވެ.

ގދ. އަތޮޅުގެ ފަސް ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، އަތޮޅު ޗެމްޕިއަންކަން ކަނޑައެޅީ ލީގު ބުރެއް ކުޅެގެންނެވެ. ލީގު ބުރުގައި ވާދޫން ކުޅުނު ހަތަރު މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، ރޭ ކުޅުނު މެޗުގައި ތިނަދޫ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ވާދޫއަށް ތަށީގެ ބޮޑު ޔަގީން ކަމެއް އޮތް އިރު، ވާދޫ ނޫން ޓީމަކަށް އޮތް ހަމައެކަނި ފުރުސަތުވެސް އޮތީ ތިނަދޫއަށެވެ.

ވާދޫގެ މެޗުތައް ނިމުނު ނަމަވެސް އެ އަތޮޅު ބުރުގައި އަދި ބާކީ ދެމެޗު އެބަ އޮތެވެ. އެކަމަކު، އެ މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ވާދޫއާ ހަމަކުރެވޭނެ ޓީމެއް ނެތުމުން ރޭ ވަނީ ވާދޫއަށް އަތޮޅު ޗެމްޕިއަން ތަށި ދީފައެވެ.

ރޭގެ މެޗުގައި ވާދޫގެ ނަޝާހު އަހުމަދު (ނައްޓު) ދެ ގޯލު ޖެހި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ދެން ގޯލު ޖެހި މުސައްނިފު މުހައްމަދަށެވެ. މިހާތަނަށް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގައިވެސް އަނިޔާގެ ސަބަބުން އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައި ނުވާ އަހުމަދު އަޔާޒް (އަޔާ) ރޭގެ މެޗުގައިވެސް ފެނުނީ އެންމެ ފިޓް ކޮށެއް ނޫނެވެ.

ރޭ ގދ. އަތޮޅުގެ އިތުރު މެޗެއްވެސް ކުޅެފައިވާ އިރު، އެ މެޗުގައި ގައްދޫ ވަނީ 1-0 އިން މަޑަވެލި ބަލިކޮށްފައެވެ. ގައްދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރިފްޝާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ.

ގދ. އަތޮޅުގެ މެޗުތައް އެއްކޮށް ނުނިމޭތީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އަދި ހޮވާފައެއް ނުވެއެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.