ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސައަކީ ކުނީގެ މައްސަލަ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މައްސަަލަ ހައްލުކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގެ ކުނީގެ މައްސަލަތަކާ ގުޅޭ ގޮތުން، މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މިހާތަނަށް ކުނި މެނޭޖުކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި ހަމައެކަނި ކުރަމުން އައި ކަމަކީ ކުނި ޖަމާކުރުން ކަމަށެވެ. އަދި ކުނި ބައިކޮށް، ވަކިކޮށް، އެއީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުނީގެ މައްސަލަތައް ބޮޑުތަނުން ހައްލުވާތަން މިއަހަރު ފެނިގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭގެތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރ. ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖުމެންޓް ސެންޓަރު އަންނަ ޖޫން މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

އަދި ތިލަފުށީގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންފްރާންސްޓްރަކްޗާ މަސައްކަތް ނިމިފައިވާ ކަމަށާއި އެތަން އެއްކޮށް ނިމުމުން، މާލެ އަތޮޅާއި ވ. އަތޮޅުގައި މިހާތަނަށް އުފެދިފައިވާ ކުނި އެތަނަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތިންވަނަ ރީޖަނަލް ވޭސްޓް މެނޭޖުމެންޓް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށެވެ. އެތަނުގައި 50 ޓަނުގެ ޥޭސްޓް އެނާޖީ ޕްލާންޓް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންގޮސް، ހުރިހާ ސިވިލް ވޯކު ނިމިފައިވާ ކަމަށާއި އަމާޒަކީ މިއަހަރުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން އެއް ރަށުން އަނެއް ރަށަށް ކުނި ގެންދިއުމުގެ ބަދަލުގައި ކުނި ގެންދާނީ ސީދާ ރީޖަނަލް ސެންޓަރަށެވެ. އެގޮތަށް ކުނި ގެންދެވެންދެން ކޮންމެ ރަށެއްގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.