ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފައިނަލް ބުރުގައި ޔޫކްރެއިނުން ކުޅެން އޮތް މެޗުތައް ޖޫން މަހަށް ފަސްކުރާނެ ކަމަށް ޔޫއެފާގެ ރައީސް އެލެކްސަންޑްރާ ޗެފެރީން ވިދާޅުވެއްޖެއެވެ.
ރަޝިއާއިން ޔޫކްރެއިނަށް އަރައި، އެގައުމަށް ހަމަލާތައް ދެމުންދާ އިރު، ހާލަތު ގޯސްވެ ޔޫކްރެއިނުން ވަނީ އަންނަ މަހު 24 ވަނަ ދުވަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު ފަސްކޮށްދޭން އެދިފައެވެ.
ޔޫކްރެއިން ހިމެނޭ ކޮލިފިކޭޝަން ބްރެކެޓްގައި ހިމެނެނީ ޔޫކްރެއިންއާއި ސްކޮޓްލޭންޑްގެ އިތުރުން ވޭލްސްއާއި އޮސްޓްރިއާއެވެ. ކޮލިފިކޭޝަން ޕްލޭ އޮފް ފުރަތަމަ މެޗުގައި ޔޫކްރެއިނުން ސްކޮޓްލޭންޑް ބަލިކޮށްފި ނަމަ، ދެން ކުޅެން ޖެހޭނީ ވޭލްސްއާއި އޮސްޓްރިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްރެކެޓުގައި ހިމެނޭ ހަތަރު ޓީމު ތެރެއިން ވޯލްޑް ކަޕަށް ކޮލިފައިވާނީ އެންމެ ޓީމެކެވެ.
ޔޫކްރެއިންގެ މެޗު ފަސްކޮށްދޭން ޔޫއެފާއިން ނިންމާފައިވާ ކަމަށް ޗެފެރީން ވިދާޅުވެފައިވާ ކަމަށް މީޑިއާއަށް މައުލޫމާތު ދީފައި ވަނީ ޝަކްތާ ޑޮނެސްކްގެ ޑިރެކްޓާ އޮފް ފުޓުބޯލް ޑާރިއޯ ސާނާއެވެ. ކުރިން ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅުނު ސާނާ ބުނެފައި ވަނީ ޔޫއެފާ ރައީސް ޗެފެރީންއާ ބައްދަލުކޮށްފައިވާ ކަމަށާއި މެޗު ލަސްކުރާނެ ކަމުގެ ޔަގީންކަން ޗެފެރީން ދެއްވި ކަމަށެވެ.
"އަހަރެން ޔޫއެފާ ރައީސް ޗެފެރީންނާ ބައްދަލުކޮށް މެޗުތަކުގެ ވާހަކަ ދެއްކިން. އަހަންނަށް އެނގޭ ޔޫކްރެއިން ރައްޔިތުންނަށް މެޗުތަކާ މެދު، ފުޓުބޯޅައާ މެދު މިހާރު އެއްގޮތަކަށްވެސް ނުވިސްނޭނެކަން. އެކަމަކު އަހަރެން އެ ވާހަކަ ދެއްކުމުން ޗެފެރީން ވަނީ ސްކޮޓްލޭންޑާ ދެކޮޅަށް ޔޫކްރެއިނުން ކުޅެން އޮތް މެޗު ޖޫންއަށް ފަސްކޮށްދޭނެ ކަމަށް ބުނެފައި،" ސާނާ ބުންޏެވެ.
ސާނާ ބުނެފައި ވަނީ ޔޫކްރެއިންގައި ތާށިވެފައިވާ ޝަކްތާ ޑޮނެސްކްގެ ބިދޭސީ ކުޅުންތެރިން ބޭރުކޮށްދޭން ހާއްސަ ރޭލު ދަތުރެއް ބާއްވައި ދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް ޗެފެރީންގެ ކިބައިން އޭނާ އެދުނު ކަމަށެވެ. އެކަމަށް އެހީ ވެދެއްވާނެކަމުގެ ޔަގީންކަން ޗެފަރީން ދެއްވި ކަމަށްވެސް ސާނާ ބުންޏެވެ.
ޔޫކްރެއިންއާއި ރަޝިއާވެސް ކޮލިފިކޭޝަން ފައިނަލް ބުރުގައި އޮތް އިރު، ފީފާއާއި ޔޫއެފާއިންވެސް ވަނީ ރަޝިއާއިން ޔޫކްރެއިނަށް ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އަދަބެއްގެ ގޮތުން ރަޝިއާގެ ކްލަބުތަކާ އެކު އެގައުމުގެ ގައުމީ ޓީމުވެސް ފުޓުބޯޅައިން ސަސްޕެންޑް ކުރަން ފީފާއިން ވަނީ ނިންމައިފައެވެ. ރަޝިއާއިން ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައްވެސް އެގައުމަކަށް ދެން ނުކުޅެވޭނެއެވެ.