ރަޝިޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ޔޫކްރެއިނުން ފޮނުވާލި 339 ޑްރޯން، 13 ގަޑިއިރުގެ ތެރޭގައި އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން ހުއްޓުވައި ވައްޓާލާފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ޓެލެގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ރޭގަނޑު 8:00 އާ ދެމެދު ދިން މި ހަމަލާތައް ރަޝިޔާގެ 13 ސަރަހައްދަކަށާއި ކަޅު ކަނޑުގެ މައްޗަށް އަމާޒުކޮށްފައިވެއެވެ. މީގެ ތެރޭގައި ވެރިރަށް މޮސްކޯގެ އިތުރުން، މެދުތެރޭ ރަޝިޔާގެ ސަރަހައްދުތަކާއި، ހުޅަނގު އުތުރުގައި އޮންނަ ލެނިންގްރާޑް އަދި ޕްސްކޯވް ހިމެނެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި ޔޫކްރެއިނުން ރަޝިޔާގެ އެތެރެއަށް އަމާޒުކޮށް ދިން އެންމެ ފުޅާ ދާއިރާއެއްގެ އެއް ހަމަލާއެވެ.

މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔާނިން ވިދާޅުވި ގޮތުގައި، ވެރިރަށަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކުގެ ތެރެއިން 14 ޑްރޯންއެއް ވަނީ ވައްޓާލާފައެވެ. މި ހަމަލާތަކާ ގުޅިގެން ރަޝިޔާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ވަނީ ބައެއް އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ސޯޗީ އެއާޕޯޓުގެ ދަތުރުތައް ހަތަރު ފަހަރެއްގެ މަތިން މެދުކަނޑާލަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ސެންޓް ޕީޓަސްބާގްގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ އިގުތިސާދީ ފޯރަމް ނިމުނު ދުވަހާ ދިމާކޮށް ދިން މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ޕުލްކޯވޯ އެއާޕޯޓުގެ ދަތުރުތައް ވެސް މަޑުޖައްސާލިއެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވީ ކަމެއް، ނުވަތަ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާއިން އާންމުކޮށްފައިވާ މި އަދަދުތަކާއި ގެއްލުންތަކުގެ ތަފުސީލު މިނިވަން އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ޔޫކްރެއިނުން ވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.