އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވާ ދުވަސް ފަސްކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެމްޑިޕީގެ އިންތިހާބާ ބެހޭ ކޮމިޓީން އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް މުއިއްޒު މިއަދު ހަވީރު "ވަން" އަށް ވިދާޅުވީ، ގައުމީ މަޖިލީހުގައި އިންތިހާބު ފަސްކޮށްދިނުމަށް އެދިފައިވަނީ، ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓެއްގެ ފަރާތުން އެގޮތަށް އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެ ކެންޑިޑޭޓު އިންތިހާބު ފަސްކުރަން އެދުނީ ރޯދަ މަހު ވޯޓުލުން އޮންނާތީ އާއީ ރޯދަ މަހު ކެމްޕޭނުކުރަން ދަތިވާނެތީ ކަމަށެވެ. ނަމަވެސް އިންތިހާބު ފަސްކުރަން ހުށަހެޅި ސަބަބު މުއިއްޒު ވިދާޅުވިޔަސް އެގޮތަށް އެދުނީ ކޮން ކެންޑިޑޭޓެއް ކަން އޭނާ ސާފުކޮށް ނުދެއްވައެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭނު މެނޭޖަރު އިބްރާހިމް ވަހީދު މިމަހުގެ އެއްވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ބޭއްވި ބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ތާރީހަކާ މެދު މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ހުރިހާ ފަރާތްތަކުންވެސް އެދުނީ ރޯދަ މަސް ނޫން ދުވަސްވަރެއްގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ހުށަހެޅި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ނަމަވެސް ފައްޔާޒުގެ ފަރާތުން އެދުނު ގޮތަށް އިންތިހާބު ފަސްކުރަން އެެއްބަސްނުވެވޭނެ ކަމަށް ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން މެނޭޖަރު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިދިޔަ ބުދަ ދުވަހު "ވަން"އަށް ވިދާޅުވެފައިވަނީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ލަސްކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ރޯދަ މަހުގައި ވޯޓުލާން އާންމު މެމްބަރުންނަށް ދާތިވާނެ ކަމަށް ބުނެ މެމްބަރުންގެ ފަރާތުން ޝަކުވާ ހުށަހަޅައިފިނަމަ، ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ މަހުގެ 16 ގައި ބާއްވާ އިރު، އެ އިންތިހާބުގެ ވާދެވެރިކަން ވަނީ ތަޅުމުގެ ތެރެއަށް ވެސް ވަދެފައެވެ. އިމްތިޔާޒުގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ފައްޔާޒުގެ ޓީމުން ދަނީ ސަރުކާރު ކުންފުނިތަކަށް ބިރު ދައްކައި އިމްތިޔާޒަށް ވޯޓު ނުލުމަށް އަންގަމުންނެވެ. އަދި އިމްތިޔާޒަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ. ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.

ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.

އިންތިހާބުގެ ފޯރި ގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންގެންދާ އިރު، އޭގެ އެންމެ ކުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ގެންދަވަނީ ތުހުމަތުތަކަކާއެކު ނުސީދާކޮށް ރައީސް ސޯލިހަށްވެސް ބައެއް ބަސްތައް އަމާޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު އެއްވެސް ރައްދެއް ދެއްވައިފައެއް ނުވެއެވެ.