ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން، ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމަށް ކުރި ދައުވާ މައުލޫއީގޮތުން ކުރިއަށްގެންދެވޭނެ ކަމަށް މިއަދު ނިންމައިފިއެވެ.
ތަސްލީމްއާއި އަލިމަނިކަކީ 6 މެއި 2021 ވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މޭސްތިރިން ކަމަށް ބުނާ ދެ މީހުންނެވެ.
އޭގެ ތެރެއިން އަލިމަނިކަކީ 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހިންގި ހަރަކާތުގައި ބައިވެރިވި މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަލިމަނިކާއި ތަސްލީމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާގައި މިއަދު އޮތީ އިބުތިދާއީ އެންމެ ފަހުގެ އަޑުއެހުމެވެ. އެއީ ދައުވާއާ ގުޅިގެން ދެފަރާތުން ހުށަހަޅަންޖެހޭ ކަންތައްތައް ހުށަހަޅައި، އެ ދައުވާއަކީ މައުލީގޮތުން ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ ކަނޑައެޅުމެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައިވެސް ހެކިތަކާއި ލިޔެކިއުންތައް ދެފަރާތުންވެސް ހުށަހެޅިއެވެ.
އެގޮތުން މައްސަލައާ ގުޅޭ ސިއްރު ހެކިވެރިންނަކީ ކޮންބައެއްކަން، ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އިތުރުން ދައުވާ ލިބޭ ފަރާތްތަކުގެ ހެކިބަސް ވަކިން ނެގުމަށް ދައުލަތުން ވަނީ ހުށަހަޅައިފައެވެ.
ދެފަރާތުގެ ހުށަހެޅުންތަކަށް ބެއްލެވުމަށްފަހު ކުރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް މިއަދު ވިދާޅުވީ، އެ މައްސަލައަކީ މައުލޫއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވާ ކަމަށެވެ. އެހެންކަމުން ދެން އޮންނާނީ މައްސަލައިގެ ޝަރީއަތް ފެށުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު