ކުޅިވަރު

ރެއާލްއަށް އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން ރެއާލް ސޮސިއެދާދް ބަލިކޮށްފިއެވެ.

ރެއާލް އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ރެއާލްއިން ވަނީ ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ރެއާލްއަށް އަށް ޕޮއިންޓުގެ ލީޑެއް ޔަގީންވީ މި ހަފުތާގައި ސެވިއްޔާއިން ކުޅުނު މެޗުގައި އެޓީމުން އަލާވޭސް ކައިރީ 0-0 އިން އެއްވަރުވުމުންނެވެ.

ރެއާލް މިވަގުތު އެއްވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް ސެވިއްޔާއަށް ވަނީ 27 މެޗުން 57 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސްއަށް 26 މެޗުން 46 ޕޮއިންޓު ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ބާސެލޯނާއާއި ފަސް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައި ވަނީ 45 ޕޮއިންޓެވެ. އެތުލެޓިކޯ އިން 26 މެޗު ކުޅެފައިވާ އިރު، ބާސެލޯނާ އަދި ކުޅުނީ 25 މެޗެވެ.

ރޭގެ މެޗުގައި ލީޑު ނެގީ ސޮސިއެދާދުންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ޑެނީ ކާވަހާލް، ސޮސިއެދާދުގެ ޑޭވިޑް ސިލްވާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މިކޭލް އޮޔާޒަބާލްއެވެ.

ފުރަތަމަ ގޯލާ އެކު ސޮސިއެދާދުން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދެ ގޯލު ޖަހައި ރެއާލުން ނަތީޖާ އަނބުރާލިއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ރެއާލަށް އެއްވަރުކޮށްދިން ގޯލު ޖެހީ އެޑޮއާޑޯ ކަމަވިންގާއެވެ. އޭރިއާ ބޭރުން ކަމަވިންގާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ތިން މިނެޓު ފަހުން ރެއާލަށް ލީޑު ނަގައިދިން ގޯލު ޖެހީ ލޫކަ މޮޑްރިޗެވެ. މޮޑްރިޗް އެ ގޯލު ޖެހީ، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ރެއާލުން ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖެހި އިރު، އެ ގޯލުތައް ޖެހީ ކަރިމް ބެންޒެމާއާއި މާކޯ އަސެންސިއޯއެވެ. ބެންޒެމާ ޖެހި ގޯލަކީ ޕެނަލްޓީއެކެވެ.