ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ފ. އަތޮޅު ޗެމްޕިއަންކަން ބިލެއްދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފ. އަތޮޅުގެ ކުޅުން ރޭ ނިމިފައިވާ އިރު، ފަހު ދެ މެޗުގައި އަތޮޅުން ބައިވެރިވި ހަތަރު ޓީމުން ކުޅެފައިވެއެވެ. ރޭގެ މެޗުތަކަށް ނުކުތް އިރުވެސް ބިލެއްދޫ އޮތީ ޗެމްޕިއަން ކަމާ ގާތުގައެވެ. އެޓީމަށް ފީއައްޔާ އެއްވަރު ކޮށްލައިގެންވެސް ތަށި ނެގެން އޮތް އިރު، ދެން ޗެމްޕިއަންކަމުގެ ފުރުސަތު އޮތް ދެ ޓީމަކީ މަގޫދޫއާއި ނިލަންދޫއެވެ. ނަމަވެސް އެ ދެޓީމަށްވެސް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. އަމިއްލަ ބާރު އޮތީ ބިލެއްދޫ އަތުގައި އެކަންޏެވެ.
ރޭ ނިލަންދޫން މަގޫދޫއާ ދެކޮޅަށް ނުކުތް އިރު، މަގޫދޫން އެ މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ނިލަންދޫގެ ގޯލު މަގޫދޫގެ މުހައްމަދު އަމްޖަދު އަތުން ބައިކޮޅަށް ވަދެފައިވާ އިރު، މަގޫދޫގެ ދެ ގޯލު ޖެހީ މޫސާ މާހިލް މިގްދާދާއި އަހުމަދު މުއާޒެވެ.
ބިލެއްދޫން ޗެމްޕިއަންކަން ޔަގީންކުރީ 4-0ގެ ނަތީޖާއަކުން ފީއަލި ބަލިކުރުމަށް ފަހުގައެވެ. މެޗުގައި ބިލެއްދޫގެ ގޯލުތައް ޖެހީ އިބްރާހީމް ޒިހާންއާއި މުނީފް އަބްދުލް ނަސީރު އަދި މުހައްމަދު ރިޝްވާންއެވެ. މުނީފް ރޭގެ މެޗުގައިވެސް ދެ ގޯލު ޖެހި އިރު، އޭނާއަކީ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ.
ފައިނަލް މެޗަށްފަހު އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޓްރޮފީ ހަވާލުކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ފ. އަތޮޅު ބުރު ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު