ރާއްޖެއަށް މިއަހަރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ރަޝިއާގެ ގައުމީ އެއާލައިން، އެރޮފްލޯޓުން ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.
ރަޝިއާއިން ޔޫކްރެއިނަށް އަރައި އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ދަނީ ރަޝިއާގެ މުއްސަނދިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރަށް، އެ ގައުމުގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެރޮފްލޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އެއާލައިންގެ ބައިނަލްއަގުވާމީ ދަތުރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމި ނަމަވެސް، ޑޮމެސްޓިކް ދަތުރުތަކާއި ބެލަރޫސްއަށް ކުރަމުންދާ ދަތުރުތަކަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.
އަދި އެ އެއާލައިނުން ޓިކެޓް ނަގާފައިވާ މީހުންގެ ތެރެއިން އަންގާރަ ދުވަހުގެ ފަހުން އެނބުރި ރަޝިއާއަށް ދާ ގޮތަށް ޓިކެޓް ނަގާފައިވާ މީހުންގެ ޓިކެޓުތައް ކެންސަލްކުރާނެ ކަމަށްވެސް ބުންޏެވެ.
އެރޮފްލޯޓުގެ ދަތުރުތައް މެދުކަނޑާލަން ނިންމި އިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމުލަ 289،964 ޓޫރިސްޓުންގެ ތެރެއިން 44،055 ޓޫރިސްޓުންނަކީ ރަޝިއާއިން ރާއްޖެ ޒިޔާރަތްކުރި މީހުންނެވެ. އަދި އެއް ގައުމަކުން އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީވެސް އެގައުމުންނެވެ.