އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން ސަސް މޮޅުވީ ހަނިކޮށް، 0-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، މީގެ ކުރިން ލީގުގައި ކުޅުނު ތިން މެޗުންވެސް ސަސް ބަލިވެފައި އޮތް އިރު، މިރޭ ހޯދި ފުރަތަމަ ތިން ޕޮއިންޓާއެކު އެޓީމު ވަނީ ތާވަލުގެ ފުލުން މައްޗަށް ޖެހިލައިފައެވެ. މޮޅާއެކު ސަސް މިވަގުތު އޮތީ ޓީސީ އާއި ދަ ގްރާންޑޭ އަށް ވުރެ ކުރިއަށް ޖެހި، ތާވަލުގެ ހަ ވަނައިގައެވެ. ސަސް އަތުން ބަލިވުމުން ގްރީން ސްޓްރީޓްސް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ނުރައްކާތެރި ހަމަލާއެއް ފެނިފައި ނުވާ އިރު، ސަސް އިން މެޗުގެ ހަމައެކަނި ގޯލު ޖެހީ 20 ވަނަ މިނެޓްގައެވެ. ކޯނަރަކުން އެ ގޯލު ޖަހައިދިނީ އިބްރާހީމް އަތީގު ހަސަން (އިއްބެ) އެވެ. ސަސްއަށް ލިބުނު ކޯނަރު އޭރިއާ ތެރެއިން ގްރީންގެ ޑިފެންޑަރު ސާފު ކޮށްލުމުން ޑީ އޭރިއާ ކައިރީ ހުރި ޔަސްފާދު ހަބީބު (މުލަކޭ) އޭރިއާ ބޭރުން ބޯޅަ ފޮނުވާލުމުން މިސްރާބު ބަދަލުކޮށްލައި، އެ ބޯޅަ ގޯލަށް ވައްދާލީ އިއްބެއެވެ.

ސަސްއަށް ލީޑު ފުޅާކޮށްދޭންވެސް މުލަކޭއަށް ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް އެ ހަމަލާ މަތަކުރީ ގްރީންގެ ޕާކިސްތާނު ގޯލްކީޕަރު ސާގިބު ހަނީފެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ހަމަލާތައް މަދުކޮށް ފެނުނު އިރު، ގްރީންއަށް ނަތީޖާ ހަމަހަމަކޮށްދޭން އަންސަރު އިބްރާހީމް (އަންކޮ) އާއި ޖޯޑީ ބާޓް ޖެހި ބޯޅަތައްވީ ނާކާމިޔާބެވެ. ގިނަ ކާޑުތަކެއް ފެނުނު މި މެޗު ގްރީން ސްޓްރީޓްސް އިން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލުވާން ވަހީދު (ރިލޭ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ރެފުރީ ވަނީ ދައްކައިފައެވެ. އެ ރަތް ކާޑު ފެނުނީ މެޗުގެ ފަހު މިނެޓްގައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރެވެ. އެ މެޗުގައި ވާދަކުރާނީ ކްލަބް ވެލެންސިއާ އާއި ސަސްއެވެ. އެދުވަހުގެ ރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.