ކުޅިވަރު

ކްރިކެޓް ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޝޭން ވާން، ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ

އޮސްޓްރޭލިއާގެ ލެޖެންޑަރީ ކްރިކެޓް ކުޅުންތެރިޔާ ޝޭން ވާން، ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ދުނިޔޭގެ ކްރިކެޓް ތާރީހު ދުށް އެންމެ މޮޅު އެއް ލެގް-ސްޕިނާ ޝޭން، ހާޓް އެޓޭކްގައި މަރުވެފައި ވަނީ މިއަދުއެވެ. އޭނާ މަރުވި އިރު އުމުރަކީ 52 އަހަރެވެ.

ޝޭން ވާންގެ މަރާ ގުޅިގެން ރާއްޖޭގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އޭނާގެ އާއިލާއަށާއި ގާތްތިމާގެ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވައިފައެވެ. އަދި ވިދާޅުވީ ޔޫތް މިނިސްޓްރީން ބާއްވަން ނިންމާފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 އަށް އޭނާ ގެނައުމަށް މިއަދު މަޝްވަރާވެސް ކުރެއްވި ކަމަށެވެ.

އުކުންތެރިޔާ ޝޭން ވަނީ ކެރިއަރުގައި 708 ޓެސްޓް ވިކެޓް ނަގައިފައެވެ. އެއީ ތާރީހުގައިވެސް ދެވަނައަކަށް އެންމެ ގިނަ ވިކެޓް ނެގި އަދަދެވެ. 15 އަހަރު ދުވަހުގެ ދިގު ކެރިއަރެއްގައި ޝޭން ކްރިކެޓް ކުޅެފައިވާ އިރު، އޭނާ ވަނީ ޖުމްލަ 145 މެޗު ކުޅެފައެވެ.

ޝޭން ވަނީ އޮސްޓްރޭލިއާއަށް 194 ވަން ޑޭ އިންޓަނޭޝަން މެޗުވެސް ކުޅެދީފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ ރެކޯޑު 293 ވިކެޓް ނަގައިފައެވެ. 50 އޯވަރު ކްރިކެޓްގެ ވޯލްޑް ކަޕް 1999 ވަނަ އަހަރު އޮސްޓްރޭލިއާއެކު ޝޭން ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ 2007 ވަނަ އަހަރުއެވެ.

އޭގެ ފަހުންވެސް ފްރެންޗައިސް ޓީ 20 ކްރިކެޓްގައި ޝޭން ފެނިގެން ގޮސްފައިވެއެވެ. އޭނާ ވަނީ ކްލަބު ލެވެލްގައި 2013 ވަނަ އަހަރާ ހަމައަށް ކުޅެފައެވެ. އޭގެ ފަހުން ޝޭން ވަނީ ކްރިކެޓް އެނަލިސްޓެއްގެ ގޮތުގައި ފާހަގަވެފައެވެ.