އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅާއެކު ވެލެންސިއާ ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ވެލެންސިއާ ދެވަނައަށް ޖެހިލީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ވެލެންސިއާއަށް ދެވަނައިގެ ފުރުސަތު ފަހިވީ އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެއްވަރުވުމުންނެވެ. މިވަގުތު ލީގުގެ ތިންވަނައިގައި އޮތް ޔޫވީ އަށާއި ހަތަރު ވަނައިގައި އޮތް އީގަލްސްއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާ އެކުގައެވެ.

މެޗުގެ ކުރީކޮޅުގައި ޓީސީ ފެނުނީ ނުރައްކާ ކޮށެވެ. މުހައްމަދު މުސްލިހު (މުއްޓި)ގެ ދެ ހަމަލާއެއް ފެނިގެން ދިޔަ އިރު، ފުރަތަމަ ހަމަލާ ދިޔައީ ބޭރަށެވެ. ދެން ޖެހި ބާރު ބޯޅަ މަތަކުރީ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.

މެޗުގެ އޮއެވަރު ޓީސީއަށް ގެއްލުނީ 12 ވަނަ މިނެޓުގައި ވެލެންސިއާށް ލިބުނު ޕެނަލްޓީއަކުންނެވެ. ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން ޕެނަލްޓީ ކާމިޔާބު ކޮށްދިން އިރު، އެ ޕެނަލްޓީއަކީ ޓީސީގެ އޭރިއާ ތެރެއިން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ޑިފެންޑަރު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އެ ގޯލާއެކު ވެލެންސިއާއިން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގެ ބާކީ ބައިގައި ހަމަލާތައްވެސް އުފެއްދިއެވެ. ޔާނުއަށް ލިބުނު ފުރުސަތެއްގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވާ ނުލެވުނު އިރު، އޭގެ އިތުރުންވެސް ވެލެންސިއާ ވަނީ އެޓޭކަށް ރަނގަޅު ބޯޅަތަކެއް ކުޅެފައެވެ.

ދެ ވަނަ ހާފުގައިވެސް ނުރައްކާ ކުރީ ވެލެންސިއާއިންނެވެ. ޔާނުގެ ހަމަލާއެއް ގޯލުގެ މަތިން ދިޔަ އިރު، ބޯހަސް އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ޓީސީގެ ކީޕަރު ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ. މެޗުގެ 70 ވަނަ މިނެޓްގައި ވެލެންސިއާއިން އަނެއްކާވެސް ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނެގި ހުރަހަކުން ޔާނު ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ލީގުގައި މިރޭ 9:00 ގައި އޮންނަ މެޗުގައި ސުޕަ ޔުނައިޓެޑުން ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.