އެމްޑީއޭ

ނ. އަތޮޅުގައި ސިޔާސީ ގޮތުން ފުންނާބު އުސް އައްބާސް އެމްޑީއޭގެ ގައުމީ ކައުންސިލަށް

ނ. އަތޮޅުގައި ސިޔާސީ ގޮތުން ފުންނާބު އުސް، ވެލިދޫ މުހައްމަދު އައްބާސް އެމްޑީއޭގެ ގައުމީ ކައުންސިލާ ގުޅިވަޑައިގެންފިއެވެ.

އައްބާސް އެމްޑީއޭގެ ގައުމީ ކައުންސިލަށް އިންތިހާބު ކޮށްފައިވަނީ އެންމެ ފަހުން ބޭއްވި އެޕާޓީގެ ގައުމީ ކައުންސިލުގެ ބައްދަލުވުމުގަ އެވެ.

އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްބާހަކީ، ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް އުފެދުނު ފަހުން މިދިޔަ އަހަރުތަކުގެ ތެރޭގައި ސިޔާސީ ގޮތުން އިސް ސަފުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

އެގޮތުން ނ. އަތޮޅުގެ ހުރިހާ ރަށެއްގައި ޑީއާރްޕީގެ ގޮފިތައް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. އަދި ޑީއާރްޕީ ބައިބައިވެގެން ދިއުމާއި ހަމަޔަށް އައްބާސް ހުންނެވީ ޑީއާރްޕީ ވެލިދޫ ގޮފީގެ ރައީސް ކަމުގެ މަގާމުގައެވެ.

އެމްޑީއޭ އުފެއްދުމަށް އެންމެ އިސް ސަފުގައި އައްބާސް ވަނީ މަސައްކަތް ކުރައްވައިފައެވެ. އޭނާއަކީ އެ ޕާޓީގެ ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނ. އަތޮޅުގެ ރަށްރަށުގައި އެމްޑީއޭގެ ގޮފިތައް އުފެއްދުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

މުހައްމަދު އައްބާސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، ފެނަކައިގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީއޭގެ ޓިކެޓުގައި ނުކުމެވަޑައިގެން، އެމްޑީޕީ ކެންޑިޑޭޓާ ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވީ ވަރަށް ކުޑަ ތަފާތަކުންނެވެ.

އެމްޑީއޭ ސިޔާސީ ގޮތުން ވަރުގަދަ ކުރުމުގެ އިތުރު މަސައްކަތްތަކެއް ފަށާފައިވާއިރު، އެމްޑީޕީގެ ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަދި ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ފުރަހަނި ޝުއެއިބު ދާދި ފަހުން ވަނީ އެޕާޓީއަށް ސޮއިކުރައްވައިފައެވެ.