ތިރީގައި މިގެނެސްދެނީ ހުސްވި ފެބްރުއަރީ މަހުގެ މެދުތެރޭގައި ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުޅަނގުގެ ގައުމުތަކުގެ ނޫސްވެރިން ބައިވެރިވި ޕްރެސްއެއްގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ދެއްކެވި ވާހަކަފުޅުގެ ޚުލާސާ ތަރުޖަމާއެކެވެ. މި ޕްރެސްއަކީ ހަނގުރާމައަކަށް ނުގޮސް ޔުކްރޭނުގެ މައްސަލަ ހައްލުކުރެވޭނެ ގޮތެއް ހޯއްދެވުމަށްޓަކައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި އޭނާއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވުނު ޕްރެސްއެކެވެ. މިއީ ޔުކްރޭނުގެ މައްސަލައިގައި ހުޅަނގުގެ ނޫސްވެރިންނާ މުޚާތަބު ކުރައްވަމުން ރައީސް ޕުޓިން އެންމެ ފަހުން ދެއްކެވި ވާހަކަފުޅެވެ. ވަރަށް މުހިންމު ނުގުތާތަކެއް ހިމެނޭތީ ދިވެހި ބަހުން ލިޔުނީއެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އިރާގަށް އަރައިގަތުމަށްޓަކައި ކުރިއަށް ނެރުނީ ކޮންކަހަލަ އުޒުރެއް ބާވައެވެ. އެމީހުން ބުންޏެވެ. އިރާގުން ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރު އުފައްދަނީއެވެ. އެހެންވީމާ ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމަށް ލޮޅުންތަކެއް އަރަނީއެވެ. މި އުޒުރު ދައްކައިފައި އިރާގަށް އަރައި އެގައުމު އެފުއްމިފުށަށް ޖަހައި ސުންނާފަތިކޮށް ބަރުބާދުކޮށްފިއެވެ. ދުނިޔޭގެ ސުލްހަޔަށް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ ޓެރަރިޒަމްގެ ބޮޑުވެގެންވާ ހާއްޔަކަށް އެގައުމު ބަދަލުކޮށްލައިފިއެވެ. އެންމެފަހުން ދުނިޔެއަށް އެނގި ޔަގީންވީ އެބުނި ކަހަލަ ހަތިޔާރެެއް އިރާގުގައި ނެތްކަމެވެ. އުފައްދަން އުޅެފައެއްވެސް ނެތްކަމެވެ. ދެން ބުންޏެވެ. ޖާސޫސީ މައުލޫމާތު ގޯސްވީއެވެ. އެހެންވީމާ ކަތި ފިޔަވަޅެއް އެޅުނީއެވެ.

ސާބަހެވެ. ގައުމެއް ހަލާކުކޮށް ބަރުބާދުކޮށްލައިފިއެވެ. މިޖަރީމާ ދިފާއުކުރުމަށްޓަކައި ދެއްކިހާވެސް ހުއްޖަތަކީ މިއީއެވެ. މައުލޫމާތު ގޯސްވީއެވެ. އިންޓެލިޖެންސް ފޭލްވީއެވެ. މިއީ އެމެރިކާގެ ސިޔާސަތެވެ. ތައައްސުބެއް ނެތި ވިސްނައި ފިކުރުކުރާ ހަމަ ކޮންމެ މީހަކަށްވެސް ބުނާން ޖެހޭނީ މިހެންނެވެ. އެއަށްވުރެ ގޮތްދޫކުރުމެއްނެތް މަވެތި މުރަނަ ހަރުކަށި އެހެން ސިޔާސަތެއް ނެތެވެ. އެއީ ވަރަށްވެސް ސާފުކޮށް ފެންނާން އޮތް ކަމެކެވެ. އެމެރިކާގެ މަސްލަހަތުކަމުގައި އެއުރެންނަށް ފެންނަ ކޮންމެ ކަމެއް ދިފާއުކުރުމުގައި ގެންގުޅެނީ މި ސިޔާސަތެވެ. އެމެރިކާގެ ވެރީންނަށް ދުނިޔެ ފެންނަނީ އަދި ބަލަނީވެސް އަމިއްލަ މަސްލަހަތުގެ ދުރުމިޔަކުންނެވެ. އެހެންބަޔަކު ދެކޭގޮތެއް، ގެންގުޅޭ ވިސްނުމަކަށް ރިއާޔަތް ކުރުމެއް އަމްދަކުން ނޯވެއެވެ.

އެންމެންވެސް ވަށައި ހޯދައި ބަލައި ފިކުރު ހިންގައިބަލާށެވެ. އަވަށްޓެރި ގައުމެއް ދެގައުމެއް ފިޔަވައި ބޭރު އެހެން ގައުމުތަކުގައި ރޫސީ ސިފައިންނެއް ނެތެވެ. އެމެރިކާ އެހެން ހެއްޔެވެ؟ އެމެރިކާގެ ސިފައިން ނެތް ތަނެއް ނެތެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކެވެ. ގައުމުތަކާމެދު ނިޔާކަނޑައަޅައި އަދަބު ދިނުމާއި އިނާމު ދިނުމުގައި އެއުޅެނީ ހޭބޯނާރައެވެ. އެމެރިކާ އާއި ކިތަންމެ ދުރުގައި އޮންނަ ގައުމަކަސް މިންޖުވުމެއް ނެތެވެ. މިކަންކަން މިހެން ހުރުމާއެކުވެސް އެމެރިކާއިން އެބަބުނެއެވެ. ދުނިޔޭގެ ގާނޫނުތަކާއި ސުލްހައިގެ އޮނިގަނޑު މުގުރަނީ ރަޝިޔާއިންނެވެ. އަޅެ މިއީ ކިހާ ހެއްވާކަން ބޮޑު ތުހުމަތެއް ހެއްޔެވެ.

ލޯހުޅުވައި ބަލައި ކަންތައް ހިނގާގޮތް ދެކިބަލާށެވެ. ރަޝިޔާ މިއޮންނަނީ އޮތްތާގައެވެ. ފުޅަލެއް ނުކުރަމެވެ. ބޮޑެއް ނުކުރަމެވެ. ނޭޓޯއާ ގާތަކަށް ނުޖެހެމެވެ. އިންޖީނު ބައްތެއްޔެއްގެ މިސާލުގައި ރަޝިޔާއާ ގާތަށް ޖެހެމުން އެދަނީ ނޭޓޯއިންނެވެ. ތިބިތާ ނުތިބެވިގެން ބޮޑުކުރަމުން ފުޅާ ކުރަމުން ރަޝިޔާއާ ގާތަށް ޖެހެމުން އެދަނީ ނޭޓޯއިންނެވެ. އެހެންވީމާ ދެކޮޅުވެރިވުމާއި އަދާވާތްތެރިވުމުގެ ސިޔާސަތެއް ގެންގުޅެނީ ރަޝިޔާއިންނޭ އެބުނާ ބުނުން ދެކޮޅު ޖެހޭހެއްޔެވެ. އިންސާނީ ބުއްދިޔާ ފުށުއެރުމެއް ނެތް ހެއްޔެވެ. ރަޝިޔާއިން އެއްވެސް ގައުމެއްގެ ސަރަހައްދީ އިމާ ގާތަށް ޖެހުނީއެއް ނޫނެވެ. ޖެހޭނީއެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ރަޝިޔާގެ އިމާ ގާތަށް ޖެހެމުން އެދަނީ ނޭޓޯގެ ސިފައިންނާއި ހަތިޔާރެވެ. ދެކޮޅުވެރިކަމާއި ނޭއްގާނިކަމުގެ ނިޔަތަކާއިގެންނެވެ. އެކަން ވަރަށް ސާފެވެ.

މިވަގުތު އަހަރެން އަނެއްކާވެސް ބުނެލަން ވަރަށް ބޭނުން ވާހަކައެއް އެބައޮތެވެ. މިވާހަކަ މީގެ ކުރިންވެސް އެތަކެެއްފަހަރު ދައްކައިފީމެވެ. އަޑުއިވުނުހެން ހިޔެެއް ނުވެއެވެ. އެހެންވީމާ މިފަހަރު ކޮންމެހެން ހަދާފައިވިޔަސް ކަލޭމެންގެ ކަންފަތްތަކަށް މި އަޑު ވައްދަން އަހަރެން ބޭނުމެވެ. ވަރަށް ބޮޑަށް ބޭނުމެވެ. ކަލޭމެންގޮސް ކަލޭމެންގެ ލީޑަރުންނަށްވެސް މިވާހަކަ ބުނެދޭށެވެ. ކަލޭމެންގެ ރައްޔިތުންނަށްވެސް ކިޔައިދޭށެވެ. ޔުކްރޭނު ނޭޓޯގައި ބައިވެރިވެގެން އަސްކަރީ ބާރުގެ އެހީގައި ކްރައިމިއާ އަލުން ހިފަން ދިމާކޮށްފިނަމަ ނޭޓޯގައި ހިމެނޭ ޔޫރަޕުގެ ހުރިހާ ގައުމަކަށް އޮޓޮމެޓިކުން އެވަދެވެނީ ރަޝިޔާއާ ދެކޮޅު ސީދާ ހަނގުރާމައަކަށްކަން ކަލޭމެންނަށް މޭރުންނުވަނީ ހެއްޔެވެ. ރަޝިޔާއާ ދެކޮޅު ހަނގުރާމައެއްގެ ތެރޭގައި ބަނދެވެނީކަން ނުވިސްނެނީ ހެއްޔެވެ.

އަހަރެންވެސް ގަބޫލު ކުރަމެވެ. ނޭޓޯގެ ތިރީސް ގައުމު އެކަތިގަނޑަކަށްވީމާ އެމީހުންގެ ކެރިފޯރުންތެރިކަމާއި މުއްސަނދިކަމާއި އާރާއި ބާރާއި އާބާދީ ރަޝިޔާއަށްވުރެ މާފުރިހަމައެވެ. އަޅުވައި ކިރޭވަރަށްވުރެވެސް ތަފާތު ބޮޑެވެ. އަހަރެމެން އެކަމަށް އިއުތިރާފް ވަމެވެ. އެކަމަކު ހަނދާންކުރުން ހުއްޓެވެ. ރަޝިޔާއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނިއުކުލިއަރ އެއްބާރެވެ. ރަޝިޔާއަކީ ޒަމާނީ ނިއުކުލިއަރ ހަތިޔާރާއި ވަސީލަތްތަކުގެ ގޮތުން ނޭޓޯގެ ގިނަ ގައުމުތަކަށްވުރެ މާކުރިއަރާފައިވާ މާވަރުގަދަ ގައުމެކެވެ. ނިއުކުލިއަރ ކުރިމަތިލުމަކަށް ދާން ނުވިސްނާށެވެ. އެހެނީ އެފަދަ ކުރިމަތިލުމަކުން ހަމައެއްބަޔަކަށްވެސް ނަސްރެއް ނުލިބޭނެއެވެ. ނޭޓޯއަކަށްވެސް ނުލިބޭނެއެވެ. ރަޝިޔާއަކަށްވެސް ނުލިބޭނެއެވެ. އެކަމަކު ދާން ތިޔައުޅެނީ އެ މިސްރާބުންނެވެ.

ނޭޓޯއަށާއި އީޔޫއަށާއި ދެންވެސް ހުރިއްޔާ ހުރިތާކަށް ޔުކްރޭނު ވައްދައިގެން ރަޝިޔާއާ ދެކޮޅަށް ޔުކްރޭނުން އަމަލެއް ހިންގާއިރަށް އެ އަމަލަކަށް ރަޝިޔާއިން ރައްދު ދިނީމާ ކަލޭމެންނަށްވެސް ނޭނގި ތިއްބައި ކުއްލިޔަކަށް އެވަދެވުނީ ހަނގުރާމައަށެވެ. ރޯމް މުއާހަދާގެ ފަސްވަނަ މާއްދާގެ ދަށުން އެއޮތީ ޔުކްރޭނާއެކު ކަލޭމެން އެންމެންވެސް ހަނގުރާމައިގައި ޝާމިލްވެފައެވެ. ތިޔަވަރަކުން ތިޔަ ޖަމިއްޔާތަކަށް ޔުކްރޭނު ވައްދަން ކަލޭމެންގެ ސަރުކާރުތަކުން ފައިވިއްދާފައި ތިބިއިރު ކަލޭމެންގެ ރައްޔިތުންނަށް މިކަމުގެ ބިރުވެރިކަން އެބަ ވިސްނޭހެެއްޔެވެ. ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި އަހަރެމެންނަށް ދުލެއް ނުދެވޭނެއެވެ. މިއީ ދެމިތިބުމާއި ނެތިގެންދިޔުމާއި ގުޅިފައިވާ ކަމެކެވެ. އެވަރު ދަންނާށެވެ.