އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އޭނާ ތާއީދުކުރައްވަނީ ފައްޔާޒް އިސްމާއީލަށް ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ތައިރޮއިޑުގެ އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު، މި ވަގުތު ސިންގަޕޫރުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވަމުން މޫސަ ވިދާޅުވީ، "އެމްޑީޕީގެ ވާހަކަވެސް ދައްކާލެވުނު، ދެންނެވިން ފައުންޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ފައްޔާޒަށޭ ތާއީދުކުރަނީ."
މޫސަ ވިދާޅުވީ، ސާޖަރީއަށް ފަހު، ހެޔޮ ހާލުކޮޅުގައި ބައްދަލުވެ، ހާލު އޮޅުންފިލުވައިލެވުނު ކަމަށެވެ. ހާލުކޮޅު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށް ވެސް މޫސަގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިވަގުތު އެމްޑީޕީގެ އިސް މަގާމެއްގައި ނެތް ނަމަވެސް، ރީކޯ މޫސަ އާއި ރައީސް ސޯލިހު ފެންނަނީ ވަރަށް ގާތް ގުޅުން އޮންނަ އަރިސް ދެބޭފުޅުންގެ ގޮތުގަ އެވެ. ރައީސް ސޯލިހު ގައުމުން ބޭރަށް ވަޑައިގަންނަވާ ވަރަށް ގިނަ ދަތުރުފުޅުތަކާ ދިމާކޮށް އެ ގައުމަކުން މޫސަ އާއި ރައީސް ބައްދަލުކުރައްވަ އެވެ.
ރައީސް ސޯލިހު، ކުރީން ރައްޔިތުންގެ މަޖިލީހުގައި އެ އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރެއްވި އިރު، މޫސަ ވަނީ ޕާޓީގެ ޗެެއާޕާސަން ކަން ކުރައްވައިފަ އެވެ. އަދި ހަމަ އެހެންމެ ދެބޭފުޅުން އެކު އެކީގައި މަޖިލީހުގައި ވެސް ވަނީ ގިނަ އަހަރުތަކެއް ހޭދަކުރައްވައިފައެވެ.