ހއ. އިހަވަންދޫގެ އައިސްޕުލާންޓް ތެރޭގައި ޖޫން 16، 2018 ގައި، ޅ. ހިންނަވަރު/ އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި، ދެފަރާތުގެ ހުލާސާބަޔާން މިއަދު ކުރިމިނަލް ކޯޓުގައި އިއްވައި ނިންމާލައިފިއެވެ.
އިއްސެގެ މަރުގެ މައްސަލައިގައި ދައުވާ ކުރަނީ، ބަންގުލަދޭޝްގެ ސުމޮން މިއާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ.
މި މައްސަލައިގައި މީގެ ކުރިން ސުމޮން މިއާ ވަނީ އިއްސެ މަރާލި ކަމަށް އެއްބަސްވެ، ކަން ހިނގައިދިޔަ ގޮތް ތަފުސީލުކޮށް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފަ އެވެ. ނަމަވެސް އޭގެފަހުން އެކަަމަށް އިންކާރުކޮށް، އެގޮތަށް އެއްބަސްވީ އޭނާ ހައްޔަރުކޮށް ބިރުދައްކައި އަނިޔާ ކުރުމުން ކަމަށް ވަނި ބުނެފައެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވީ، އިއްސެގެ ހަށިގަނޑު ފެނުނީ އައިސް ޕްލާންޓުގައި ހުރި ޓޭންކެއްގެ ކައިރިންކަމަށް ފުލުހުން ބުނެފައިވާ އިރު، ދައުވާއަށް އިއުތިރާފުވެ، ސުމޮންމިއާ މީގެކުރިން ތަހުގީގަށް އެވާހަކަ ކިޔައިދިން ވާހަކަތަކަށް އޭގެން ބާރު ލިބިދޭކަމަށެވެ.
އިއްސެގެ ބުރަކައްޓާއި ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި، އޭނާގެ ހަށިގަނޑު ދަމާފައި އައިސް ޕްލާންޓަށް ލުމަށް ބޭނުންކުރި ވާގަނޑު ކަރުގައި އައްސާފައި އޮތްކަމަށާއި، އޭނާއަށް ހަމަލާދިން ވަޅި އައިސް ޕްލާންޓް ތެރޭގައި ހުރި އައިސް ބޮކްސްއެއްގެ ތެރެއިން ފެނިފައިވާކަމަށް ފުލުހުން ހެކިދީފައިވާތީ، އާއި އެހާދިސާގެ ސީންއިން ނެގި ސާމްޕަލްތަކާއި ސުމޮން މިއާގެ ފިންގާ ޕްރިންޓާ ދިމާވާކަމަށް ފުލުހުން ބުނެފައިވާތީ، ވަކީލާ ވިދާޅުވީ، އެއީ ސުމޮން މިއާ ކޮށްފައިވާ ކަމެއްކަމަށް ހެކިތަކާއި، ހާދިސާތަކުން ސާބިތުވާ ކަމަށެވެ.
އެއަށްފަހު އިތުރު ހެކިތަކުން ފާހަގަވި ނުކުތާތައް ވަކީލާ ޝަރީއަތަށް ހިއްސާ ކުރެއްވިއެވެ
އެ ދައުވާއަށް ދެފަހަރެއްގެ މަތިން ސުމޮންމިއާ އިއުތިރާފުވެފައިވާ ކަން، ފާހަގަ ކުރައްވައި، ދައުލަތުގެ ވަކީލާވަނީ މި މައްސަލަ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑަައަޅުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
ސުމޮންމިއާގެ ދިފާއީ ވަކީލުގެ ހުލާސާ ބަޔާން ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، އެ މައްސަލައިގައި، ހާޒިރުކުރި ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ. އޭގެ ތެރޭގައި، މައްސަލައިގެ ތަހުގީގަށް ސުމޮން މިއާ ގެންގޮސް ބޭނދި ތަނާ ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކަ ފުށުއަރާކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަމަށް ބަލައި، އެ ދައުވާ ސުމޮންމިއާގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިއަދުގެ އަޑުއެހުމުގައި، ދެފަރާތުގެ ހުލާސާ ބަޔާން އިއްވާފައިވާތީ، ދެން އޮންނާނީ މި މައްސަލަ ސުމޮންމިއާގެ މައްޗަށް ސާބިތުވޭތޯ ނުވަތަ ނުވޭތޯ ކަނޑައެޅުމެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ އޮންނާނީ ވާރިސުންގެ ހެކިބަސް ނެގުމެވެ. އެހެން ވެއްޖެނަމަ މައްސަލައިގެ ހުކުމް އިއްވާނީ ވާރިސުންގެ ހެކިބަހުގެ މައްޗަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު