ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި މާރުކޭޓު ގާއިމު ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިގޮތަށް ނިންމަފައިވަނީ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި 42 ވަނަ އާންމު ޖަލްސާގަ އެވެ. އަދި އިއްޔެ އެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މާރުކޭޓު ގާއިމުކުރުމަށް ނިންމާފައިވަނީ ދަރުބާރުގެއާއި އިންވެގެން އޮންނަ ޕާކިން ޒޯން އޭރިއާ (މިހާރު އެޗްޕީއޭ އިން ކޮވިޑު ސާމްޕަލް ނެގުމަށް ޓެންޓު ޖަހާފައި ހުރި ސަރަހައްދު) އާއި ރަސްފަންނު ކައިރިން ޕާކް ކުރުމަށް ހަދާފައިވާ ސަރަހައްދުގައި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގެ ދެ ސަރަހައްދެއްގައި ރޯދަމަހާ ގުޅުވައިގެން އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދެ މާރުކޭޓު ގާއިމުކުރުމަށް ނިންމައި މި ދެ މާރުކޭޓަށް ބޭނުންވާ ޓެންޓް ޖަހައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

މާރުކޭޓު ގާއިމު ކުރުމަށް ޓެންޓު ޖަހަން ޝައުގުވެރިވާ ފަރާތްތަކުން މައުލުމާތު ސާފު ކުރުމަށް މިމަހުގެ ހަ ވަނަ ދުވަހު އެ ކައުންސިލްގެ ޕްރޮކިއުމަންޓު ސެކްޝަނަށް ދިއުމަށް ވަނީ އެދިފަ އެވެ. އަދި މިކަމަށް އަގު ހުށަހެޅުން މިމަހުގެ 10 ވަނަ ދުވަހު އޮންނާނެ ކަމަށާއި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން މި މާރުކޭޓު ތަކުން ގޮޅި ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މި ގޮޅިތައް ދޫކުރެވޭނީ ދެމަސް ދުވަހަށް ކަމަށާއި ގޮޅި ބޭނުންވާ ފަރާތްތަކުން ތައިސޭ ކޮށީގައި ހުންނަ އެ ކައުންސިލްގެ އާންމުހިދުމަތްތަކާ ބެހޭބައިން ގޮޅިއަށް އެދޭ ފޯމު ލިބޭނެ ކަމަށް އެކައުންސިލުން ބުންޏެވެ.

ވަގުތީ މާރުކޭޓުން ގޮޅި ދޫކުރެވޭނީ އުމުރުން 18 އަހަރުންމަތީގެ މާލެސިޓީގައި ދިރިއުޅޭ، ދިވެހި ރަށްވެހިންނަށެވެ. ގޮޅީގައި ވިއްކަން ބަހައްޓާ ތަކެއްޗަކީ ކެއިންބުއިމަށް ސިއްހީގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ވާންވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ފީވެ ހަލާކުވެފައި ހުންނަ ތަކެއްޗާއި އިންޕޯޓްކޮށްފައި ހުންނަ ލުއިކާނާއާއި ސޮފްޓްޑުރިންކާއި، ކޮފީއާއި، ތައްޔާރީ ކެއުމާއި، އައިސްކުރީމް ފަދަ ތަކެތި މި ގޮޅިތަކުގައި ނުވިއްކޭނެ އެވެ.

ގޮޅި ކުއްޔަށް ދިނުމާއި، އެހެންފަރާތަކަށް މަންފާ ލިބޭގޮތަށް ދީގެން ގޮޅި ހިންގުމާއި، ބިދޭސީންނާ ހަވާލުކޮށްގެން (ގޮޅީގެ އެއްވެސް މަސައްކަތެއްގައި) ހިންގުމަކީ މަނާ ކަމެކެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ގޮޅިހިންގުން ހުއްޓާލަން ޖެހިއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި ލިޔުމުން ގޮޅި ކުއްޔަށްދިން ފަރާތަށް އަންގަން ވާނެ ކަމަށާއި މި އުސޫލާ އެއްގޮތަށް ގޮޅިތައް ހިންގުމުގެ ކަންކަން ބަލައި ޗެކުކުރާ އިރު އުސޫލާ ހިލާފުކަމެއް ފާހަގަ ވެއްޖެނަމަ ކަނޑައެޅިފައިވާ ޖޫރިމަނާ ކުރުމަށްފަހު އެކަމެއް ރަނގަޅު ކުރުމަށް އެންގޭނެ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.

އެގޮތުން އުސޫލާ ހިލާފުވާ ފަރާތެއްނަމަ 200 ރުފިޔާއާއި 500 ރުފިޔާއާ، ދެމެދުގެ އަދަދުކުން އެގޮޅިއެއް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި އެފަދަ ކަމެއް އަލުން ތަކުރާރު ވެއްޖެނަމަ އިތުރު ފުރުސަތެއް ދިނުމަކާއި ނުލައި ގޮޅިން މުދާ ހުސްކުރުމަށް އަންގައި ގޮޅި ވަކިކުރުމުގެ ނޯޓިސް ދެވޭނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ މަހު ކުއްޔަށެވެ. އެ ގޮތުން ގޮޅީގެ ކުއްޔެއްގެ ގޮތުގައި މާލޭސިޓީކައުންސިލުން ކަނޑައަޅާފައިވާ ކުލި ގޮޅިކުއްޔަށް ހިފުމަށް ދެފަރާތުން ސޮއިކޮށްފައިވާ ލިޔުމުގައި ވާގޮތުގެ މަތިން މާލޭ ސިޓީކައުންސިލްގެ އިދާރާއަށް ދައްކަންޖެހެ އެވެ. ނަމަވެސް ނަގާ ކުލި އެކައުންސިލުން ހާމައެއް ނުކުރެ އެވެ.