ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ދިވެހި ތާރީޚުގެ ބޮޑު ބައްޕަޔަކީ ދިޔަމިގިލީ ބޮޑު ބަންޑާރައިންނެވެ.

އިމާދު ލަތީފު

1

ދިވެހިރާއްޖޭގެ ރަސްކަމުގެ ކޮއިލުތެރެއިން މީލާދީން 1774 ވަނަ އަހަރު ވަރަށް ހުތުރުވެގެންވާ ނުބައި ބަޣާވާތެއް ފެނިގެންދިޔައެވެ. ދިޔަމިގިލީ ޚާންދާނުގެ އެންމެފަހު ރަދުން ސުލްތާން މުހައްމަދު ޣިޔާސުއްދީނު ހައްޖަށް ފުރާވަޑައިގެންނެވީމާ ހުރާގޭ މުހައްމަދު މަނިކުފާނު ނިކުމެ ބެރަކަށްނުވާ ބެރެެއް ތަޅައި، ތެދެއް އެކުލެވިގެންނުވާ ވާހަކަތަކެއް ދައްކައި ވެރިކަން އިންގިލާބުކޮށް ސުލްތާން މުހައްމަދު ޝަމްސުއްދީނު ދެވަނައިގެ ނަމުގައި ތަޚުތު މިލްކުކޮށްފިއެވެ. އެހިސާބުން އެފެށުނީ ހުރަވީ ޚާންދާނުގެ ރަސްކަމެވެ. މިދެންނެވި މަގުން ފެށުނު ހުރަވީ ރަސްކަން 1968 ނޮވެމްބަރު އެގާރަޔާ ހަމަޔަށް ދެމިއޮވެއްޖެއެވެ. ގާތްގަޑަކަށް 200 އަހަރާ ގާތްކުރާ މުއްދަތަކަށް ހުރަވީންގެ ރަސްކަން ދެމިގެންދިޔައިރު ނިޒާމުގެ ތެރެއިން ދިޔަމިގިލީ ޚާންދާނުގެ ވަހާއި ކުލަޔާއި އަސަރު ކަނޑުވައިލުމަށް ވަރަށް ބޮޑު އިސްކަމެއް ދެވުނެވެ.

ތާރީޚުގެ ތެރެއަށް ފީނައި ހޯދައި ބަލާ މީހަކަށް ދިޔަމިގިލީ ޚާންދާނުގެ ރަސްރަސްކަލުންގެ ގައުމީ ބޮޑެތި ޚިދުމަތްތައް ދެނެގަނެވޭނެއެވެ. އުނދަގޫ ކަމެއް ނޫނެވެ. ޚާއްސަކޮށް ދިޔަމިގިލީ ބޮޑު ބަންޑާރައިން ނުވަތަ މުޒައްފަރު މުހައްމަދު އިމާދުއްދީނާއި ދިޔަމިގިލީ އިބްރާހިމް ރަސްގެފާނާއި މުހައްމަދު ޣިޔާސުއްދީނެވެ. އެހެންނަމަވެސް މިއިން އެެއްވެސް ބޭފުޅަކަށް ނިސްބަތްކުރެވޭ އިމާރާތެއް، ދުވަހެއްވެސް ނެތެވެ. އަދި ޖަލްސާއެއްގައި މިއިން ބޭފުޅެއްގެ ގައުމީ މަތިވެރި ޚިދުމަތުގެ މައްޗަށް ވާހަކަ ދައްކާ މީހަކުވެސް ނުފެނެއެވެ. މިބޭފުޅުން ކުރެެއްވި ބައެއް ކަންކަން އެހެން ބައެއް ބޭފުޅުންނަށް ނިސްބަތްކޮށް އެކިކަހަލަ މުނާސަބުތައް ފާހަގަކުރުން އެބައޮވެއެވެ. އެހެންވީމާ މިލިޔުމުގައި އަލިއަޅުވާންކަމަށް ގަސްތު މިކުރަނީ ދިޔަމިގިލީ ބޮޑު ބަންޑާރައިންގެ މުހިންމު ޚިދުމަތަކަށެވެ.

ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީނު ދެވަނަ ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1704 ވަނަ އަހަރުން ފެށިގެން 1721 ވަނަ އަހަރަށެވެ. މިއީ ރާއްޖޭގެ ނިސްބަތުން ކުރު ރަސްކަމެއް ނޫނެވެ. ދިގު ރަސްކަމެކެވެ. ގާތްގަޑަކަށް 17 އަހަރުގެ މި ދައުރުގައި އެރަސްގެފާނު ވަރަށް ގިނަ އައު ކަންކަން ފައްޓަވައި ވަރަށް ގިނަ ރޮނގު ރޮނގުން ވަރަށްވެސް ފާހަގަ ކުރެވޭ ޚިދުމަތްތަކެއް ކުރެެއްވިއެވެ. އޭގެތެރެއިން އެންމެ ޚާއްސަ ޚިދުމަތަކީ ރަސްމީ ސިފައެެއްގައި ދިވެހި ތާރީޚު ލިޔާން އަމުރު ކުރައްވައި އެކަމަށް ބޭނުންވާނޭ ވަސީލަތްތައް ހަމަޖައްސަވައި ދެެއްވުމެވެ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް ތާރީޚު ލިޔާގޮތަށް ކަންކަމުގެ ތަފްސީލުތައްވެސް ހިމެނޭހެން ދިވެހި ތާރީޚުގެ އެކިއެކި ކަންކަން ހޯދައި ބަލައި ލިޔެ ރައްކާކުރުމެވެ. ތާރީޚު ލިޔުމަށް ރަސްމީ ހައިސިއްޔަތު ދެއްވުމެވެ. މިއީ އޭގެ ކުރިން ދިވެހިރާއްޖޭގެ އެއްވެސް ރަސްކަލަކު ކުރެެއްވި ކަމެއް ނޫނެވެ.

އިލްމީ ސިފައެއްގައި ކަންކަން ހޯދައި ބަލައި ދިރާސާކޮށް ދިވެހި ތާރީޚު ކަރުދާހަށް ގެނައުމަށް ދިޔަމިގިލީ ބޮޑު ބަންޑާރައިން ނިންމެވި ހިނދު އެކަންކުރުމުގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާ ހަވާލު ކުރެއްވީ އޭރުގެ ފަނޑިޔާރު ކަލޭގެފާނާއެވެ. ފަނޑިޔާރުކަމުގައި ހުންނެވީ މަޝްހޫރު އަލްގާޒީ ހަސަން ތާޖުއްދީނެވެ. ހައްދުންމަތީ ގަމު ބެއިކަލެކެވެ. ވަރަށް ބޮޑު އިލްމުވެރިޔެކެވެ. އެހެންވީމާ ބޮޑު ބަންޑާރައިން ބޭނުންފުޅުވާ ގޮތަށް މިކަން ފައްޓަވައިދެއްވޭނެ އިލްމީ އަދި ބަހަވީ ކެރިކުޅަދާނަކަން ލިބިގެންވާ ބޭފުޅަކީ ހަސަން ތާޖުއްދީނު ކަމަށް ފެނިވަޑައިގެން ރަދުން މިގޮތަށް ނިންމެވީއެވެ. ދިވެހި ތާރީޚު ލިޔުމަކީ އަމިއްލަފުޅަށް ފެނިވަޑައިގެން އަމިއްލަފުޅު ނިންމެވުމަކުން އަލްގާޒީ ހަސަން ތާޖުއްދީނު ފެެއްޓެވި މަސައްކަތްޕުޅެއް ނޫނެވެ. އެއީ އަމުރުކުރެވުނީމާ ތަބާވުމަށް ކުރެއްވި ކަމެކެވެ.

މިލިޔުން ފަށަމުންވެސް ބަޔާންކުރި ފަދައިން މީލާދީން 1774ގައި ދިޔަމިގިލީ މުހައްމަދު ޣިޔާސުއްދީނު ކަނޑު ފައްތައި ޝަހީދުކޮށް ހުރާގޭ މުހައްމަދު މަނިކުފާނު ގެނައި ބަޣާވާތެެއްގައި ރަސްކަން ފޭރި ހުރަވީ ޚާންދާނުގެ ރަސްކަމެއް ގާއިމްކުރެވުނު ހިސާބުން ދެން ފެށުނީ ދިޔަމިގިލީ ޚާންދާނުގެ ވަހާއި ކުލަ ތާރީޚުން ކަނޑުވައިލުމުގެ އަސަރުތަކެވެ. އެގޮތުން ދިވެހި ތާރީޚު ލިޔާން ފެށުމުގެ ކްރެޑިޓް ހަސަން ތާޖުއްދީނަށް ހައްގުވެ އެއީ ދިވެހި ތާރީޚުގެ ބައްޕަކަމުގައި ބަލާން ފަށައިފިއެވެ. މުޒައްފަރު މުހައްމަދު އިމާދުއްދީނުގެ ވާހަކައެއްވެސްނެތެވެ. ތަންކޮޅެއް ފަހުން ހުރަވީ ޚާންދާނުގެ ބޭފުޅެއް ކަމުގައިވާ އަތިރީގޭ މުހައްމަދު އަމީން އައު ފޭރާމެއްގައި އައު ގޮތަކަށް ދިވެހި ތާރީޚު ލިޔުއްވާން އުޅުއްވައިގެންވެސް ކަންކަން ފެނިވަޑައިގެންނެވީ ހުރަވީ ދުރުމިޔަކުންނެވެ. އެމަނިކުފާނަށްވެސް ފެނިވަޑައިގެންނެވީ ހަސަން ތާޖުއްދީނެވެ.

ހުރާގޭ މުހައްމަދު މަނިކުފާނުގެ ބަޣާވާތަށް 250 އަހަރުވާން ގާތްވަނީއެވެ. ހުރަވީންގެ ދިގު ރަސްކަންވެސް މިރާއްޖޭގައި މިހާރަކު ނެތެވެ. އެރަސްކަމާއި އެ ތައައްސުބު ވަނީ މާޒީޔާއެކުވެފައެވެ. މިހާރު މިއޮތީ އިލްމުގެ އަލީގައި ކަންކަން ހޯދައި ބަލައި އޮޅުންބޮޅުންތައް ތާރީޚުން ފިލުވައި ކަންކަމުގެ އެކޮޅު މިކޮޅު ސައްހަ ގޮތުގައި ގެނެސްދިނުމުގެ ޒަމާނެވެ. އެކަމަކު ހިތާމަޔަކީ ހުރަވީންގެ ޒަމާނުގައި ދިޔަމިގިލީ ޚާންދާނުގެ ރަސްރަސްކަލުންގެ ޚިދުމަތަށް އިއުތިރާފުނުވުމުގެ އާދަ މިޒަމާނަށްވެސް ދެމިގެން އައިސްފައިވުމެވެ. އެވިސްނުން އަދިވެސް ހުރުމެވެ. ތާރީޚު ބަލަން މިހާރުވެސް ބޭނުންވަނީ ހަމަ އެދުރުމިންނެވެ. މިކަމުގެ އެންމެ އަލިގަދަ އެއްމިސާލަކީ ދިވެހިރާއްޖޭގެ ތާރީޚު ދުވަހުގެ ނަމުގައި އައު ދުވަހެއް ފާހަގަ ކުރުމަށް 2018 ވަނަ އަހަރު ނިންމައި އެދުވަސް ކަނޑައެޅުނު ގޮތެވެ.

ދިވެހި ތާރީޚު ދުވަހުގެ ގޮތުގައި ކަނޑައެޅި ފާހަގަ ކުރެވެމުންދަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 27 ވަނަ ދުވަހެވެ. އެދުވަހަކީ އަލްގާޒީ ހަސަން ތާޖުއްދީނު އަވަހާރަވި ދުވަހެވެ. ތާޖުއްދީނު އަވަހާރަވީ މީލާދީން 27 ފެބްރުއަރީ 1727 ގައެވެ. މިދުވަސް ފާހަގަކުރާއިރު މިޒަމާނުގައި ވެސް މިކިޔަނީ މުހައްމަދު އަމީނު ވިދާޅުވި ގޮތަށް ދިވެހި ތާރީޚުގެ ބައްޕަޔަކީ ހަސަން ތާޖުއްދީނު ކަމުގައެވެ. ދައްކަނީ ތާޖުއްދީނުގެ ވާހަކައެވެ. ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީނުގެ މަތިން ހަނދާނެއްވެސް ނެތެވެ. ދެން އެންމެ ރަނގަޅެވެ. ހަސަން ތާޖުއްދީނަށް އެރުވިފައިވާ ޝަރަފު އެގޮތުގައި ބާއްވަމާ ބަހީއެވެ. އެއީ ދިވެހި ތާރީޚުގެ ބައްޕައެވެ. އެކަމަކު ތާޖުއްދީނަކީ ބައްޕަ ކަމަށްވަނީ ވިއްޔާ ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީނަކީ ކާކުބާވައެވެ. އެއީ ދިވެހިތާރީޚުގެ މަހާސިރީ ބައްޕައެވެ. އެންމެ ބޮޑު ބައްޕައެވެ. މިއީ ޖަދަލުކުރެވެންވެސް ނެތް ހަގީގަތެކެވެ.