ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު މަންފާ ލިބިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭއިން މިއަދު ބޭއްވި ނިޔުސްކޮންފަރެންސްގައި، މަޖިލިސް ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސިޔާމް ވަނީ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު މަންފާއެއް ލިބިވަޑައިގެންނެވީ މަޖިލިސް ރައީސް ނަޝީދަށް ކަމަށާއި އެއީ ދުނިޔެ ދައްކާ ހަގީގަތް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެމްޕީއާރުސީގެ ވާހަކަދައްކާ މައްސަލަ ބަލަންޖެހޭ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އެމްޕީއާރުސީގެ މައްސަލައިގެ އެންމެ ބޮޑު މަންފާއެއް ލިބިފައިވަނީ މަޖިލިސް ރައީސަށް. އެއީ މި ދުނިޔެ ދައްކާ ހަގީގަތް. މިއީ ހަގީގަތް، އެކަމަކު މަޖިލިސް ގޮނޑީީގައި އިންނަވައިގެން އެމަނިކުފާނު އެމްއެމްޕީއާރުސީގެ މައްސަލައިގެ ވާހަކަދައްކާތީ އެ މައްސަލަ ބަލަންޖެހޭ،" ސިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މައްސަލައިގައި ވެސް ސިޔާމް ފާޑުވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައީސް ނަޝީދަކީ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރަށްވާ އިރު، އެމަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން ރައްޔިތުންނަށް ގެނެސްދެވޭނެ އިންސާފެއް ނޯންނާނެ ކަމަށެވެ. އަދި ޖޭއެސްސީގައި މިހާރު މުޅިންވެސް ތިއްބެވީ ސިޔާސީ ބޭފުޅުން ކަމަށާއި އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، ރައްޔިތުންނަށް އިންސާފު ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ޝަރުއީ ނިޒާމުގައި މިހާރު އޮންނަނީ ބާރުގަދަ މީހުންނަށް، ވަކި ގޮތެއް ކަަމަށާއި ނިކަމެތިންނަށް ވަކި ގޮތެއް ކަމަށެވެ. އެގޮތުން މުޅި ގައުމުގައި ބޮޑެތި ވައްކަންތައް ކޮށްފައިވާ މީހުން މަހެއް ދެމަހެއްގެ ތެރޭގައި ދޫކޮށްލާތަން ފެންނަ އިރު، ފިހާރައަކުން ކުޑަ އެއްޗެއް ވަގަަށް ނަގާ މީހުން، ހުކުމަކާ ނުލައި ހަތް އަހަރު، އަށް އަހަރުވަންދެން ޖަލުގައި ބަންދުކޮށްފައި އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެފަދަ އެތައް ނިކަމެތިންނެއް ހުކުމަކާ ނުލައި ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ. އެއީ އެތައް ބަޔަކަށްދޭ އަނިޔާއެއް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، އެމްޑީއޭގެ ވެރިކަމެއްގައި އަދި އެމްޑީއޭއިން ތާއީދު ކުރާ ވެރިކަމެއްގައި އެންމެންނަށް ހަމަހަމަކަމާއެކު އިންސާފު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފާގަތިކަން ހޯދައިދީ، އަރާމުގައި އުޅޭ ބަޔަކަށް ހައްދަވައިދެއްވާނެ ކަމަށާއި ކޮންމެ ރައްޔިތަކީ އަމިއްލަ ގެއެއް ހުރި މީހަކަށް ހައްދަވައިދެއްވާނެ ކަަމަށްވެސް ވިދާޅުވިއެވެ.