ޔުކްރޭނުގެ ހަނގުރާމަ ނުހުއްޓި ކުރިއަށްދާއިރު ރަޝިޔާއާ ދެކޮޅަށް އައު ތުހުމަތެެއް މިހާރު ވަނީ ކުރެވެން ފަށައިފައެވެ. ޔުކްރޭނުގެ ސިފައިންނާއި ދެކޮޅަށް ތާމޯބެރިކް ހަތިޔާރު ބޭނުންކުރާ ކަމުގެ ތުހުމަތެވެ. ތާމޯބެރިކް ހަތިޔާރުގެ އާއްމު ނަމަކީ ވެކިއުމް ބޮމެވެ. މިއީ އާދައިގެ ހަތިޔާރެއް ނޫނެވެ. މިއީ ހަނގުރާމަތަކުގައި ބޭނުންކުރުން ބައިނަލްއަގުވާމީ ގޮތުން ކޮންމެވެސް ސިފައެއްގައި މަނާކުރުމަށް ވަކާލާތު ކުރެވޭ ވަރަށްވެސް ނުރައްކާތެރި ހަތިޔާރެކެވެ. މިހަތިޔާރު ރަޝިޔާ ސިފައިން ބޭނުން ކުރަމުންދާ ކަމަށް ޔުކްރޭނުން ވަނީ ތުހުމަތު ކޮށްފައެވެ. އެހެންވީމާ ހަނގުރާމައިގެ ޖަރީމާ ހިންގާ ގައުމެއްގެ ގޮތުގައި ރޫސީވިލާތުގެ މައްސަލަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށައެޅުމަށް ހުޅަނގުގެ ގައުމުތަކުން މިހާރު އެދަނީ ތައްޔާރުވަމުންނެވެ. މިކަމުގެ އަޑުތައް ވަނީ ވަރަށް ގަދަވެފައެވެ.
ވެކިއުމް ބޮމަކީ ކޮބައިބާވައެވެ. އެ ހަތިޔާރު މަނާ ކުރަން ބާރުއެޅެމުންދަނީ ކީއްވެގެންބާވައެވެ. މިކަމާ ގުޅުންހުރި ލިޔުންތަކާއި މައުލޫމާތު ހާވާލިއިރު ވެކިއުމް ބޮން މިފެންނަނީ އާދައިގެ ގޮވާތަކެތި ބޭނުންކޮށްގެން އުފައްދާ ބޮމަށްވުރެ މާވަރުގަދަ ގޮވުމެއް އެކުލެވޭ ބޮމެއްގެ ގޮތުގައެވެ. މިބޮމުން އުފެދިގެންދަނީ އެންމެ ގޮވުމެއް ނޫނެވެ. ޖާނަލް އޮފް މިލިޓަރީ އެންޑް ވެޓެރަންސް ހެލްތުގައި ދާދިފަހުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބަޔާންކުރާ ގޮތުން މިބޮމުގެ ފުރަތަމަ ގޮވުމުގައިވެސް އާދައިގެ ގޮވުންތަކަށްވުރެ ގަދަފަދަ ހޫނާއި ޕްރެޝަރު އުފައްދައެވެ. މިގޮވުމާއެކު ވަށައިގެން ފަތުރާލަނީ ގޭހުގެ ފަށަލައެކެވެ. މިގޭސް އެހިސާބުގެ އެންމެ ހަނި ތަންތަނުގެ ތެރެއަށްވެސް ވަދެއެވެ. އެޔާއެކު އޭގައި ހުޅުހިފައި ދެން ގޮވަނީ ކުރީގެ ގޮވުމަށްވުރެވެސް އެތައް ގުނައެއް ބާރުގަދަ ގޮވުމެކެވެ. މިގޮވުމާއެކު އެސަރަހައްދުގައިވާ ހުރިހާ އޮކްސިޖަނެއް އަންދާލައެވެ. މިކަން އިރުގަނޑަކަށް ދެމިއޮވެއެވެ. މުޅި ސަރަހައްދުގެ ދިރުން މަރާލައެވެ.
މިކަން މިހެންވީމާ އެސަރައްދުގައި އެވަގުތު ތިބޭ ބަޔަކަށް އޮކްސިޖަން ނުލިބި މަރުވުމާއި ކަންފަތާއި ލޮލާއި ފުއްޕާމޭ ހަލާކުވެގެން މަރުވުންފަދަ ކަންކަން ކުރިމަތިވެއެވެ. ފާރުފާރުގެ ލޯވަޅުތަކާއި ރެނދުތަކަށްވެސް ގޭސްވަނުމުން އާދައިގެ ގޮވުމެއްގައި ނުލިބޭހާ ބޮޑެތި ގެއްލުންތައް އިމާރާތްތަކަށާއި ތަކެއްޗަށް ލިބެއެވެ. ބޮޑު ސަހަރެެއްގައި ނުވަތަ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހިސާބެއްގައި މިއިން ބޮމެއް ގޮއްވާލައިފިނަމަ ލިބޭނޭ ގެއްލުންތައް އޮތީ އިހުސާސްކޮށްލުމެވެ. އެހެންވީމާ މިއީ ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ ހަތިޔާރަކަށް ހަދަން އުޅެނީއެވެ. މި ހަތިޔާރު ބޭނުންކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެެއްކަމުގައި ކަނޑައަޅަން ބޭނުންވަނީއެވެ. މިއީ މަނާ ހަތިޔާރަކަށް ވިޔަސް ނުވިޔަސް ބައެއް ގައުމުތަކުގައި މިހަތިޔާރު އެބަހުއްޓެވެ.
ވެކިއުމް ބޮމުގެ ތާރީޚަށްބަލާއިރު އެންމެ ފުރަތަމަ މިޒާތުގެ ހަތިޔާރެއް އުފައްދައި ބޭނުންކުރީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރޫސީންނާ ދެކޮޅަށް ޖަރުމަނު ސިފައިންނެވެ. އޭގެފަހުން ތާމޯބެރިކް ހަތިޔާރު ވަރަށް ބޮޑަށް ތަރައްގީކޮށް ކުރިއަރާފައިވާ އަސްކަރިއްޔާތަކުން އެތަކެތި ވަނީ ގުދަންކޮށްފައެވެ. މީގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ. އެމެރިކާ ސިފައިން ވަނީ އަފްޣާނިސްތާނުގެ އިރުމަތިން ތޯރާބޯރާއޭ ކިޔުނު ސަރަހައްދުގައި އަލްގައިދާޔާ ދެކޮޅަށް މި ބޮން އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންވެސް ކޮށްފައެވެ. އަދި ފަޚުރުވެރިކަމާއެކު އަމިއްލަޔަށް އެކަމަށް އިއުތިރާފުވެސް ވެފައިވެއެވެ. އެއީ އުސާމާ ބިންލާދިންއާ ދެކޮޅަށް ބޮންތަކުގެ މަންމަ ބޮމޭ ކިޔުނު މާވަރުގަދަ ބޮޑު ބޮމެއް އެމެރިކާއިން ތޯރާބޯރާޔަށް ވައްޓައިލި ދުވަސްވަރެވެ.
އެމެރިކާގެ އިތުރުން ޗައިނާޔާއި ފްރާންސާއި އިނގިރޭސިވިލާތާއި އިންޑިޔާއާއި އިޒްރޭލާއި ރަޝިޔާގައިވެސް ވެކިއުމް ބޮން އެބަހުއްޓެވެ. ޔުކްރޭނުގައި ވެކިއުމް ބޮން ބޭނުންކުރި ކަމުގެ ތުހުމަތު ރަޝިޔާއަށް އަމާޒުވުމުގެ ކުރިންވެސް ސީރިޔާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ރައީސް ބައްޝާރަށް ވަފާތެރި ސިފައިންނާ ގުޅިގެން ރޫސީން މި ހަތިޔާރު ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. އެކަމާ ގުޅިގެން އޭރުވެސް ރަޝިޔާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ވެކިއުމް ބޮމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުންދަނީ އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުންނެވެ. މި ހަތިޔާރު މުޅި ދުނިޔޭގައި މަނާކުރުމަށް ގޮވާލައި ކެނޑިނޭޅި އެ ޖަމާއަތްތަކުން އަންނަނީ ވަކާލާތުކުރަމުންނެވެ.
އެކިއެކި ހަނގުރާމަތަކުގައި އެކި ދުވަސްވަރު ވެކިއުމް ބޮން ބޭނުން ކުރެވިފައިވިޔަސް އަދި ބައެއް ގައުމުތަކުގެ އަމިއްލަ އިއުތިރާފުން އެކަން ސާބިތުވެފައި ވިޔަސް ޖަރާސީމުގެ ހަތިޔާރާއި ވިހަ ހަތިޔާރާއި ނިއުކުލިއަރ ހަތިޔާރު މަނާކުރެވިފައިވާ ބީދައިން ސާފު އިބާރާތުން ވެކިއުމް ބޮން އުފެއްދުމާއި ބޭނުންކުރުން އެއްވެސް މުއާހަދާޔަކުން މަނާކުރެވިފައެއް ނުވެއެވެ. އެއީ ކޮންވެންޝަނަލް ހަތިޔާރެއް ނޫންކަމަށް އެންމެން އިއްތިފާގުވިޔަސް ހަނގުރާމައިގައި އެ ހަތިޔާރުގެ ހުކުމަކީ ކޮބައިކަން ކަޅާއި ހުދުން ލިޔެވި ސާފުވާކަށް ނެތެވެ. އެހެންވީމާ މިހާރު ރަޝިޔާއާ ދެކޮޅަށް އައިސީސީއަށް މައްސަލަ ހުށައަޅައިގެން ހަމައެކަނި ރަޝިޔާ ކުށްވެރިކުރެވޭނޭ ފުރުސަތު ބޮޑުކަމަކަށް ނުފެނެއެވެ. އެއީ މިހަތިޔާރު ހުރީ އަދި ބޭނުންކޮށްފައިވަނީ ރަޝިޔާ އެކަނިކަމަށް ނުވާތީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ