ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާސްގޭ، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ހުކުމްކުރާ ޝަރީއަތް މިމަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ ޝަރީއަތަކީ ހުކުމްކުރުމުގެ ގޮތުން މައްސަލަ ދިރާސާ ކުރަމުގެ ތެރޭގައި ގާޒީއަށް ފާހަގަކުރެއްވުނު ކަންކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބޭއްވި ޝަރީއަތެކެވެ. އެކަންތައްތައް ފާހަގަކުރައްވައި ގާޒީ ދައުލަތާ ސުވާލު ކުރެއްވީ، މައްސަލައިގެ ދައުވާ ލިބޭ ތިން ފަރާތެއް ހައްޔަރުކުރިއިރު ގާނޫނީ އިންޒާރު ނުދިން ސަބަބާ ގުޅޭ ގޮތުންނެވެ. ނަމަވެސް ދެން ދައުވާ ލިބޭ ފަރާތް ހައްޔަރުކުރީ ގާނޫނީ އިންޒާރު ދިނުމަށްފަހުކަމަށް ގާޒީ ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުން ވިދާޅުވީ، ދައުވާ ހުށަހެޅިއިރު ގާނޫނީ އިންޒާރުތައް ހިމެނޭ ފޯލިއޯ ނަމްބަރު ޝަރީއަތަށް ކިޔައިދީފައިވާނެ ކަމަށެވެ. ފުލުހުން ދީފައިވާ ގާނޫނޫ އިންޒާރު ދައުލަތުގައި އެބަހުރި ކަމަށާއި، އެ ލިޔެކިޔުންތައް ޝަރީއަތަށް ލިބިފައި ނުވާނަމަ، އެތަކެތި ހިއްސާ ކޮށްދެއްވާނެ ކަމަށެވެ. އެގޮތަށް ދައުލަތުން ވިދާޅުވުމުން ގާޒީ ވަނީ ވީހާވެސް އަވަހަށް އެ ލިޔެކިޔުންތައް ކޯޓަށް ހިއްސާ ކުރެއްވުމަށް ދަންނަވައިފައެވެ.

މިއަދުގެ ޝަރީއަތުގައި ދައުވާލިބޭ އެއްވެސް ފަރާތަކުން ވާހަކަ ދައްކަން ބޭނުން ނުވާތީ މިއަދުގެ ޝަރީއަތް ވަނީ ނިންމާލައިފައެވެ.

ޖައިލަމުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ، އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ. ދައުވާ ލިބޭ ހުމައިދު ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. ހުމެއިދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުގެ ބޭނުމުގައި ސްރިލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސްފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު އަނީގު އާއި ނަސީބު އަދި އިރުފާން ބަންދުގައި ބަހައްޓާފައި ހުއްޓައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފައެވެ. އަލުން އެ މީހުން ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގައި އެދިގެންނެވެ. އެ މީހުން ހައްޔަރުކުރަން ޕީޖީ އެދުނީ އެމީހުންގެ ފަރާތުން ހެކިންނަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އާއި އިންޓެލް ރިޕޯޓަކަށް ބިނާކޮށެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ޝަރީއަތަކީ އޭޑިކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ ދެ ޑޮކްޓަރުންގެ ހެކިބަސް ނެގުމުގެ އިތުރުން މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އިޖުރާއީ ކަންކަން ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލައާ ހަވާލުވެވަޑައިގެންނެވީ ގާޒީ އިސްމާއީލް ޝަފީއުއެވެ. ކުރިން މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ސޮފްވަތު ހަބީބުއެވެ.

އެ ޝަރީއަތުގައި އަޑުއެހުމަށް ދައުލަތަށް ހެކި ހާޒިރު ނުކުރެވެމުން ގާޒީ ޝަފީއު ވިދާޅުވެފައިވަނީ، މިއީ ޝަރީއަތް ނުނިމި ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައަކަށް ވުމުން ވީހާވެސް އަވަހަކަށް ހުކުމާ ހަމައަށް ދާން ބޭނުންވާ ކަމަށެވެ. އެހެންކަމުން ގާޒީ ޝަފީއު ނިންމެވީ މައްސަލަ ކުރިން ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށެވެ.

ޖައިލަމުގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ދިފާއީ ވަކީލު އަލީ ޝާހު އަދި މުހައްމަދު ވިޝާމު ގާޒީގެ އަރިހުން އެ ޝަރީއަތުގައި އެދިވަޑައިގަތީ، ދެން ބާއްވާ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވާ ގޮތަށް ކަނޑައަޅައިދިނުމަށާއި ޑޮކްޓަރުގެ ރިޕޯޓާ ގުޅޭ ގޮތުން އިތުރު މާހިރެއްގެ ބަސް ހޯދަން ޖެހޭ ނަމަ އެ ކަން ވެސް އެ އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށެވެ.

ދިފާއުގެ އެދުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ. ދައުލަތުން ވިދާޅުވެފައިވަނީ، ޖައިލަމުގެ މަރާ ގުޅޭ ގޮތުން ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރު ރާއްޖޭން ބޭރުގައި މިހާރު ހުރުމުން، އޭނާ ވެސް ޝަރީއަތަށް ހާޒިރު ނުކުރެވި ލަސްވަމުންދާތީ ދިފާއުން އެދުނު ގޮތަށް އެހެން ޑޮކްޓަރަކު ހާޒިރުކޮށް ހެކިބަސް ހޯދުން ރަނގަޅުވާނެ ކަމަށެވެ.

ދައުލަތުން ދިފާއު އެދުނު ގޮތަށް ތާއިދުކުރުމުން ގާޒީ ވިދާޅުވީ ޑިސެމްބަރު 27 ގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި މާހިރެއްގެ ބަސް ނަގާ ނަމަ އެ ކަން ކުރިއާލައި ދައުލަތުން ކޯޓަށް އަންގަން ޖެހޭނެ ކަމަށެވެ. ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާއަކީ މައްސަލައެއްގެ ހުކުމް އިއްވުމުގެ އަޑުއެހުމުގެ ކުރިއަށް ބާއްވާ އަޑުއެހުމެވެ. ހުލާސާ ބަޔާން އިއްވައި ނިމުމުން 30 ދުވަހުގެ ތެރޭގައި ހުކުމްކުރަން ޖެހޭނެއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން މީގެ ކުރިން ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒަކީ މައްސަލައިގެ ދައުވާލިބޭ އެންމެނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިއެކެވެ.

އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ ފުލުހުންގެ ކޮމާންޑު ސެންޓަރުން ހަންޑްރެޑް ގެ ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ދިނުމުން އެ ސީނަށް ހާޒިރުވި ކަމަށެވެ. އެ ސީނަށް ހާޒިރުވިއިރު ސީނުގައި ނޫސްވެރިން ތިބި ކަމަށާއި އޭރު ސީނު ބަންދު ނުކުރާ ކަމަށެވެ. އެހެންކަމުން ނޫސްވެރިން ފޮނުވާލައި ސީން ބަންދުކުރުމަށްފަހު ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. އެ ޕްރޮސެސް ކުރުމުގެ ތެރޭގައި ވަޅިއެއް ފެނުނު ކަމަށާއި، އަދި ވަރަށް ގިނަ އަދަދެއްގެ ލޭ ބިންމަތީގައި ހުރިކަމަށެވެ. ސީން އެއްކޮށް ޕްރޮސެސް ކޮށް ނިންމާލުމަށްފަހު ހެކީގެ ގޮތުގައި ބެލެވޭނެ އެއްޗެހި އެވިޑެންސް ކޮންޓްރޯލް ޔުނިޓަށް ހަވާލު ކުރި ކަމަށެވެ. އެވިޑެންސް ކޮންޓްރޯލް ޔުނިޓުން ސީނުން ގެނައި ހުރިހާ ހެކިތަކެއް ކަމާ ގުޅޭ ލެބޯޓަރީތަކަށް ފޮނުވި ކަމަށެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިޔާ ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު އަރީފު ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅީ ޖައިލަމްގެ މަރުގެ ދައުވާ ލިބޭ މީހެއްގެ ގެއިން ފެނުނު މެޑިކަލް ލިޔުމުގައި ބަޔާންކޮށްފައިވާ އަނިޔާއަކީ ޖައިލަމްގެ މަރާލި މާރާމާރީގެ ތެރެއިން ލިބުނު އަނިޔާއެއްކަން ކަށަވަރު ކުރުމަށެވެ. ނަމަވެސް އޭނާގެ ހެކިބަސް ނެގިފައި ނުވަނީ މާފުށީ ޖަލުގެ އިންޓަނެޓަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. ލާންސް ކޯޕްރަލް މުހައްމަދު އާރިފަކީ ހުމައިދުގެ ގެއިން ފެނިފައިވާ މެޑިކަލް ލިޔުމަކާ ގުޅިގެން ހެކިބަސް ދިނުމަށް ހާޒިރުކުރި ފަރާތެކެވެ.

ތިން ވަނަ ހެކިވެރިއެއްގެ ގޮތުގައި ޝަރީއަތަށް ދައުލަތުގެ ފަރާތުން ހެކިބަސް ދިން އިބްރާހީމް ރަމީޒު ބުނެފައިވަނީ، ފުލުހުންގެ ކޮމާންޑު ސެންޓަރުން އޭނާއަށް އެންގީ އޭޑިކޭ ހޮސްޕިޓަލަށް ދިއުމަށް ކަމަށާއި ހޮސްޕިޓަލަށް ދިޔައިރު ޖައިލަމް މަރުވެފައިވާކަން ޑޮކްޓަރުން އެންގި ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލު ހިއްސާކޮށްފައިވަނީ ރިޕޯޓުގައި ކަމަށާއި 2015 ވަނަ އަހަރު ހިނގި ހާދިސާއަކަށްވުމުން ބައެއް ކަންކަން ހަނދާނުގައި ނެތް ކަމަށް ވެސް ބުންޏެވެ

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އޭރު މީޑިއާތަކަށް ވިދާޅުވެފައި ވަނީ ޖައިލަމުގެ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ބުރިކޮށްލާފައިވާ ކަމަށާއި އެހެންކަމުން އޭނާގެ ބޮލަށް ލޭ ފޮނުވައިދިނުން ހުއްޓުނު ކަމަށެވެ. ކަރަށް ހަމަލާއެއް އަމާޒުވިއިރު ޖައިލަމުގެ ފުރަގަހަށާއި ބަނޑަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފުރަގަހަށް ދިން ހަމަލާގައި ފުއްޕާމޭ އެއްކޮށް ހަލާކު ވެފައިވާ ކަމަށާއި ޖައިލަމު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އަފްއާލް ވިދާޅުވެފައިވެއެވެ.