ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފުހާމު (ޕެސްޓު) ބޭސްފަރުވާގެ ކަންކަން ނިމެންދެން ގޭ ބަންދަށް ބަދަލުކުރަން ކުރިމިނަލް ކޯޓުންކުރި އަމުރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، އެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ޕެސްޓު ޝަރުތުތަކަކާއެކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ ޝަރީއަތުގައި ޕީޖީ އޮފީހުގެފަރާތުން އެދުނީ ޕެސްޓު ބަންދުގައި ބަހައްޓަން ކަމަށެވެ. ނަމަވެސް އޭނާގެ ފަރާތުން ސިއްހީ ކަންތައްތަކެއް ފާހަގަ ކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އަމުރު 60 ދުވަހަށް މަޑުޖައްސާލައި 60 ދުވަހުގެ މުއްދަތަށް ޝަރުތުތަކަކާއެކު އޭނާ ގޭ ބަންދަށް ބަދަލުކުރުމަށެވެ.

ޕެސްޓު ބަންދުން ދޫކޮށްލީ ބޭސް ފަރުވާގެ ބޭނުމަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށް ޝަރުތުކޮށްފައި ކަމަށް ޝަފީއު ވަނީ މީގެ ކުރިން "ވަން" އަށް ވިދާޅުވެފައިއެވެ.

ޕެސްޓު ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން، މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ޕެސްޓުގެ އިތުރުން ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން (23އ) އެވެ.

އެ ހަތަރު މީހުން އަދިވެސް ތިބީ ބަންދުގައެވެ.