އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފަރާތުން އެމްޑީޕީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްދޭން އެދުނަސް އެކަމެއް ނުކުރެވޭނެކަމަށް އެ މަގާމަށް ވާދަކުރާ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އިމްތިޔާޒް ފަހުމީގެ ކެމްޕޭން މެނޭޖަރު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުގެ މީހަކު ހޮވުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ރޭ "ވަން" އަށް ވިދާޅުވެފައިވަނީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ބޭއްވި ބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ތާރީހަކާ މެދު މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ހުރިހާ ފަރާތްތަކުންވެސް އެދުނީ ރޯދަ މަސް ނޫން ދުވަސްވަރެއްގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ހުށަހެޅި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންގެ ހިޔާލު މާދަމާ މެންދުރު 12:00 ގެ ކުރިން ހުށަހަޅަން އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން ފައްޔާޒު އެދިވަޑައިގަތީ ރޯދަ މަސް ނޫން ދުވަސްވަރެއްގައި އިންތިހާބު ބޭއްވުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
އިމްތިޔާޒުގެ ކުރިއަށް ހުރި ކެމްޕޭން ހަރަކާތްތަކުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތަކާ ގުޅިގެން ވައްޑެ ވިދާޅުވީ، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަނީ ވަރަށް ގިނަ ކަންކަމަށް ވިސްނުމަށްފަހު ކަމަށެވެ. އެހެންކަމުން އިންތިހާބު ބާއްވާ ދުވަސް ފަސްކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރުން ރަނގަޅުކަމެއް ނޫން ކަމަށެވެ.
ވައްޑެ ވިދާޅުވީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ލަސްކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ރޯދަ މަހުގައި ވޯޓުލާން އާންމު މެމްބަރުންނަށް ދާތިވާނެ ކަމަށް ބުނެ މެމްބަރުންގެ ފަރާތުން ޝަކުވާ ހުށަހަޅައިފިނަމަ، ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
"އާންމު މެމްބަރުންނަށް ވޯޓުލައި ނުވަތަ ކެމްޕޭން ހަރަކާތްތައް ދަތިވާކަމަށްވާނަމަ އަޅުގަނޑުމެން ވާހަކަދައްކަފާނަން ރޯދަ މަހުގެ ކުރިޔަށް އިންތިހާބު އަވަސްކުރުމަށްޓަކައި. އެކަމަކު އިންތިހާބެއް ހަމަ ކަށަވަރުން ވެސް ލަހެއް ނުކުރެވޭނެ" ވައްޑޭ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ. އެއީ ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހުމަދު ވަޒީފާއިން ވަކިކުރުމުގެ ސަބަބުންނެވެ. އިއްޔެ ޖަލްސާގައި އިމްތިޔާޒަށް ތާއިދުކުރައްވާ މެމްބަރުން ވަނީ އެކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ފާޑު ވިދާޅުވުމުން އަމާޒުކުރެއްވީ ފައްޔާޒަށް ތާއިދުކުރާ މެންބަރުންނަށެވެ. އެމެންބަރުންގެ ފާޑިވިދާޅުވުން ބޮޑަށް އަމާޒުވެފައިވަނީ ސަރުކާރަށެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވައްޑެ ވިދާޅުވީ، އާމިރު ވަޒީފާއިން ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނަށް ގާނޫނު އަސާސީގެ 15 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އާމިރު ވަޒީފާއިން ވަކިކޮށްފައިވަނީ އެރަށު ރައްޔިތުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމުންކަމަށް "ވަން" އިން ފާހަގަކުރުމުން ވައްޑެ ވިދާޅުވީ ދުވާފަރުގެ އާބާދީގައި 2،000 ވަރަކަށް މީހުން ހިމެނޭ ކަމަށާއި އޭގެ ތެރެއިން ޕެޓިޝަންގައި ސޮއިކޮށްފައިވަނީ 150 ވަރަކަށް މީހުން ކަމަށެވެ.
ވައްޑެ ވިދާޅުވީ 150 ވަރަކަށް މީހުންނަކީ އެރަށު ރައްޔިތުންގެ ނިންމުންކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބާރާއި ނުފޫޒު އޮންނަ ސިޔާސީ ފަރާތަކަށް ރަށަކުން 150 ވަރަކަށް ސޮއި ހޯދައި ޕެޓިޝަނެއް ހުށަހެޅުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ވައްޑެ ވިދާޅުވީ އިމްތިޔާޒަށް ތާއިދުކުރާ ފަރާތްތަކަށް ބިރު ދައްކަމުންދާ ކަމަށާއި އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެކަންކަން ބަލައި އެމްޑީޕީން ފިޔަވަޅު އަޅާނެ ކަމަށެވެ.
ޗެއާޕާސަންގެ އިންތިހާބު އިންސާފުވެރިކަމާއެކު ބޭއްވިދާނެތޯ "ވަން" އިން ސުވާލުކުރުމުން ވައްޑެ ވިދާޅުވީ، އިންތިހާބު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.