އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުން އެޓީމު މޮޅުވެ ކުއާޓާ ފައިނަލަށް ދިޔައިރު، ޕްރިމިއާ ލީގުގެ ޓޮޓެންހަމްއިން ދެވަނަ ޑިވިޝަންގެ މިޑްލްސްބްރާ އަތުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.
ސިޓީން ރޭ ކުޅުނު ހަތަރުވަނަ ބުރުގެ މެޗުގައި ނުކުތީ ޕީޓާބޮރޯއާ ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީންނެވެ. މެޗުގައި އެންމެ ބޮޑަށް ވިދާލީ ޖެކް ގްރީލިޝްއެވެ. މެޗުގެ ދެވަނަ ގޯލުވެސް ގްރީލިޝް ޖެހި އިރު، ފުރަތަމަ ގޯލު ސިޓީއަށް ޖަހައިދިނީ ރިޔާދު މަހަރޭޒްއެވެ.
ރޭގެ މެޗަށް ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުތީ ޔޫކްރެއިން ގައުމީ ޓީމުގެ ޑިފެންޑަރު އެލެކްސެންޑްރާ ޒިންޗެންކޯއެވެ. ރޭގެ މެޗުގައި ސިޓީގެ ކެޕްޓަން ބޭންޑްގައި ފެނާންޑީނިއޯ ކުޅެން ނެރެން ޕެޕް ގާޑިއޯލާ ފުރަތަމަ އިއުލާން ކުރި ނަމަވެސް، ޔޫކްރެއިންއަށް ރަޝިއާއިން ދެމުންދާ ހަމަލާތަކަށް ދިން ހާއްސަ ކަމެއްގެ ތެރެއިން ފެނާންޑީނިއޯ ވަނީ ޒިންޗެންކޯއަށް ބޭންޑް ދީފައެވެ.
ފެނާންޑީނިއޯވެސް ވަނީ ކުރިން ޔޫކްރެއިން ލީގުގެ ޝަކްޓާ ޑޮނެސްކަށް ކުޅެފައެވެ. ޕްރިމިއާ ލީގުގެ އެކިއެކި ކްލަބުތަކުން ޔޫކްރެއިންގެ ދިފާއުގައި ތަފާތު ގޮތްގޮތުން އަޑު އުފުލަމުން އަންނަ އިރު، ސިޓީން ލީގުގައި ކުޅުނު މެޗުގެ ކުރިން ވާމްއަޕް ކުރީވެސް ޔޫކްރެއިންގެ ޖާޒީގައެވެ.
ޓޮޓެންހަމްއިން ރޭ ކުޅުނު މެޗުގައި މިޑްލްސްބްރާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު އިތުރު ވަގުތުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލު މިޑްލްސްބަރާ އަށް ޖަހައިދިނީ ބަދަލަކަށް މެޗަށް ނުކުތް ޖޯޝް ކޯބާންއެވެ.
ރޭގެ ކާމިޔާބީ ވެގެން ދިޔައީ މިޑްލްސްބްރާއަށް ހާއްސަ ކާމިޔާބީއަކަށެވެ. އެޓީމުން ރޭގެ މެޗާ ހަމައަށް ދިޔައީ އެފްއޭ ކަޕްގައި އޭގެ ކުރިން ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިގެންނެވެ. ޕްރިމިއާ ލީގުތަކާ ދެކޮޅަށް އެންމެފަހުން ކުޅުނު ދެމެޗުންވެސް މޮޅުވެ، މިޑްލްސްބްރާ ކުއާޓާއަށް ގޮސްފައިވާ އިރު، ރޭގެ މެޗަކީ އެޓީމުން ހޯމުގައި ޖެހިޖެހިގެން ހޯދި އަށްވަނަ މޮޅެވެ.
މިދިޔަ 14 އަހަރުވެސް ޓޮޓެންހަމްއަށް ތަށްޓެއް ނުލިބި އޮތް އޮތުމަށް ނިމުން ގެންނަން އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މަސައްކަތް ކުރަމުން އަންނަ އިރު، އެފްއޭ ކަޕުން ކެޓުމާއެކު ޓޮޓެންހަމްއިން މި ސީޒަންވެސް ނިންމާލާނީ ހުސް އަތާ ކަމަށް ބެލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު