ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މޯލްޑިވްސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.
މި މައްސަލައިގައި މިއަދު އޮތީ މަދަނީ މިންގަނޑުން އެ މައްސަލައަކީ ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ބަލައި އެކަމާމެދު ގޮތެއް ނިންމުމެވެ.
މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ 33،000 ޑޮލަރު މަހުލޫފަށް ލިބުނުކަން ސާބިތު ކުރެވެން އޮތް ނަމަވެސް އެއީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެ ދައުވާ ކުރިއަށް ނުގެންދަން ނިންމުމަށްފަހު ދައުވާ ބާތިލުކުރެއްވީ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލަ ސާބިތުކޮށް ނުދެވޭނެ ކަމަށް ގާޒީ އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނެވެ.
ގާޒީ ވިދާޅުވީ މަހްލޫފަށް ރިޝްވަތު ދިންކަމަށް އަދީބުގެ ބަޔާނުން އެނގެން އޮތް ނަމަވެސް މަހުލޫފަށް އެފައިސާ ދިނީ އެސްއޯއެފްގެ ވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) މެދުވެރިކޮށް ކަމަށްވެފައި، އެއީ ރިޝްވަތުގެ ފައިސާ ކަމަށް މޮހޯ އިންކާރު ކުރާ ކަމަށެވެ. އަދި މޮހޯގެ ބަޔާނުގައި އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދީބުގެ ބަޔާނަކީ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދިން ބަޔާނަކަށް ވާތީ އެއީ އެއްވެސް ބިރެއް ނެތި އަދި ފައިދާއެއް ހޯދުމުގެ އުއްމީދެއް ނެތި ދިން ބަޔާނެއްކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު އެ ބަޔާނަށް ބާރު ދޭ އިތުރު ހެއްކެއް ނެތްއިރު، އެ ފައިސާ ދިން ގޮތާއި ފައިސާތައް ދައުރުކުރި ގޮތާ ބެހޭ ތަފުސީލު އަދީބުގެ ބަޔާނުގައި ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ހެތްކެއްގެ ގޮތުގައި އަދީބާއި މަހްލޫފާ ދެމެދު ބަދަލުކުރި މެސެޖްތަކެއް ދައުލަތުން ހުށަހަޅާފައިވާތީ ގާޒީ ވިދާޅުވީ އެ މެސެޖުތަކުގައި ފައިސާއެއް ނުވަތަ ޗެކެއް ނުވަތަ ވޯޓެއް ދިނުމުގެ ވާހަކައެއްވެސް ނެތް ކަމަށެވެ. އެއީއެސްއީޒެޑް ބިލުގެ ވޯޓު ނިމުނު ފަހުން ހިނގާފައިވާ މުއާމަލާތެއް ކަމަށާއި މެސެޖުތަކުގައި ހިމެނޭ ވާހަކަތަކުން ޝައްކެއް އުފެދުނަސް، އެއަށް ބާރުދޭ އިތުރު ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅި މަހްލޫފާއި އަދީބާ ދެމެދު ކޮށްފައިވާ ޓްވީޓްތަކާބެހޭ އެނަލިސިސް ރިޕޯޓާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ ޓްވީޓްތަކުގައި އޮތީ މަހްލޫފުގެ ގެއަށް އަދީބު ގޭންގެއް ފޮނުވި ކަމަށް ދައްކާފައިވާ ވާހަކަ އާއި މަހްލޫފް ޕީޕީއެމްގައި ބެހެއްޓުމާބެހޭގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
އެވާހަކަތަކުގައި ފައިސާގެ ވާހަކަ އެއްވެސް ވަރަކަށް ދައްކާފައި ނެތް ކަމަށާއި އެހެންކަމުން އެ ދައުވާ އާއި ޓްވީޓްތަކާ ނުގުޅުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގެ ތަހުގީގާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ މުޅި ތަހުގީގު ބިނާވެފައި އޮތީ މަހްލޫފު ހުށަހެޅި ދިފާއީ ހެކިތައް ނަފީ ކުރުމަށް ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގެއްގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތުހުމަތު ކުރެވޭ ކުށުގެ ހެކި ހޯދުމަށް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު