މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު ބޮޑު ކޮށްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްވެރިންގެ އަތުން މިފްކޯއަށް މަސްގަންނަ އަގު 17 ރުފިޔާ އަށް މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.

މިފްކޯ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އަމްރު އިތުރަށް ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ހަރަދުތައްވެސް ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބޭރުގެ މާކެޓްތައް ހޯދި ދަޅުމަސް ބޭރުކުރެވޭ އަދަދު ވެސް އިތުރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑު ކުރައްވާނެ ކަމަށާއި ދެން މިފްކޯއިން މަސްގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "ވަން" އަށް މިއަދު ވިދާޅުވީ މިއަދުން ފެށިގެން މިގެނައި ބަދަލާއެކު މަސްވެރީންނަށް މަހުގެ ހަމަ އަގު ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފްކޯއަށް މަސް ގަންނަ އަގު ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިން އައިސް އެޅި މަސް މިފްކޯއަށް ގަންނަނީ ކިލޯއެއް 16 ރުފިޔާގެ ރޭޓުންނެވެ. އައިސް ނާޅާ މަސް ކިލޯއެއް ގަންނަނީ 14 ރުފިޔާއަށެވެ. ނަމަވެސް މިއަދު މިގެނައި ބަދަލާއެކު އައިސް އެޅި މަސް ކިލޯއެއް 17 ރުފިޔާ އަށް އަދި އައިސް ނާޅާ މަސް ކިލޯއެއް 15 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ.