މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަމުންދާ އަގު އަނެއްކާވެސް ބޮޑުކޮށް، މިއަދުން ފެށިގެން މަސް ކިލޯއެއް 22 ރުފިޔާއަށް ގަންނަން ނިންމައިފިއެވެ.

މިއީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގަށް މިފްކޯއިން ހެޔޮ ބަދަލެއް ގެނައި ހަތަރުވަނަ ފަހަރެވެ. މި ދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން އާންމުކޮށް ދަށް ދުވަސްވަރެއް ނަމަވެސް، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހަށް އޮތް ޑިމާންޑް އިތުރުވެ، ރަނގަޅު އަގެއް ލިބެމުންދާތީ މިފްކޯއިން ވަނީ މަސްވެރިންނަށް އެ ފައިދާ ފޯރުކޮށްދިނުމަށް ނިންމާފައެވެ.

އެގޮތުން، އެންމެ ފަހުން އޮގަސްޓް 29 ގައި 21 ރުފިޔާއަށް ބޮޑުކުރި އަގަށް، މިއަދު މިވަނީ އިތުރު އެއް ރުފިޔާ އިތުރުކޮށްފައެވެ.

ފާއިތުވި މަސްތަކުގައި މިފްކޯއިން މަހުގެ އަގަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ތެރޭގައި އަގު ވަނީ 18.50 ރުފިޔާއިން 20 ރުފިޔާއަށް އުފުލާފައެވެ. އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، މިހާރު މިވަނީ 22 ރުފިޔާއަށް އަގު ޖައްސާފައެވެ.

މިފްކޯއިން ފާހަގަކުރާ ގޮތުގައި މަހުގެ އަގު ކަނޑައެޅުމުގައި މިހާރު އަމަލުކުރަމުންދަނީ ދުނިޔޭގެ ބާޒާރުގެ އޮއިވަރަށް ބަލައިގެން އަގު ބަދަލުވާ "ފްލޯޓިން ޕްރައިސް" މޮޑެލްއަށެވެ. މީގެ ކުރީ ސަރުކާރުން ވަކި އަގެއް ހިފަހައްޓައި، 25 ރުފިޔާއަށް މަސް ގަތުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި މާލީ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ބާޒާރުގެ އަގަށް ބަދަލުކުރި ފަހުން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ގަވާއިދުން ފައިސާ ދެމުން އަންނަތާ މިއީ ދެވަނަ އަހަރެވެ.