މުޅިދުނިޔޭގައިވެސް މިހާރު ސުރުޚީއަކީ ޔުކްރޭނަށް ރަޝިޔާ ސިފައިން ދެމުންގެންދާ ހަމަލާތަކެވެ. އެކަމާ ދެކޮޅަށް ދުނިޔެއިން އަޅަމުން ގެންދާ ފިޔަވަޅުތަކާއި އޭގެ އަވަސްމިނެވެ. ދުނިޔޭގެ ކަންބޮޑުވުންތަކެވެ. މިކަންތަކުގެ ތެރެއިން ވަރަށް ބޮޑު ހަގީގަތެެއް ފައުޅުވެ ސާފުވެގެން ހިނގާއްޖެއެވެ. ދުނިޔޭގައި މައްސަލައެއް މައްސަލަޔަކަށްވަނީ، ހަނގުރާމައެއް ހަނގުރާމަޔަކަށްވަނީ އަދި އެކަމަކާ ދެކޮޅަށް ހުޅަނގުގެ ގައުމުތައް ގުޅިގެން ތެދުވެގަންނަނީ އެކަމެއް ހިނގާ ތަނަކާއި އެތަނެއްގައި އުޅޭ ބަޔަކާއި އެބައެއްގެ ދީނާއި ކުލަޔަށް ބަލައިގެންކަމެވެ. ޔުކްރޭނުގެ މައްސަލަޔަށް މިހާ ކުއްލި އަވަސް ސަމާލުކަމެއް ލިބުނީ އެއީ ޔޫރަޕުގެ ދޮން ގައުމަކަށްވުމުން ކަމެވެ. ރަންއިސްތަށިގަނޑު ލައިފައިތިބޭ އަދި ނޫލޮލުގެ ވެރިންގެ އިންސާނީ ކަރާމާތާއި ފުރާނައިގެ އަގު މާމަތިކަމެވެ.
މި މައުޟޫގެ މައްޗަށް ލިޔާންކަމަށް މި ގަސްތުކުރީ ނަސްލީގޮތުން ހަސަދަވެރިކަމާއި ނަފްރަތަށް ޖާގަ ހޯދުމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ. ބޭނުމަކީ ދުނިޔޭގައި ކަންހިނގަމުންދާ ގޮތާއި އުސޫލުތަކުން ހާމަވަމުންދާ ތަފާތުތައް ކަޅާއި ހުދުން ވަރަށް ސާފުކޮށް ފެންނާން ފެށީމާ އެކަމުގެ މައްޗަށް ވާހަކަ ދެއްކުމެވެ. ހަގީގަތް ބަޔާންކުރުމެވެ. އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ ސީބީއެސްގެ ސީނިއަރ މީހަކު ޓީވީއަށް އަރައި ބުންޏެވެ. މިއީ ޔޫރަޕެވެ. މިއީ ތަހުޒީބާއި ތަމައްދުންގެ ގޮވައްޗެވެ. މިތަނުގެ އަހުލުވެރިން މަރައި ލޭ އޮހޮރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ އިރާގާއި އަފްޣާނިސްތާނު ކަހަލަ ތަނެއް ނޫނެވެ. އެތަންތަނަކީ އަބަދުވެސް ހަމަނުޖެހުންތަކާއި ވީރާނާކަމުގެ ހާއްޔެކެވެ. އެހެންވީމާ އެތަންތަނާއި ޔުކްރޭނު އެއްފަދައެއް ނުކުރެވޭނެއެވެ. މިކަން ހުއްޓުވަން ޖެހެނީ އެހެންވީމައެވެ.
ޔުކްރޭނުގެ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އިނގިރޭސިވިލާތުގެ ބީބީސީ ޓީވީއަށް މިހަފުތާގެ ހޮނިހިރުދުވަހު އަރައިނދެ ރޮއިގެންފައި ބުންޏެވެ. އަހަރެން މިހިރީ ވަރަށް ޖަޒުބާތީވެފައެވެ. ދެރަވެފައެވެ. އެހެން ނުވާންވީ ފަހެ ކީއްވެގެން ހެއްޔެވެ. އަހަރެމެން މިއީ ޔޫރަޕުގެ ދޮން މީހުންނެވެ. ރައީސް ޕުޓިންގެ ރޮކެޓާއި މިސައިލުން ކޮންމެ ދުވަހަކު މަރުވަމުން އެދަނީ ޔަގީނުންވެސް ގައިގެ ހަމުގެ ކުލަ އަނދިރި ބައެއް ނޫނެވެ. ކިރުފޮދެެއްހައި ދޮން މީހުންނެވެ. ރަންއިސްތަށިގަނޑާއި ނޫލޮލުގެ ވެރިންނެވެ. އެހެންވީމާ ރޮވެނީއެވެ. މިއަޑު އަހައިފައި ޕްރޮގްރާމް ހުށައަޅަން އިން މީހާ ބުންޏެވެ. ތިބާއީ ވަރަށްވެސް ބޮޑު ތެދެކެވެ. ރޫސީންނާ ދެކޮޅަށް މުޅިދުނިޔެއިން ފިޔަވަޅު އެޅުން އަވަސްކޮށް ރޫސީވިލާތް ކުޑަކަކޫ މައްޗަށް ތިރިކުރަންޖެހޭ ސަބަބަކީ ތިޔައީއެވެ. ތިޔަކަމާ ދުނިޔެ އެއްބަހެވެ.
މި ހަފުތާގެ އާދީއްތަ ދުވަހު ކޮންމެވެސް ޓީވީއެއްގެ ޕްރެޒެންޓަރު ޕީޓަރ ޑޮބީ ބުންޏެވެ. ދެކިބަލާށެވެ. ގެދޮރު ދޫކޮށް ނިކުމެގެން އެދަނީ ޔޫރަޕުގެ ދޮން މީހުންނެވެ. އެމީހުން ރެފިއުޖީން ފާޑު ނުޖަހައެވެ. އެއީ ދުނިޔޭގެ ކޮންމެ ބަޔަކުވެސް އެމީހުންގެ އަމިއްލަ ގެދޮރުން މަރުހަބާ ކިޔާނޭ ތަހުޒީބު މީހުންނެވެ. އެއީ މެދުއިރުމައްޗާއި އުތުރު އެފްރިކާއިން ނުކުމެގެން އެހެރަ ދަތުރުކުރާ ޒާތުގެ ކުލަކުލައިގެ ރެފިއުޖީންނެއް ނޫނެވެ. ޔުކްރޭނުގެ މައްސަލައިގައި ފިޔަވަޅު އެޅުން އަވަސްކޮށް ހަނގުރާމަ ހުއްޓުވަން ޖެހެނީ މިހެންވެގެންނެވެ. އިންސާނިއްޔަތުގެ ކަރާމާތް މިބީދައިން ނަގާލެވޭ މަންޒަރު ދެކޭން ދެއަތް އުރާލައިގެން ތިބުމަށްވުރެ ލަދުވެތި ކަމެއް ނެތެވެ. ޔުކްރޭނުގެ ރައްޔިތުން އެހެރަ ދައްކަމުންދާ ހިތްވަރަކީ ނަމޫނާ ހިތްވަރެކެވެ. ދުނިޔެއިން ނަމޫނާއަކަށް ބަލަންވީ ހިތްވަރަކީ އެއީއެވެ.
ޔުކްރޭނާމެދު ހުޅަނގުގެ ރައުޔު އެއޮތީ ފެންނާށެވެ. ސީރިޔާ، އިރާގު، ޔަމަން، އަފްޣާނިސްތާނު އަދި ލީބިޔާއާ މެދު މިނަޒަރުން ވާހަކަތަކެއް އެބަދެކެވޭ ބާވައެވެ. ކޮންމެ ދުވަހަކު އިޒްރޭލުގެ ރޮކެޓާއި ބޮމާއި ބަޑިން ފަލަސްތީނުގެ އެތައް ބަޔަކު މަރައި ހުސްކުރަމުންދާއިރު ހުޅަނގުގެ މީޑިއާގައި ކަރުނައަޅާ ބަޔަކު އެބަފެނޭތޯއެވެ. އިންސާނިއްޔަތު ކަމަށްޓަކައި ޖަޒުބާތުވެގެން ހުޅަނގުގެ ޓީވީއަކަށް އަރައި ހުރެ މިބީދައިން ވާހަކަ ދައްކާ ދޮން މީހަކު އެބަފެނޭތޯއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އަމިއްލަ ފުރާނަޔާއި މިނިވަންކަމުގެ ހައްގުގައި ތެދުވާ ހަމަ ކޮންމެ މީހަކީ ޓެރަރިސްޓަކަށް ހަދައި ދުނިޔެއިން ވަކިކޮށްލަން ޖެހޭ މީހެކޭ ނޫން އެއްޗެެއް އެމީހުންނަށް ބުނެވޭ ބާވައެވެ. އިޒްރޭލާއި އެމެރިކާގެ އުދުވާންތައް އުދުވާނެއްގެ ގޮތުގައި ސިފަކުރެވޭ ބާވައެވެ. ނޫނެކެވެ. ނުކުރެވެއެވެ. ދެރަވެ ލަދުގަންނާންޖެހޭ ސަބަބަކީ އެއީއެވެ.
އިންސާނުންނަކީ އިންސާނުންނެވެ. ފުރާނަޔަކީ ފުރާނައެވެ. ކުލަޔާއި ދީނާއި ނަސްލަށް ބަލައިގެން ފުރާނަ ގިންތި ކުރުމަކީ ހަގީގީ އިންސާނިއްޔަތުކަން ދަންނަ ސިފައެއް ނޫނެވެ. އެކަމަކު މިކަންކަން މިހިރަ މަގުން އެ ހިނގަނީތާއެވެ. ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީއަކީ ހުޅަނގުގެ ނަޒަރުގައި މިހާރު އިންސާނިއްޔަތު ކަމާއި މިނިވަންކަމާއި ހައްގުތަކުގެ ޗެމްޕިއަނެކެވެ. އެކަމަކު އޭނާގެ ހަގީގީ ސޫރަ އޮތީ އަދި މުޅިއަކުން އެހެނަކުން ނޫނެވެ. އެހެންވީމާ އެދިމާލަށް ބަލައިލުމަކީވެސް ބޭނުންތެރި ކަމެެއްކަމުގައި ދެކެމެވެ. ޒެލެންސްކީއަކީ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ ޔަހޫދީއެކެވެ. ޔުކްރޭނުގެ ރިޔާސަތަށް 2019 ވަނަ އަހަރު ވަޑައިގަތުމަށްފަހު އޭނާގެ އެންމެ ބޮޑު ދެ މިތުރުންނަކީ އިޒްރޭލާއި އެމެރިކާއެވެ.
އިޒްރޭލަށް އޭނާ ދެތިން ފަހަރަކު ވަޑައިގެންފިއެވެ. ބޭނުންފުޅަކީ ގުދުސްގައި ހުންނަ ހައިކަލް ސުލައިމާނުގައި އަޅުކަން ކުރެއްވުމެވެ. އެއްފަހަރަކު ވަޑައިގަތީ އިޒްރޭލް ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ވަރަށް ބޮޑު އުދުވާނަކާއި ލޭއޮހޮރުވުމެއް ފަށައި ފަލަސްތީނުގެ މުސްލިމުން ޝަހީދު ކުރަމުންދިޔަ ދުވަސްކޮޅެއްގައެވެ. އެކަމަށް ޒެލެންސްކީ ވަރަށް ބޮޑަށް ތާއީދު ކުރައްވައި ހިތްވަރު ދެއްވިއެވެ. ވިދާޅުވިއެވެ. އިޒްރޭލުން އެކުރަނީ ހައްގު މަސައްކަތެކެވެ. ވާހަކަ ދައްކާންޖެހޭނީ ބަޑީންނެވެ. އަދިވެސް ވިދާޅުވިއެވެ. ބަޑީގެ ބޭނުން ކުރަންޖެހޭ ހާލަތާއި ވަގުތު އިޒްރޭލާއި ޔުކްރޭނުން ދަނެއެވެ. ޒެލެންސްކީއަށް ރައްދުދީ ޓުވިޓާރގައި ބައެެއް މީހުން ލިޔުނެވެ. މަނިކުފާނަށް މިނިވަންކަމާއި ހައްގުގެ ރަހަ މޭރުންވާނީ ރަޝިޔާގެ ބޮމުގެ ވާރޭ ޔުކްރޭނަށް ވެހޭންފެށި އިރަކުންނެވެ. މިއަދު މިފެންނަނީ އެމަންޒަރެވެ.
ގާޒާއަށް ހުސްވި 2021 ވަނަ އަހަރު އިޒްރޭލުން ހަމަލަދީ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތިކުރަމުން ދިޔައިރު ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ކުށްވެރިކުރުމުގެ ބަދަލުގައި އިޒްރޭލު ދިފާއުކޮށްފައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި ލީޑަރަކީވެސް ޒެލެންސްކީއެވެ. މިކަމާ ގުޅިގެން ހުސްވި އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ ޒެލެންސްކީއަށް ޝުކުރުވެސް އަދާކުރައްވައިފައެވެ. ކޮންމެއަކަސް މިހިރީ ޒެލެންސްކީގެ ކަންތައްވެސް ހުރިގޮތެވެ. ޔުކްރޭނު ދޫކޮށް ފައިބާން ޖެހިއްޖެ ހާލަތެއްގައި ޒެލެންސްކީއާއި އޭނާގެ އާއިލާއަށް ސިޔާސީ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރަތަމަ ހުށައެޅި ގައުމަކީވެސް އިޒްރޭލެވެ. އެހެންވީމާ މިހިރަމިހިރަ ކަންކަމަކީ ހަމައެކަނި އިންސާނިއްޔަތުގެ ތިލަފަތަކުން މިނެކިރައިގެން ކުރާ ކަންކަމޭ ދެންނެވޭކަށް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ