އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އިންތިހާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ ކޮމިޝަނަށް ރައީސް އައްޔަންކުރުމަށް އިސްކަންދެއްވާ ފަސް ބޭފުޅުންގެ ނަން، އެމަނިކުފާނު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ފާހަގަކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ފަސް ބޭފުޅުންގެ ނަންތައް އިއްވަވައި ދެއްވީ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއެވެ.
- އާދަމް ޝާމިލް ތ. ވިލުފުށީ ރަތްވިލާގެ
- އަބްދުއްސަލާމް ށ. ނަރުދޫ ހަޥާ
- ތޯހާ މުހައްމަދު އދ. މާމިނގިލި ކަޅިހާރުގެ
- ޝަޒްނާ ހާޝިމް ހދ. ނޮޅިވަރަންފަރު ރިހިވިލު
- ޝިޔާމާ މުހައްމަދު ރ. ހުޅުދުއްފާރު ނާރެސް
މި ބޭފުޅުންތައް ނަންތައް މަޖިލީހަށް އިއްވެވުމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ އެނަންތައް އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ. ރައީސް އިސްކަންދެއްވި ފަސް ބޭފުޅުންގެ އިތުރުން ދެން އެ ކޮމިޝަނަށް ކުރިމަތިލެއްވި މެންބަރުންގެ ނަންތައްވެސް ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ.
އޭސީސީއަށް އައްޔަންކުރާ މެންބަރުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރަނީ އެ ބޭފުޅުންގެ ނަންތައް ކޮމިޓީން ދިރާސާކޮށް އެކަމާބެހޭ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސްކުރުމަށްފަހު ގައެވެ.
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ކުރި މުއްދަތު މިދިޔަ މަހުގެ 31 ވަނަ ދުވަހަށް ހަމަވެފައިވާ އިރު، 30 އަށްވުރެ ގިނަ މީހުން ކުރިމަތިއެވެ.
އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެންމެ ފަހުން އޭސީސީގައި ތިއްބެވި މެންބަރުން އެ ކޮމިޝަނުން އިސްތިއުފާދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.
އޭސީސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާބދެއްވައިފިބނަމަ 60 ދުވަސް ތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު