މިރޭ ކުޅުނު ލީގު ކަޕް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، ރެކޯޑު ނުވަ ވަނަ ފަހަރަށް ލިވަޕޫލުން މުބާރާތް ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތުގެ ކުޅުންވެސް ހަމަވި އިރު، މެޗު އޮތީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. ޕެނަލްޓީގައި 10-11 އިން މެޗު ކާމިޔާބު ކޮށް ލިވަޕޫލުން މެޗު ކާމިޔާބުކޮށް، އެޓީމުން ވަނީ ނުވަ ވަނަ ފަހަރަށް ލީގު ކަޕް ކާމިޔާބު ކޮށްފައެވެ.
މިރޭގެ ފައިނަލަށް ނުކުތް އިރުވެސް ލިވަޕޫލަކީ މިހާތަނަށް ލީގު ކަޕް ދުއް އެންމެ ކާމިޔާބު އެއް ޓީމެވެ. އެޓީމުން އަށް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ. އެންމެ ގިނައިން މުބާރާތް ހޯދި ދެޓީމަކީ ލިވަޕޫލާއި މެންޗެސްޓާ ސިޓީއެވެ. އެ ދެޓީމުންވެސް އަށް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ ފަސް އަހަރު ލީގު ކަޕްވެސް ނެގީ ސިޓީންނެވެ.
ޗެލްސީން ނުކުތީ އެޓީމުގެ ތާރީހުގައި ހަވަނަ ފަހަރަށް ލީގު ކަޕް ނެގުމަށެވެ. މިވަގުތު ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީން މީގެ ކުރިން އެންމެފަހުން ލީގު ކަޕް ކާމިޔާބު ކޮށްފައި އޮތީ 2015 ވަނަ އަހަރުއެވެ.
މިރޭގެ ފައިނަލް ފެނުނީ "ޑްރާމާ" ބޮޑު ފައިނަލެއްގެ ގޮތުގައެވެ. ހަމަލާތައްވެސް ގިނައިން ފެނިގެން ގޮސްފައިވާ އިރު، ވީއޭއާރްގެ އެހީގައި ގޯލުތައް ކެންސަލް ކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ. ދެޓީމުންވެސް ކުޅުނީ އެޓޭކިން ކުޅުމެކެވެ. ދެޓީމުގެ ގޯލްކީޕަރުން ފަރާތުންވެސް މުހިއްމު ސޭވްތައް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.
ލިވަޕޫލްގެ ގޯލް ބަލަހައްޓަން ކޯޗު ޔާގަން ކްލޮޕް މިރޭގެ ފައިނަލަށް ނެރުނީ އުމުރުން 23 އަހަރުގެ ކޯމްހިމް ކެލެހާއެވެ. ޗެލްސީގެ ގޯލު ބެލެހެއްޓީ އެޑުއާޑް މެންޑީއެވެ. ދެ ކީޕަރުންވެސް މޮޅަށް ކުޅުނު އިރު، މެންޑީގެ ފަރާތުން ވަނީ ހާއްސަކޮށް އާދަޔާހިލާފު މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.
ފުރަތަމަ ހާފުގައިވެސް ލިވަޕޫލްގެ ނަބީ ކެއީޓާ ޖެހި ބޯޅައެއް ސޭވްކޮށް، އެ ބޯޅައިގެން ރީބައުންސްގައި ސަޑިއޯ މާނޭ ޖެހި ބޯޅަވެސް މަތަކޮށް ދުއްވާލީ މެންޑީއެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ މަތަކުރީ ލިވަޕޫލްގެ ގޯލްކީޕަރު ކެލެހާއެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ޗެލްސީގެ މޭސަން މައުންޓަށް މުޅިން ހުސްކޮށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ރަނގަޅަށް ފަށައި، ހަމަލާތައްވެސް އުފެއްދިއެވެ. ހަމަލާތަކުގެ ތެރެއިން ލިބުނު ހިލޭ ޖެހުމެއްގެ އެހީގައި ލިވަޕޫލްގެ ޑިފެންޑަރު ޖޯލް މަޓިޕް ވަނީ ޗެލްސީ ގޯލަށް ބޯޅަ ވައްދާވެސް ލައިފައެވެ. އެއީ ގޯލެއް ކަމަށް ފުރަތަމަ ދެއްކި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް އެސިސްޓް ކޮށްދިން މާނޭއަށް އޭރިއާ ތެރެއިން ބޯޅައިގައި ޖައްސަން ފުރުސަތު ފަހިވީ ވާޖިލް ވެންޑައިކް އޮފްސައިޑްގައި ހުރެ ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސްއަށް ހުރަސް އެޅުމުން ކަމަށެވެ.
އޭގެ އިތުރުން ފަހު ހާފުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް އާއި ވެންޑައިކް ޖެހި ބޯޅަތައްވެސް މަތަކުރީ މެންޑީއެވެ. އަނެއްކޮޅުން މޭސަން މައުންޓަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދަނޑީގައި ޖެހި ބޭރަށް ދިޔަ އިރު، ލިވަޕޫލް ޑިފެންސް ކައިރިން ދެމި ގަނެ ލުކާކޫ ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް، އެއީ ގޯލެއް ނޫން ކަމަށްވެސް ރެފްރީ ނިންމީ ވީއޭއާރްގެ އެހީގައެވެ.
މެޗު އިތުރު ވަގުތަށް ގޮސްވެސް ފެނުނީ ފުރުސަތުތައް ގިނަކޮށެވެ. ކައި ހަވާޓް ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް އެ ބޯޅަށް މަސައްކަތް ކުރި އިރު ހަވާޓްސް އޮތީ އޮފްސައިޑް ގައެވެ. އަނެއްކޮޅުން އިތުރު ވަގުތުގައި ލިވަޕޫލް މަޑު ރާގެއްގައި ފެނުނު އިރު، ޗެލްސީން ވަނީ ޕެނަލްޓީއަށް ކެޕާ އަރީޒާބަލާގައި ގޯލަށް ނެރެފައެވެ.
ކެޕާއަކީ ޕެނަލްޓީއަށް ހާއްސަ ގޯލްކީޕަރެއްގެ ގޮތުގައި ކުރިންވެސް ފާހަގަވެފައިވާ އިރު، މީގެ ކުރިން އޭނާ ވަނީ ޗެލްސީއަށް މުހިއްމު ޝޫޓްއައުޓްތަކެއް ނަގައިދީފައެވެ. އޭގެ ތެރޭގައި ޔޫއެފާ ސުޕަ ކަޕްގެ ޕެނަލްޓީ ޝޫޓްއައުޓް ހިމެނެއެވެ. އެ މެޗަށްވެސް ކެޕާ ނުކުތީ ސީދާ ޕެނަލްޓީއަށެވެ.
ޝޫޓްއައުޓްގައި ޖެހި ފުރަތަމަ 10 ޕެނަލްޓީވެސް ދެޓީމުން ކާމިޔާބު ކޮށްފައިވާ އިރު، ގޯލްކީޕަރުންވެސް ވަނީ ޕެނަލްޓީ ޖަހަން ޖެހިފައެވެ. ލިވަޕޫލްގެ ޒުވާން ގޯލްކީޕަރު ކެލެހާ ޖެހި ޕެނަލްޓީ ވެއްދި ނަމަވެސް ޗެލްސީގެ ކެޕާ ޖެހި ޕެނަލްޓީ ދިޔައީ މަތިންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު